އެމެރިކާގެ ފްލޮރިޑާ ސްޓޭޓަކީ 21 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްޓޭޓެކެވެ. އަދި ފްލޮރިޑާއަކީ މި ފަހަރުގެ ރިއާސީ އިންތިހާބުގެ އެންމެ ބޮޑު ސްވިންގް ސްޓޭޓަށް ވެދާނެ ސްޓޭޓެވެ. ޖޯގްރަފިކް އެ ސްޓޭޓްގެ ސައިޒާއި އާބާދީ އިތުރުވާ މިންވަރާއި އަދި ތަފާތު ނަސްލު ތަކުގެ މީހުނާއި މައްސަލަތައް އޮތް ގޮތުގެ ސަބަބުން ފްލޮރިޑާ ސްޓޭޓް ވެފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ވޯޓުގައި އެންމެ ބޮޑަށް ނޭވާ ހިފަހައްޓާލަން ޖެހޭނެ ސްޓޭޓަށެވެ. ސަބަބަކީ އެ ސްޓޭޓްގެ ނަތީޖާ ލަފާ ކުރަން ވަރަށް ބޮޑަށް އުނދަގޫވެފައި ވުމެވެ.
އެމެރިކާގެ އެންމެ ބައި ބޯ ދެ ސްޓޭޓް ކަމުގައިވާ ކެލިފޯނިއާ އާއި ނިއުޔޯކް އަކީ ޑިމޮކްރެޓިކް ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް ފަސޭހަ އިން ކާމިޔާބު ކުރެވިދާނެ ދެ ސްޓޭޓް ކަމުގައި މިހާރުވެސް ބެލެވެ އެވެ. މިހެން ވުމާއެކު އަނެއްކޮޅުން އެމެރިކާގައި ތިންވަނައަށް އެންމެ މީހުން ގިނަ ފްލޮރިޑާއަކީ ރިއާސީ އިންތިހާބުގައި މި ފަހަރު "ކާލާ މަންނަ" އަށް ވެސް ވެދާނެ އެވެ. މާނަ އަކީ މިފަހަރު އެންމެ މުހިންމު ސްޓޭޓަކީ ފްލޮރިޑާއަށް ވެސް ވެދާނެ އެވެ.
ފްލޮރިޑާއަށް 29 އިލެކްޓޯރަލް ކޮލެޖް ވޯޓު ހަމަޖެހިފައި ވެއެވެ. އެހެން އަބަދުވެސް ފްލޮރިޑާ ވެފައި ވަނީ މުސްތަގުބަލްގެ ރައީސް ކުރިއަށް ލަފާ ކުރުމުގައި ރަން ވަނައެއް ހޯދާފައިވާ ސްޓޭޓެކެވެ. މިގޮތުން 1996 ވަނަ އަހަރުން ފެށިގެން ވޭތުވެ ދިޔަ ހަ އިންތިހާބު ގައި ފްލޮރިޑާގެ އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކު ވެފައި ވަނީ ޖެހިގެން އަންނަ ހަތަރު އަހަރު ވައިޓް ހައުސް ގައި އުޅުއްވާ ބޭފުޅަކަށެވެ.
އަދި މިސްޓޭޓް ވެފައި ވަނީ ގިރިސްލާފައިވާ ހުޅެއް ހެލުވޭ ފަދައިން ދެ ފަރާތައް ހެލޭ ސްޓޭޓަކަށެވެ. އެންމެ ފަހުގެ ހަ އިންތިހާބު ގައި ފްލޮރިޑާގެ ރައްޔިތުން ވަނީ ހަމަހަމަކޮށް ޑިމޮކްރެޓިކް ތިން ރައީސުންނާއި ރިޕަބްލިކަންގެ ތިން ރައީސުން އިންތިހާބު ކޮށްފަ އެވެ.
މި ސްޓޭޓްގައި މިފަހަރުގެ ރިޔާސީ ދެ ކެންޑިޑޭޓުން ވޯޓު ހޯއްދެވުމަށް ވަރަށް ވަރުގަދަ އަށް "ޕިޗް ބެޓްލް" ހަނގުރާމަ އެއް ކުރައްވާ އިރު މި ސްޓޭޓް ވެފައި ވަނީ ރިޕަބްލިކަން ޕާޓީން ވާދަ ކުރައްވާ ޑޮނަލްޑް ޓްރަންޕަށް ވަރަށް މުހިންމު ސްޓޭޓަކަށެވެ. ސަބަބަކީ ޓްރަންޕަށް ފްލޮރިޑާ ކާމިޔާބު ނުކުރެވިއްޖެ ނަމަ ގެއްލުން ފޫބައްދަން އިތުރު އެތައް "ބެޓްލް ގްރައުންޑް" ސްޓޭޓްސް އެއް ކާމިޔާބު ކުރައްވަން ޖެހި ވަޑައިގަންނަވާނެތީ އެވެ.
މީގެ ހަތަރު އަހަރު ކުރިން ޓްރަންޕް ވަނީ މި ސްޓޭޓް ކާމިޔާބު ކުރައްވާފަ އެވެ. އެކަމަކު މި ފަހަރުގެގެ އިންތިހާބުގައި އަދި ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. އެހެން ނަމަވެސް އެއީ އަދި ލަފާގާތްކުރާ ކުރިއެރުމެއް ނޫނެވެ. ފްލޮރިޑާ ބަދަލުވެގެންދާނެ ގޮތް ބުނެދޭން ވަރަށް ބޮޑަށް ވަނީ ދަތިވެފަ އެވެ.