އެމެރިކާގެ ރިއާސީ އިންތިހާބުގައި ވޯޓުލާ މީހުން އެމެރިކާގެ ރައީސް ކަމުގައި ރައީސް ޑޮނަލްޑް ޓްރަންޕް އިތުރަށް ބަހައްޓަވަން ފެނޭތޯ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ވޯޓު ލާނެ އެވެ. ރައީސް ޓްރަންޕާއި ވާދަ ކުރައްވަނީ ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން އެވެ. ބައިޑަން ބޮޑަށް މަޝްހޫރު ވެވަޑައިގެންފައި ވަނީ ބަރަކް އޮބަމާގެ ދައުރުގެ ނާއިބު ރައީސް ގެ ގޮތުގަ އެވެ. އެމަނިކުފާނު ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި 1970 އިގެ އަހަރު ތަކުން ފެށިގެންްްް ކާމިޔާބު ދަތުރެއް ކުރައްވާފަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުއްވަނީ ބައިޑަން
ގައުމީ ހިޔާލު ހޯދުމުގެ ވޯޓުތަކަކީ ރިއާސީ ކެންޑިޑޭޓެއްގެ މަގުބޫލުކަން އެކި ސްޓޭޓް ތަކުގައި އޮންނަ މިންވަރު ދައްކުވައިދޭ ވަރަށް މުހިންމު އެއްޗަކަށް ނުވަތަ އެންމެ މުހިންމު ބަޔަށް ބައެއް ފަހަރު އެމެރިކާގައި ވެއެވެ. އެހެން ނަމަވެސް އެއީ ރިޔާސީ އިންތިހާބެއްގެ ނަތީޖާ ލަފާ ކުރަން ކޮންމެހެން މުހިންމު ކަމެއް ނޫނެވެ.
މިސާލަކަށް 2016 އިގެ ރިއާސީ އިންތިހާބަށް ބަލާއިރު ހިޔާލު ހޯދުމުގެ ވޯޓު ތަކުން ދެއްކި ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން އުޅުއްވެވީ މާކުރީގަ އެވެ. އެ ނަމްބަރުތަކުން ހިލަރީ އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ. އެކަމަކު ހިލަރީ ކްލިންޓަނަށް ވަނީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަންޕަށްވުރެ ގިނައިން ތިން މިލިއަން ވޯޓު އެކަމަނާ ހޯއްދެވި އެވެ.
އެހެންވާން ޖެހުނު ސަބަބަކީ އެމެރިކާގެ ރިއާސީ އިންތިހާބުގައި އަމަލު ކުރާ އުސޫލަކީ އެންމެ ގިނަ ވޯޓު ކާމިޔާބު ކުރައްވާ -- ޕޮޕިއުލާ ވޯޓް -- ކެނޑިޑޭޓް އެއްގެ ބަދަލުގައި އިލެކްޓޯރަލް ކޮލެޖް ސިސްޓަމުން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅަކާ ދިމާއަށް ނަތީޖާ އެނބުރުމެވެ. އެހެންވެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރައްވާ ބޭފުޅަކީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ނުވެދާނެ އެވެ.
ހިލަރީ ކްލިންޓަނަށްވުރެ ކުރިން އެކަމަނާގެ ފިރިކަލުން ރައީސް ބިލް ކްލިންޓަންގެ ވެރިކަމަށް ފަހު ޑިމޮކްރެޓިކް ޕާޓީން ރިއާސީ ރޭހުގައި ވާދަ ކުރެއްވެވި ކްލިންޓަންގެ ނައިބު ރައީސް އަލްގޯ، ރިޕަބްލިކަންގެ ޖޯޖް ޑަބްލިއު ބުޝް އާއި ވާދަ ކުރައްވާ ވެސް ބަލިވެވަޑައިގަތީ އިލެކްޓޯރަލް ވޯޓުންނެވެ. ޕޮޕިއުލާ ވޯޓުން އަލްގޯ އުޅުއްވީ ބުޝް އަށްވުރެ އެތައްތަނެއް ކުރީގަ އެވެ
މި އަހަރު ފެށުނީއްސުރެ އެމެރިކާގައި ނަގަމުން ދިޔަ ހިޔާލު ހޯދުމުގެ ވޯޓު ތަކުން ޖޯ ބައިޑަން އުޅުއްވަނީ ރައީސް ޑޮނާލްޑް ޓްރަންޕަށްވުރެ ކުރީގަ އެވެ. އެކަމަކު ވޭތުވެދިޔަ މަސްތަކަށް ބަލާއިރު ބައިޑަން ކުރީގައި އުޅުއްވަނީ ޓްރަންޕަށް ވުރެ ކުޑަ ތަންކޮޅެކެވެ. ބައެެއްފަހަރު ދިހަ ޕަސެންޓްގެ ފަރަގެއްގައި ވެސް ބައިޑެން ހުންނަވަ އެވެ. އަދި އެއަށްވުރެ ވާދަވެރި ވެސް ވެއެވެ. އެކިފަހަރު އެކި ވަރަށެވެ. ޓްރަމްޕަށް ކުރި ލިބި ވަޑައިގެންފައި ވެސް ވެއެވެ.
މި އިންތިހާބުގައި ނަތީޖާ ނެރޭނީ ކޮން ސްޓޭޓް ތަކަަކުން
ގިނަ ސްޓޭޓް ތަކުން އާންމުކޮށް ވޯޓު ދެނީ އެއްގޮތަކަށެވެ. މާނައަކީ ކުރިން ވެސް ވޯޓު ދިން ޕާޓީ އަށެވެ. ވަރަށް މަދު ސްޓޭޓެތަކެއްގައި ވޯޓުލާ މީހުންގެ ހިޔާލަކީ އެނބުރޭ އެއްޗެކެވެ. އެއީ ސްވިންގް ވޯޓާޒް ސްޓޭޓެވެ. މިފަދަ ސްޓޭޓްތަކުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ. އޮންނަ ގޮތަކީ ފަހު މިނެޓާއި ޖެހެންދެން ކާމިޔާބުވާނެ ކަމުގެ އުންމީދެއް އޮތްތޯ ބަލައި ނަތީޖާއަށް އިންތިޒާރު ކުރުމެވެ.
ސްވިންގް ވޯޓާޒް ސްޓޭޓް ތަކަކީ އިންތިހާބުގެ އެންމެ ފަހު ނަތީޖާ ނުވަތަ އަނބުރާލާ ނަތީޖާ ކަނޑައަޅާ ސްޓޭޓްތަކެވެ. އިންތިހާބެއް ކާމިޔާބު ވުމާއި ނާކާމިޔާބު ވުން ބިނާވެފައި ވަނީ ސްވިންގް ސްޓޭޓް ތަކުގެ ނަތީޖާ އަށެވެ. މިފަދަ ސްޓޭޓްތަކަށް "ބެޓްލް ގްރައުންޑް ސްޓޭޓްސް" ނުވަތަ "ހަނގުރާމައިގެ މައިދާން ސްޓޭޓް" ތައް ގޮތުގައި ސިފަ ކުރެއެވެ.
ބެޓްލް ގްރައުންޑް ސްޓޭޓްތަކަކީ ކޮބައި؟
އެމެރިކާގެ އިލެކްޓޯރަލް ކޮލެޖް ސިސްޓަމްގެ ތެރެއިން ރައީސަކު ހޮވުމުގައި ކޮންމެ ސްޓޭޓަކަށް ވެސް ވޯޓް ކަނޑައަޅަނީ އެ ސްޓޭޓަކުން ކޮންގްރެސް -- ހައުސް އަދިި ސެނެޓް ހިމެނޭ ހޮތަށް -- ހޮވޭ މެމްބަރުންގެ އަދަދަށް ބިނާ ކޮށެވެ. މުޅި ޖުމްލަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގެ އަދަދަކީ 538 އެވެ. މީގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 ވޯޓުގެ އަޣުލަބިއްޔަތެވެ. ބައެއް ބެޓްލް ގްރައުންޑް ސްޓޭޓް ތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓަކީ އަނެއްބައި ސްޓޭޓް ތަކުގެ ވޯޓަށްވުރެ މާ ގިނަ އަދަދެކެވެ. އެހެންވުމާއެކު ކެންޑިޑޭޓުން ބޮޑަށް އިސްކަން ދެއްވާނީ ގިނަ އިލެކްޓޯރަލް ކޮލެޖް ލިބޭ ސިޓީ ތަކަށެވެ.
އެމެރިކާ ގެ އެންމެ ގިނަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ލިބޭ ފަސް ސްޓޭޓަކީ 55 އޮތް ކެލިފޯނިއާ އާއި 38 ލިބޭ ޓެކްސާސް އާއި 29 ވޯޓް ލިބޭ ނިއުޔޯކް އާއި 29 ލިބޭ ފްލޮރިޑާ އާއި 20 އޮތް ޕެންސިލްވޭނިއާ އެވެ.
ބެޓްލް ގްރައުންޑުން ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް
ހިޔާލު ހޯދުމުގެ ވޯޓު ތަކުން ދައްކާ ގޮތުގައި މިވަގުތު ބެޓްލް ގްރައުންޑް ސްޓޭޓް ތަކުގައި ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އެކަމަކު އިންތިހާބަށް އަދިވެސް ދިގު ރާސްތާއެއް އޮތުމާއެކު ނަތީޖާ ކޮންމެ ގޮތަކަށް ވެސް ބަދަލު ވެގެން ހިނގައިދާނެ އެވެ. ހާއްސަކޮށް އަނެއް ކޮޅުގައި ރައީސް ޑޮނަލްޑް ޓްރަންޕް ހުންނެވުން ވެފައި ވަނީ އެގޮތް މެދުވެރި ވެދާނެ ވަރަށް ބޮޑު ސަބަބަކަށެވެ. ހިޔާލު ހޯދުމުގެ ނަތީޖާއަށް ބުރަވާއިރު މިޗިގަން އާއި ޕެންސިލްވޭނިއާ އަދި ވިސްކޮންސިން ގައި ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. މި ތިން ސިނާއީ ސްޓޭޓްގައި 2016 ވަނަ އަހަރުގެ އިންތިހާބުގައި ހިލަރީގެ މައްޗަށް ޓްރަންޕް ކުރި ހޯއްދެވީ އެންމެ ޕަސެންޓަކުންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ "ބެޓްލް ގްރައުންޑް ސްޓޭޓްސް" ތަކަކީ ޓްރަންޕަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސްޓޭޓް ތަކެވެ. އެކަމަކު މި ފަހަރުގެ އިންތިހާބުގައި ބެޓްލް ގްރައުންޑް ސްޓޭޓްސް ތަކަކީ ޓްރަންޕްގެ ކެމްޕޭން ޓީމުން އެންމެ ބޮޑަށް ވިސްނަން ޖެހޭ ސްޓޭޓްތަކެވެ. އެހެނެއް ކަމަކު ބެޓިން މާކެޓް ތަކުން އަދި ޓްރަންޕް ބަލިވެ ވަޑައިގެންނެވިކަމަށް ގަބޫލު ނުކުރެ އެވެ. އެކަމަކު "ލޭޓެސްޓް އޮޑްސް" ނުވަތަ ކާމިޔާބު ލިބުމުގެ ޗާންސުން ނޮވެމްބަރުގެ އިންތިހާބުގައި ޓްރަންޕަށް ކާމިޔާބުވުމުގެ ފުރުސަތު އޮތީ 50 އަށް ވުރެ ދަށުގަ އެވެ. ނަމަވެސް ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އަދި ބޮޑު ބަދަލެއް އތުވެދާނެ އެވެ.
އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރައްވާ ގޮތުގައި ބައިޑަން އުޅުއްވަނީ މީގެ ކުރިން 2008 އަދި 2012 އިގެ އިންތިހާބު ގައި ބަރަކް އޮބާމާ ކާމިޔާބު ކުރެއްވި ގިނަ ސްޓޭޓް ތަކުގައި ކުރީގަ އެވެ. އެކަމަކު އެ ސްޓޭޓް ތަކަކީ ސްވިންގް ވޯޓާޒް ސްޓޭޓް ތަކަށްވެ 2016 ވަނަ އަހަރުގެ އެ ސްޓޭޓް ތަކުން ހިލަރީގެ މައްޗައް ކުރި ހޯއްދެވީ ޓްރަންޕެވެ. މިފަހަރުގެ ވޯޓުގައި ސްވިންގް ސްޓޭޓް ތަކުގެ ތެރޭގައި ފްލޮރިޑާ އާއި މިޗިގަން އާއި ނޯތު ކެރޮލައިނާ އާއި ޕެންސިލްވޭނިއާ އަދި ވިސްކޮންސިން ހިމެނެ އެވެ.
މި ފަސް ސްޓޭޓުން އެކަނި ވެސް 90 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭނެ އެވެ. މި ފަސް ސްޓޭޓް ކާމިޔާބު ކުރައްވާ ބޭފުޅަކަށް އިންތިހާބު ކަމިޔާބު ކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ފަސް ސްޓޭޓްގައި ވެސް މިވަގުތު ކުރީގައި އުޅުއްވަނީ ޖޯ ބައިޑެން އެވެ.
ފްލޮރިޑާގައި ކުޑަ ތަފާތަކުން ޖޯ ބައިޑެނެ އުޅުއްވާއިރު އެ ސްޓޭޓްގެ އިންތިހާބު ޖޯ ބައިޑެން ކަމިޔާބު ހޯދައިދޭން، ރިޔާސިީ ޕްރައިމަރީގައިގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ޖޯ ބައިޑެން އާއި ވާދަކުރައްވައި ނާކާމިޔާބު ލިބި ވަޑައިގެންނެވި މަލްޓި ބިލިއަނާ އަދި ނިއު ޔޯކުގެ ކުރީގެ މޭޔާ މައިކަލް ބްލޫމްބާގް ވަނީ 100 މިލިއަަން ޑޮލަރު ހޭދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެެ. މިކަމާއި ގުޅިގެން ޑޮނަލްޑް ޓްރަންޕް މިހާރު ވެސް ވަނީ ބްލޫންބާގަށް ހަޖޫޖައްސަަވާ މަލާމާތް ކުރައްވާފަ އެވެ.
ކޮވިޑްގެ ސަބަބުން އިންތިހާބަށް އަސަރު ކުރާނެތަ؟
ކޮރޯނާ ވައިރަސްގެ ހަބަރުތަަަކަކީ މި އަހަރު ފެށެނީއްސުރެ އެމެރިކާގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަމުންދާ ހަބަރު ތަކެކެވެ. އަދި މި ބަލާއާފާތާއި ގުޅޭގޮތުން ރައީސް ޓްރަންޕް އެޅުއްވި ފިޔަވަޅުތަކަކީ ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް ހިޔާލުތައް ކަފިކަފި ވެފައިވާ ކަން ކަމެކެވެ. ޓްރަމްޕް ފިޔަވަޅު އެޅުއްވި ގޮތާމެދު މީހުން އެންމެ ބޮޑަށް ތާއީދު ކުރީ މާޗް މަހުގެ މެދުތެރޭގަ އެވެ.
ޓްރަމްޕް ވަނީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި 50 ބިލިއަން ޑޮލަރު ކޮވިޑް 19 ފެތުރުން ހުއްޓުވަން ސްޓޭޓް ތަކުން ހަރަދު ކުރުމަށް ހަމަޖައްސަވާ ދެއްވާފަ އެވެ. އޭރު އެމެރިކާގެ ރައްޔިތުންގެ 55 ޕަސެންޓް ޓްރަމްޕް ސިއްހީ ކަންތަކުގައި ގެންގުޅުއްވި ސިޔާސަތަށް ތާއީދު ކުރިއެވެ. އެކަމަކު ޖުލައި މަހު ޑިމޮކްރެޓުންގެ އޮތް ކުޑަ ތާއީދު ގެއްލުމުގެ އިތުރަށް ރިޕަބްލިކަން ގެ ތާއީދު ވެސް ދަށްވެ ޓްރަންޕްގެ އަމިއްލަ ސަޕޯޓަރުން ވެސް މި ބަލާއާފާތުގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތާމެދު ސުވާލު ކުރަން ފަށާފައި ވެއެވެ.
ހިޔާލު ހޯދުމުގެ ވޯޓައް އިތުބާރު ކުރެވޭތޯ؟
ހިޔާލު ހޯދުމުގެ ވޯޯޓަކީ އެހާ އިތުބާރު ހިފޭ އެއްޗެއް ނޫނޭ ވެސް ބުނެވިދާނެ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ އިންތިހާބުގައި ހިޔާލު ހޯދުމުގެ ވޯޓުުން ހިލަރީ މަދު ޕަސެންޓްކޮޅަކުން އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވުނެވެ. ނަމަވެސް ލަފާ ކުރި ގޮތާއި ހިލާފަށް އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޓްރަންޕެވެ. އޭގެ މާނައަކީ ހިޔާލު ހޯދުމުގެ ވޯޓު މުޅީން ގޯސްވުމެއް ވެސް ނޫނެވެ. ހިލަރީ ވަނީ ޓްރަމްޕަށް ވުރެ ތިން މިލިއަން ވޯޓް އިންތިހާބުގައި އިތުރަށް ހޯއްދަވާފަ އެވެ.
އިންތިހާބުގެ ތެރޭގައި ވެސް ޓްރަންޕް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ އިލެކްޓޯރަލް ކޮލެޖް އެންމެ ގިނައިން ލިބޭ ސްޓޭޓްތަކަށް ކަމަށެވެ. އެމެރިކާގައި ރިއާސީ ނިޒާމުގައި އެހެން ގައުމުތަކާއި ހިލާފަށް ޕޮޕިއުލާ ނުވަތަ އެންމެ ގިނަ ވޯޓު ގެ ބަދަލުގައި އިންތިހާބު ކާމިޔާބު ކުރެވެނީ އިލެކްޓޯރަލް ކޮލެޖްގެ އަޣލަބިއްޔަތު ކަމަށްވާ 270 ވޯޓް ލިބިވަޑައިގަންނަވާ ކެންޑިޑޭޓެކެވެ.
ދެނިޔޭގެ އެންމެން ނޭވާ ހިފަހައްޓައިގެން މިހާރު ތިބެން މި ޖެހެނީ ދުނިޔޭގެ "ސުޕާ ޕަވާ" ގެ ވެރިއަކަށް ދެން ހޮވި ވަޑައިގަންނަވާނީ ކޮންބޭފުޅަކުތޯ ބެލުމުގަ އެވެ. މި ސުވާލުގެ ޖަވާބު މި އަހަރު ނޮވެމްބަރު މަހުގެ ތިނެއްގައި ލިބޭނެ އެވެ. އަދި އެމެރިކާގެ ރައީސަކަށް ހޮވޭ ބޭފުޅަކު ވާނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ސަހުސިއްޔަތަށެވެ. ދެވަނަ ދައުރެއް ރައީސް ޓްރަމްޕަށް ލިބި ވަޑައިގެންފިނަމަ ދުނިޔެ ގަބޫލުކުރަން ދަތި އެތައް ކަމެއް އެމެރިކާގެ ކިބައިން އަންނާނެ އެވެ. ޖޯބައިޑަން ވަޑައިގެންނެވި ނަމަވެސް އެކަން ކުޑަ ކަމަކަށް ދުނިޔެއަށް ވެގެނެއް ނުދާނެ އެވެ.