އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެމަނިކުފާނު ވޯލްޓާ ރީޑް ނެޝަނަލް މެޑިކަލް ސެންޓަރުން ނުކުމެވަޑައިގަތީ އެމެރިކާ ގަޑިން ރޭ އިރު އޮއްސި 6:38 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގެ މެންދަމު 3.38 ގައެވެ. ހޮސްޕިޓަލުން ނުކުމެ ވަޑައިގަތުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޑު ނުކުރައްވާ ހަމައެކަނި "އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ވިދާޅުވުމަށް ފަހު އެމަނިކުފާނަށް ހާއްސަ ކުރެވިފައިވާ މެރިން ވަން ހެލިކޮޕްޓަރުގައި 20 މިނިޓްގެ ދަތުރުފުޅެއް ކުރައްވާ ވައިޓް ހައުސް އަށް ވަޑައިގަތީ އެވެ.
ހެލިކޮޕްޓަރު ސަދަން ލޯން އަށް ޖެއްސުމާއެކު އާންމުކޮށް ބޭނުން ނުކުރައްވާ މަގަކުން ވަޑައިގަތުމަށް ފަހު އެމެރިކާ ގަޑިން 6:58 ގައި ވައިޓް ހައުސްގެ ސިޑިން ފުރަތަމަ ބުރީގެ ޓްރޫމަން ބެލްކަނީއަށް ރައީސް ޓްރަމްޕް އަރާ ވަޑައިގަތެވެ.
އެތަނުގައި ގިނިކަންޏާ ހުންނަވައި ފޭސް މާސްކް ނަންގަވައި ދެ ބޮޑުވައި އިނގިލިން ނޫސްވެރިންނަށް އިޝާރަތް ކުރެއްވި އެވ. އަދި މެރިން ވަން ހެލިކޮޕްޓަރު ނައްޓާލުމާއެކު ސެލިއުޓް ކުރެއްވުމަށް ފަހު އެތެރެއަށް ވަދެވަޑައިގެންނެވީ އެވެ. ޓްރަންޕް ބެލްކަނީއަށް ނުކުމެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އެހީތެރިން ވަނީ އެތަނުގައި ބަރިއަކަށް އެމެރިކާގެ ދިދަ ޖަހާފައި ވެއެވެ.
އެނބުރި ވައިޓް ހައުސްއަށް ވަޑައިގަތުމުގެ ކުރިޔަށް ހޮސްޕިޓަލް ދޫކޮށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވި އެވެ. އެގޮތުން "އަޅުގަނޑު ވޯލްޓާ މެޑިކަލް ސެންޓަރުން ރޭގަނޑު 6.30 ގައި ދަނީ" ކަމަށް އިއުލާން ކުރެއްވި އެވެ.
"ހާލު ވަރަށް ރަނގަޅު. އަޅުގަނޑަށް އިހުސާސް ކުރެވެނީ މީގެ 20 އަހަރުގެ ކުރިއަށް ވުރެ ވެސްް ރަނގަޅުހެން" ރައީސް ޓްރަންޕް ވިދާޅުވި އެވެ.
މިލިޓަރީ ހޮސްޕިޓަލަށް ރައީސް ޓްރަންޕް ގެންދެވުނީ މިދިއަ ހުކުރު ދުވަހު ހަވީރު ވައިޓް ހައުސް އިން ޓްރަންޕް އާއި އެމަނިކުފާނުގެ އަނބިކަބަލުން މެލާނިއާ ޓްރަންޕް ކޮވިޑަށް ޕޮޒިޓިވް ވިކަން އިއުލާން ކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭގަ އެވެ.
ޑޮކްޓަރުން ވިދާޅުވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޓްރަންޕް ވަނީ ހޮސްޕިޓަލުން ވައިޓް ހައުސް އަށް ބަދަލުކުރާ ވަރަށް ސިއްހީ ހާލުކޮޅު ރަނގަޅުވެފައި ކަމަށެވެ. ޓްރަންޕުގެ ޕާސަނަލް ފިޒީޝަން ޑރ.ސީން ކޮންލޭ ވިދާޅުވީ ޓްރަންޕުގެ ހުމުގެ އެއްވެސް އާލާސްކަންފުޅެއް ނެތްތާ މިހާރު 72 ގަޑިއިރުވެފައިވާ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ކުޑަކޮށް އޮކްސިޖަން ދެވިފައިވާ ކަމަށެވެ.
ޓްރަންޕުގެ ނަފްސާނީ ހާލުކޮޅާއި ބެހޭ ގޮތުން ޑޮކްޓަރާއި ނޫސްވެރިން ސުލުލު ކުރުމުން ވިދާޅުވީ ރައީސަކީ ހިތްވަރުގަދަ ޕޭޝަންޓެއް ކަމަށެވެ. އަދި އެމަނިކުފާނަށް ފަރުވާ ދެއްވާ ޓީމަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާ ކަމަށެވެ.
ކޮންލޭ އިތުރަށް ވިދާޅުވީ ރައީސް ޓްރަންޕް އަދި ވަނީ ނުރައްކަލުން އެކީގައި ސަލާމަތްވެ ވަޑައިގެންފައި ނޫން ކަމަށެވެ. ޓްރަންޕް ވައިޓް ހައުސް އަށް ބަދަލުވެވަޑައިގަތުމުން އެމަނިކުފާނަށް ފަރުވާ ދެއްވާ މެޑިކަލް ޓީމުން 24 ގަޑިއިރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެއްވާނެ ކަމަށެވެ.
ހާލު ވަރަށް ރަނގަޅު. އަޅުގަނޑަށް އިހުސާސް ކުރެވެނީ މީގެ 20 އަހަރުގެ ކުރިއަށް ވުރެ ވެސްް ރަނގަޅުހެން،ޑޮނަލްޑް ޓްރަންޕް | އެމެރިކާގެ ރައީސް
ޓްރަންޕުގެ ފުއްޕާމޭގެ ސްކޭނެއް ކުރެވުނުތޯ އާއި އެންމެ ފަހުން ކޮވިޑަށް ނެގެޓިވްވީ ކޮންއިރަކުތޯ ކުރެވުނު ސަުވާލަށް ތަފްސީލީ ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ މަސައްކަތް ކުރައްވަނީ ގައިންގަޔަށް އަރާ ބަލި ތަކާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ވައިޓް ހައުސް ގައި ރައީސް ޓްރަންޕް އާއި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިގެން ކަމަށެވެ.
ޓްރަންޕް ހޮސްޕިޓަލުން ވައިޓްސް ހައުސްއަށް ވަޑައިގަތުމުގެ ކުރިން ކޮވިޑަށް ބިރު ނުގަތުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ..
"ބިރު ނުގަނޭ، ކޮވިޑަށް ތިބޭފުޅުންގެ ދިރިއުޅުމުގެ މައްޗައް ގަދަވެގަތުމުގެ ފުރުސަތު ނުދެއްވާ. އަޅުގަނޑުމެން ޓްރަންޕުގެ ވެރިކަމުގައި ވަރަށް ރަނގަޅު ބޭހާއި މައުލޫމާތު ތަރައްގީ ކޮށްފިން" ޓްރަންޕް ވިދާޅުވި އެވެ.