ދުނިޔެ

އަފްޣާނުގައި ކާރު ބޮމެއް ގޮއްވާލައި 13 މީހުން މަރާލައިފި

އަފްޣާނިސްތާން ގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 13 މީހުން މަރާލައިފި އެވެ. މި ހާދިސާ ހިނގާފައި ވަނީ އިރުމަތީ އަފްޣާނިސްތާނުގެ ނަންގާހަރު ޕްރޮވިންސްގެ ގަނީ ކެލް އަވަށުގަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަންގާހަރުގެ ގަވަރުނަރުގެ ތަރުޖަމާން އަތާއުﷲ ހޮގްޔަނީ އޭއެފްޕީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޮން ގޮއްވާލައިފައި ވަނީ އެ އަވަށުގެ ހެޑްކްއާޓާަރުގެ މައި ދޮރުގެ ކުރިމަތީން ކަމަށާއި ހަމަލަ ދިނުމަށް ފަހު ހަތިޔާރު އެޅި އެތައް ބަޔަކު އިމާރާތުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ ހަނގުރާމަވެރިން އެ އިމާރާތަށް ވަނުމުގެ ކުރިން ހަމަލާ ދީ މަރާލާފަ އެވެ.

ބޮން ގޮއްވާލި އިމާރާތުގައި އަސްކަރީ ސަމާނު ވެސް ހުއްޓެވެ. ނަންގާހަރުގެ ޕްރޮވިންޝަލް ކައުންސިލްގެ މެމްބަރެއް ކަމުގައިވާ އުބައިދުﷲ ޝިންވަރީ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މަދުވެގެން އަށް މީހުންނަކީ އާންމުން ކަމަށެވެ.

މި ހަމަލައިގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. އާންމު ގޮތެއްގައި އަފްޣާނު ސަރުކާރާއި އަސްކަރީ ތަންތަނާއި އަދި އާންމުންނާއި ދެކޮޅަށް މިބާވަތުގެ ހަމަލަތައް ދެނީ އައިއެސްއައިއެސް އާއި ތާލިބާނުން ނެވެ.

މި ހަމަލަ މި އައީ އަފްޣާން ސަރުކާރާއި ތާލިބާނުންގެ ސުލްހައިގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާ ގައި ކުރިއަށް ދަނިކޮށެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ އެތައް އަހަރަކަށް ދިގު ދެމިގެންދާ އަފްޣާން ގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. މި މަޝްވަރާ ތަކާއި ހަމައަށް ދިޔައީ ފެބުރުއަރީ މަހު އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގަތަރުގެ ދޯހާ ގައި ވެފައި ވަނިކޮށެވެ.