ދުނިޔެ

ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު

ކޮވިޑް 19 އިގެ އާލާސްކަންފުޅު ޖެހި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ އެވެ. ޓްރަންޕްގެ ޑޮކްޓަރު ރޭވެސް ވިދާޅުވީ ރައީސްގެ "ހާލުކޮޅު މިވގުތު ވަރަށް ރަނގަޅު" ކަމަށެވެ.

މޭރީ ލޭންޑްގެ ބެތެސްޑާގެ މިލިޓަރީ ހޮސްޕިޓަލެއް ކަމުގައިވާ ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. ސޯން ކޮންލީ އިއްޔެ ވިދާޅުވީ ޓްރަންޕް ކުޑަ ކެއްސުމަކާއި ނޭފަތް ބެދުން އަދި ވަރުބަލިފުޅު ވުމުގައި އުޅުއްވުމަށް ފަހު މިހާރު ހުން ނާންނަތާ 24 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި ރޭ ވެސް ވިދާޅުވީ ރައީސްގެ ހުންނެވީ ބަރާބަރަށް ކަމަށެވެ. އަދި އޭގެ ފަހުން ރައީސްގެ ފަރާތްޕުޅުން އާންމު ކުރައްވާފައިވަ ވިޑިއޯ މެސެޖްގައި އެމަނިކުފާނު ވެސް ވިދާޅުވެފައި ވަނީ ދެކަނބަލުންގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ.

"މިވަގުތު އަޅުގަނޑާއި އަޅުގަނޑު ގެ ޓީމް މިތިބީ ރައީސްގެ ހާލުކޮޅު ރަނގަޅުވީ ވަރުން ވަރަށް އުފަލުން،" ޑޮކްޓަރު ވިދާޅުވި އެވެ. އިތުރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޓްރަންޕް މެޑިކަލް ސެންޓަރަށް ބަދަލު ކުރެއްވުމަށް ވެސް އޭނަ ވަނީ ލަފާ ދެއްވާފައި އެވެ. އެއީ ޓްރަންޕަށް ބޭނުންފުޅުވާ އިތުރު ސިއްހީ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށެވެ.

ޑޮނަލްޑް ޓްރަންޕުގެ ސިއްހީ ހާލުކޮޅު ރަނގަޅަށް އެނގި ވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށާއި އެކަމަކު ކުރިއަށް އޮތް 48 ގަޑިއިރަކީ ޓްރަންޕްގެ ސިއްހީ ފަރުވާގައި ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ.

ވައިޓް ހައުސް އިން ޓްރަންޕުގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމުގައި ބުނަމުން ދިޔަ ނަމަވެސްް ހުކުރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު ހަބަރަކީ ޓްރަންމްޕްގެ ހާލުކޮޅުގެ ނާޒުކު ކަމާމެދު އެމެރިކާގެ ގިނަ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދުނު ކަމެކެވެ.