ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ޕެންޑަމިކު އެކަމަކު މަސްދަތުރާއި ޕާޓީ!

މާޗްް 11 ގައި "ކޮވިޑް-19" އަކީ ޕެންޑެމިކެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅި ފަހުން މިއަދަށް 207 ދުވަސްވީ އެވެ. "ޕެންޑެމިކް" ނުވަތަ ބަލާއާފާތެއް ކަމަށް ކަނޑައަޅަނީ، މުޅި ދުނިޔެއަށް ފެތުރިގެންދާ ބައްޔެއް ގިނަ ބަޔަކަށް ޖެހުމުންނެވެ. ޗައިނާއިން ފެތުރުނު މި ވައިރަސް ރާއްޖެއާ ހަމައަށް ފޯރާ ރާއްޖެ މި ބައްޔާއެކު އުޅޭތާ 210 ދުވަސްވެއްޖެ އެވެ.

ކޮވިޑް ރާއްޖޭގައި ފެތުރިގެން ދިޔަ ފުރަތަމަ ދުވަސްތައް މިހާރު ހަނދާނަށް ގެންނާށެވެ.

މާސްކު އެޅުމާއި އަތްދޮވުމާއެކު އެންމެން ވެސް ބެލީ ގައިދުރުކަން ބަހައްޓާ މީހުން އެއްވާ ތަންތަނަށް ނުދިއުމަށެވެ. ރައްކާތެރި ނުވެފައި ކޮވިޑް ޖެހުމުގެ ޗާންސް ބޮޑު ވީމަ އެވެ. ފުރިހަމަ ލޮކްޑައުނަކަށް ދިއުމުގެ ކުރިން ވެސް ބޭރަށް ނުކުމެ އުޅުން މަދު ކުރި އެވެ. ކާފިއު ދުވަސްވަރު ގަޑި ޖެހޭ އިރަށް ދޮރުތައް ލައްޕަ އެވެ. ކުޑަކުދިން އެއްގޮތަކަށް ވެސް ބޭރަށް ނުނެރެ އެވެ. ހުރިހާ ކަމެއްވެސް ކުރީ ކޮވިޑުން ރައްކާތެރިވުމަށެވެ.

އެކަމަކު މިއަދު މިހާ ހިސާބަށް އާދެވުނު ގިނަ މީހުން އެ ވިސްނުން ދޫކޮށްލައިފި އެވެ. އެކަންކަން ހަނދާން ނައްތާލީ އެ އާއިލާ މީހަކަށް އަދި ނުޖެހި ސަލާމަތް ވުމުންނެވެ. ޕޮޒިޓިވްވި މީހެއް ހުރި އާއިލާއެއް ނަމަ، ކޮވިޑު ދެކެ އަދިވެސް ބިރުގަނެ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި އުޅެ އެވެ. ކާފިއު ގަޑި ނޫނަސް ދޮރު ބަންދުކޮށް ފިޔަވަޅުތައް އަޅައިގެން އުޅެ އެވެ.

މިހާރު މީހުން ބިރެއް ނުގަނޭ!

"ފެމިލީ ތިން މީހުން ޕޮޒިޓިވްވި، ހައި ރިސްކު މީހެއް ނޫނަސް ކޮއްކޮ އާއި މަންމަ އާއި ބައްޕަ ދާން ޖެހުނީ އަހަރެން އެކަނި މާމަ ކައިރީ ބަހައްޓާފައި. އެންމެން ފުރި ދުވަހު ހުރީ ހަމަ ގޮތް ހުސްވެފައި. މާމައާއެކީ އެކަނި އުޅެން ޖެހި ފެމިލީ އެހެންް މީހުންގެ ހާލާ މެދު ވިސްނުނު. މިއިން މީހުންގެ ސިކުނޑިއަށް ކުރާ އަސަރު އަސްލު އަންޑަސްޓޭންޑް ވާނީ ޖެހުނީމަ. މެންޓަލީ ކިހާ ޗެލެންޖިން ކަމެއްކަން އެއީ"

އުމުރުން 19 އަހަރުގެ ޒުވާން އެ އަންހެން ކުއްޖާ އާއިލާއާ 14 ދުވަހަށް ވަކިވާން ޖެހުނީ އެގޭ ތިން މީހުނަށް ކޮވިޑް ޖެހިގެނެވެ. މާމަ ބެލުމުގެ ކަންކަން އެކަނި ކުރި އިރު މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާ މެދުވެސް ވިސްނަން ޖެހުނެވެ. އޭނާ ބުނާ ގޮތުން ބައްޔަށް ޕޮޒިޓިވް ނުވިޔަސް އޭނާ ވެސް ހުރީ އުނދަގޫ ހާލަތެއްގަ އެވެ. މިކަން މިއަދު ގިނަ ބަޔަކަށް ނުވިސްނެނީ ސީދާ އެމީހުނަށް ބަލި ނުޖެހޭތީ އެވެ.

މިކަހަލަ ހިޔާލުުތައް މިހާރު މަދުވެއްޖެކަން ސޯޝަލްމީޑިއާއިން އެނގެ އެވެ. ޕާޓީ އަކަށްފަހު ޕާޓީ އެކެވެ. އެތައް ސަތޭކަ މީހުނާއެކު ބާއްވާ ވެޑިން ޕާޓީތަކާއި ގްރޫޕް ގްރޫޕް ހަދައިގެން މަސްދަތުރެވެ. ނޫނީ ރައްޓެހިންނާއެކު ޓުއާ ދަތުރުތަކެވެ. ބަހަނާ އަކަށް ދައްކަނީ މި ވާހަކަ އެވެ. ދަތުރެއް ނުދާތާ ގިނަ ދުވަސްވީމަ ބޯ ހަމަޖައްސާލަން ގޮސްލީ އެވެ. ނޫނީ ވެޑިން ޕާޓީ ޕްލޭންކޮށްފައި އޮންނަތާ އެތައް އަހަރެއްވީމަ ބާއްވާލީ އެވެ. ދައުވަތު ދިނީ ހަމައެކަނި ގާތް ރައްޓެހިންނާއި އާއިލާ މެމްބަރުންނަށެވެ. އެކަމަކު ހަގީގަތުގައި ޕާޓީއަށް ދިޔަ މީހުންގެ އަދަދު އެތައް ސަތޭކަ އެވެ.

އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ނެރުނީ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޮންލައިންކޮށް ކައިވެނި ކުރުމަށްފަހު، ހަފްލާ ބާއްވަނީ ކޮންމެވެސް މީހެއްގެ ގޭ ޓެރަހުގަ އެވެ. ބައެއް ރެސްްޓޯރަަންޓުތަކުން ވެސް މިފަދަ ޕާޓީީ ތަކަށް ހުއްދަ ދެ އެވެ.

މިދިޔަ މަހު ގެއެއްގެ ޓެރަސްގައި އޮތް ޕާޓީއަކަށް ދިޔަ މީހަކު ބުނި ގޮތުގައި ޕާޓީއަށް ދިޔައީ މީހުން މަދުވެފައި ސޯޝަލް ޑިސްޓަންސިން އޮންނާނެ ކަމަށް ބުނީމަ އެވެ. އެކަމަކު ޕާޓީއަށް ދިޔަ ގިނަ އަދަދެއްގެ މީހުންވެސް ތިބީ މާސްކު ނާޅަ އެވެ. ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތެވެ. އޭނާ ބުނި ގޮތުގައި، އެތަނުން މީހަކު ޕޮޒިޓިވްވިކަން އެނގިގެން އޭނާ ޓެސްޓު ކުރި އެވެ. ނަމަވެސް އޭނާ އަަކަށް އެބައްޔެއް ނުޖެހެ އެވެ.

"އެކަމަކު އެއީ ރައްކާތެރިކަމެއް ނޫން،"

ނަންބަރު ދަށްވިޔަސް ލުއިދޭން އަވަސް

ރާއްޖޭގެ ނަންބަރުތައް މިހާރު ބޮޑުތަނުން ދަށްވެއްޖެ އެވެ. ސަތޭކައިން ދަށަށް ވެއްޓި، ހެލްތު މިނިސްޓްރީގެ ކޮވިޑް ޑޭޝްބޯޑު ބުނާ ގޮތުން ނަމަ މިހާރު އޮތީ ނޫ ރޮނގުގަ އެވެ. އެއީ، "ރެސްޓްރިކްޓިވް މެޝާސް" ގެ އޮރެންޖު ރޮނގުން ތިރީގައި އޮންނަ "އީސް ޕްލޭން" ގެ ނޫ ރޮނގެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މި ބަދަލު އައީ އޯގަސްޓު މަހު ބަލި ފެތުރުން ގިނަ ވެގެން ރޭގަނޑު ބޭރުގައި އުޅޭ ވަގުތު މަދުކުރުމުން ކަމަށްވާއިރު އެ ވަގުތު އަނެއްކާ ވެސް އިތުރު ކުރުމަށް އަދި މާ އަވަހެވެ.

ބަދަލަށްފަހު އިއްޔެ އަނެއްކާވެސް މާލެ އޮތީ ހަލަބޮލިކޮށެވެ. ރެސްޓޯރަންޓުތަކާއި ކޮފީމޭޒުތައް ފުރާލާ ރޭގަނޑު 10 އެއް ޖަހަންދެން މީހުން ތިއްބެވެ. ރޭގަނޑު ބޭރަށް ނުދެވި އެހާ ދުވަސްވީމާ އެންމެންްވެސް ތިބީ ނުކުމެ އެވެ.

ބައެއް މީހުން ބުނާ ގޮތުން ނަމަ ދެންވެސް އަދަދުތައް ތިރި ވާނީ ގިނަ ދުވަސް ވަންދެން ފިޔަވަޅުތައް އަޅައިގެނެވެ. ފިޔަވަޅުތަކާއެކުވެސް މި ބަލި ރާއްޖޭގައި މުޅިން ކޮންޓްރޯލް ނުވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ. މިދިޔަ އޮގަސްޓު މަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި ބަލި ކޮންޓްރޯލް ނުވަނީ ފިޔަވަޅުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލު ނުކުރާތީ އެވެ.

"ފިޔަވަޅުތަކަށް މީހުން، މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދަށީ. އެއީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ސަބަބަކީ. އެންމެން އެއް ގޯލަކަށް މަސައްކަތް ކޮށްގެން ނޫނީ ބަލި ކޮންޓްރޯލެއް ނުކުރެވޭނެ."