ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފަހު 500 ކޭހަށް އެންމެ ހަތް ދުވަސް!

Aug 1, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 3،700 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެންމެ ފަހުން ޕޮޒިޓިވްވި 500 ކޭހަށް ނެގީ އެންމެ ހަތް ދުވަސް ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާއްމުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މިދިއަ މާޗް މަހުގެ ހަތް ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ގައިން އެ ބަލި ފެނުނު ފަހުން، ފުރަތަމަ 500 މީހުނަށް އެ ބަލި ޖެހެން ނެގީ 56 ދުވަހެވެ.

އޭގެ ފަހުން، އޭޕްރީލް 15 ގައި މާލެ އިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިގެން، މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރި މުއްދަތުގެ ތެރޭގައި އެއްހާހަށް އަރަން 13 ދުވަސް ނެގި ފަހުން އެގޮތުގައި ގާތްގަނޑަކަށް 2،000 ކޭހާ ހަމައަށް ދިއަކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ލޮކްޑައުންކޮށްގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ސަބަބުން، ޖުލައި 7 އާ ހަމައަށް އެ އަދަދު 2،500 އަރަން ނެގި މުއްދަތު 25 ދުވަހަށް ވަނީ އިތުރުކޮށްލެވިފަ އެވެ.

  • ފުރަތަމަ 500 ކޭސް - 7 މާޗްއިން 2 މެއި: 56 ދުވަސް
  • ދެވަނަ 500 ކޭސް - 2 މެއިން 15 މެއި: 13 ދުވަސް
  • ތިންވަނަ 500 ކޭސް - 15 މެއިން 28 މެއި: 13 ދުވަސް
  • ހަތަރުވަނަ 500 ކޭސް - 28 މެއިން 12 ޖޫން: 15 ދުވަސް
  • ފަސްވަނަ 500 ކޭސް - 12 ޖޫންއިން 7 ޖުލައި: 25 ދުވަސް
  • ހަވަނަ 500 ކޭސް - 7 ޖުލައިން 21 ޖުލައި: 14 ދުވަސް
  • ހަތްވަނަ 500 ކޭސް - 21 ޖުލައިން 28 ޖުލައި: 7 ދުވަސް

ނަމަވެސް، ލޮކްޑައުނަށް ލުއި ދިނުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ތަބާނުވުމުގެ ނަތީޖާ އޭގެ ފަހުން ވަނީ ފެންނަން ފަށައިފަ އެވެ. އެގޮތުން، ޖުމްލަ އަދަދު 3،000 އަރަން 14 ދުވަސް ނެގިއިރު، ވިދިގެން އައި 500 ކޭހަށް އަރަން ހޭދަވީ އެންމެ ހަފްތާއެއްކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބަލި އެންމެ ބޮޑަށް ފެތުރެނީ އޮފީސްތަކުން

ލޮކްޑައުން ލުއިކޮށް އޮފީސްތައް އަލުން ހުޅުވާލުމުގެ ނޭދެވޭ އަސަރު ކޮވިޑް-19 އިގެ ހިސާބުތަކުން މިހާރު ދަނީ ފެންނަމުންނެވެ. އެޗްޕީއޭއިން އާއްމުކުރި އިތުރު ހިސާބުތަކުން ދައްކާ ގޮތުގައި، މިދިއަ މަހުގެ އެކަކުން ފެށިގެން 28 އާ ހަމައަށް ބަލި އެންމެ ބޮޑަށް ފެތުރެނީ އޮފީސްތަކުންނެވެ.

އެގޮތުން، އެ މުއްދަތުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން، 650 އަށް ވުރެ ގިނަ މީހުން އޮފީސްތަކުން ފެނިފައިވާއިރު، މަސައްކަތުގެ މާހައުލުން އިތުރު 564 މީހަކަށް ބަލި ޖެހުނުކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ އެ މުއްދަތުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ގާތްގަނޑަކަށް 60 ޕަަސަންޓެވެ. ދެން އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ކެފޭ އަދި ރެސްޓޯރަންޓުތަކުންނެވެ.

އެގޮތުން، ކެފޭ އަދި ރެސްޓޯރަންޓުތަކުން އެ މުއްދަތުގެ ތެރޭގައި 154 މީހަކަށް ބަލިޖެހުނު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ގުޅުމެއް ނެތް ކޭސްތައް އިތުރު

އެޗްޕީއޭ އިން އިތުރަށް ބުނި ގޮތުގައި، ލޮކްޑައުނަށްފަހު މާސްކު އެޅުމާއި، ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ފަރުވާކުޑަކުރުމުގެ ސަބަބުން ކުރިން ޕޮޒިޓިވްވި މީހުނާ ގުޅުމެއްނެތް ކޭސްތައް ފެންނަމުންދާ މިންވަރުވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، މިދިއަ މަހުގެ 22 އިން 28 އާ ދެމެދު ބަލި ޖެހުނު ޖުމްލަ 462 މީހުންގެ ތެރެއިން 193 މީހުނަކީ ކުރީގެ އެއްވެސް ކްލަސްޓައަކާ ގުޅުމެއްނެތް މީހުން ކަމަށް އެޗްޕީއޭ އިން އިތުރަށް ބުންޏެވެ.

ޕޮޒިޓިވްވާ އަދަދުތަކުގެ މުޖުތައުގެ ތެރޭގައި ބަލި ފެތުރޭ ނުރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ، ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ މައްޗަށް ގޮސްފަ އެވެ.

އެގޮތުން، އެ މުއްދަތުގެ ތެރޭގައި، ފްލޫ ކްލިނިކްތަކަށް ދިއަ މީހުންގެ ތެރެއިން ނެގުނު 958 ސާމްޕަލްގެ ތެރެއިން 178 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ނަވާރަ ޕަސަންޓާއެކު މިއީ، އެންމެ ފަހުން ފްލޫ ކްލިނިކްތަކުގެ ރޭޓު ހުރި މިންވަރު ގާތްގަނޑަކަށް ދެ ގުނަ އިތުރުވުމެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 5،400 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑްގެ ދެވަނަ ރާޅެއް ރާއްޖެއަށް އަތުވެދާނެ ކަމުގެ އިޝާރާތްތައް ފެންނަން ފަށާފައިވާއިރު ޑރ. ޝީނާ މޫސާގެ ދެވަނަ ޕްރޮޖެކްޝަންގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ. ޕްރޮޖެކްޝަން ދައްކާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 5،445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ކުރިއާ ހިލާފަށް ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިދާނެއެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 1،090 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެންމެ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވަނީ އޮގަސްޓް މަހު އެވެ. އޮގަސްޓް މަހުގެ އެކަނިވެސް 47 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

ޑރ. ޝީނާ ވިދާޅުވެފައިވާ ގޮތުގައި، އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިން އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވަނިކޮށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. އެހެން ކަމުން އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެގޮތުން، ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މިހާރު މަޖުބޫރު ކޮށްފައިވާއިރު، އެ ފިޔަވަޅު ތަންފީޒު ކުރަން މިއަދު ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށް، އެ އެންގުމާ ހިލާފުވާ މީހުންނަށް ފުލުުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.