ހަބަރު

ރާއްޖެ އަޅުވެތި ކުރުން ހުއްޓުވަންޖެހޭ: ލަތީފު

ރާއްޖެ އަޅުވެތި ކުރަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ދިވެހިން ތެދުވާން ޖެހޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ލަތީފް މިހެން ވިދާޅުވެފައިވަނީ މިވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް އާންމުން ބުނަމުން ދަނިކޮށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ވަރަށް ބޮޑަށް ފާޅު "އިންޑިއާ އައުޓު" ގެ ނަމުގައި ކެމްޕޭނެއް ވަނީ ފުޅާ ކޮށްފަ އެވެ. މި ހަރަކާތުގައި އިދިކޮޅުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރި ވެއެވެ.

ކުރީގެ މެންބަރު ލަތީފް ވިދާޅުވީ އިންޑިއާއަކީ ކިތަންމެ ބޮޑު ގައުމެއް ނަމަވެސް އެ ގައުމު މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން އެދޭ ފަދައިން ދިވެހިން ވެސް މިނިވަންކަން މަތީ ތިބެން ބޭނުންވާ ކަމަށެވެ. ރާއްޖެ އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ދިވެހިން ތެދުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެ ކިތަންމެ ކުޑަޔަސް މި ގައުމަށް ވެސް މިނިވަންކަން ބޭނުންވަނީ ބިޔަ ބޮޑު އިންޑިޔާ ވެސް މިނިވަންކަން ބޭނުންވާ ވަރަށް. ރާއްޖެ އަޅުވެތި ކުރުން ހުއްޓާލާ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އެހުމަށް ސަރުކާރަށްވެސް ގޮވާލައްވާފައެވެ. ވިދާޅުވީ ރާއްޖެ އަޅުވެތި ކަމަށް ދޫކޮށްލައިގެން ދިވެހިން ނުތިބޭނެ ކަަމަށެވެ. އަދި ދިވެހިންގެ މިނިވަން ކަމާ ކުޅެން ކިތަންމެ ބޮޑު ގައުމަކުން މަސައްކަތް ކުރި ނަމަވެސް ދިވެހިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. ގައުމުގެ މިނިވަންކަންމާއި ސިދާޔަތު ދެމެހެއްޓުމުގެ ވަރަށް ބޮޑު ޒިންމާއެއް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އަދި ގައުމަށް ހިޔާނާތްތެރިވެއްޖެ ނަމަ އެކަމުގެ ނަތީޖާ ދާދި އަވަހަށް އެ ބަޔަކާ ބައްދަލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.