ވިޔަފާރި

ދިރާގު ޕޭ އިން މީރާއަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

Oct 4, 2020

ދިރާގު ޕޭ އިން މީރާ އަށް ފައިސާ ދެއްކުމުގެ ހިދުމަތް ގާއިމް ކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް "ވާރު ޕޭ" އިން "ދިރާގު ޕޭ" މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މީރާގެ "ވާރު ޕޭ" އަކީ ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ އޮންލައިން ނިޒާމެކެވެ. އަދި ދިރާގު ޕޭއަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓް ފޯމް އެކެވެ.

މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު އެވެ. އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރު ރޮބިން ވޯލް އެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވެފައިވާ ގޮތުގައި މި ހިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ހިދުމަތެއް ކަމަށެވެ. އަދި މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމުން، ގިނަ ފަރާތްތަކުން މި ފަދަ ހިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތް ތަކުން މީރާ އިން ހިދުމަތް ހޯދުމަށް ވާނެ ފަސޭހަ ވެގެންދާނެ ކަމަށެވެ.

ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ މީރާގެ ޕޭމަންޓް ޕާޓްނަރު އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ހިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރު ތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.