މޯލްޑިވްސް ޕޮލިސް ސާވިސް

އިންޑިއާ މީހާ ދީނަށް ފުރައްސާރަކުރި މައްސަލަ ބަލާ ކަމެއް ނުބުނި

މަސްތުވެ މާލޭ މަގުމަތީގައި އުޅުނު އިންޑިއާ މީހާ މާތްﷲ އާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ތަހުގީގު ކުރޭތޯ ކުރާ ސުވާލާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދެއްކި އެވެ.

މަސްތުވެގެން އުޅުނު އިންޑިއާ މީހާ ހައްުޔަރު ކުރަން އުޅުމުން އޭނާ ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ދައްކާފަ އެވެ. އެ ވާހަކަތައް ދައްކަމުން ދިޔައިރު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ތިއްބެވެ. އަދި ފުލުހުންނަށް އަމާޒުކޮށް ވެސް ހުތުރު ވައްތަރު ޖައްސާ ހުތުރު ބަހުން އޭނާ ވާހަކަ ދެއްކި އެވެ. އޭނާ އަކީ ރާއްޖޭގައި ހާއްސަ ރައްކާތެރި ކަމެއް ލިބިފައިވާ މީހެއް ކަމަށްވެސް ފުލުހުންނަށް ނިސްބަތްކޮށް ބުނެފައި ވެއެވެ.

ފުލުހުން އޭނަ ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލީ ކޯޓުން ކަަމަށެވެ. އަދި މަސްތުވެގެން މަގުމަތީގައި އުޅުނު މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މީހާ މާތްﷲ އާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަމުން ގެންދޭތޯ ނޫސްވެރިން އިއްޔެއިން ފެށިގެން ތަކުރާރުކޮށް ދަނީ ސުވާލު ކުރަމުންނެވެ. އެކި އިދާރާތަކަށް ނިސްބަތްވާ ނޫސްވެރިން އެ ސުވާލު ތަކުރާރު ކުރި ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

"ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލާކަން ނުވަތަ ނޫންކަން ސާފު އިބާރާތުން ބުނަން ފުލުހުން ފަސްޖެހެނީ ކީއްވެގެންތޯ،" ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ އިދާރާއިން ހަދާފައިވާ ވަޓްސްއަޕް ގުރޫޕްގައި ނޫސްވެރިއަކު ސުވާލު ކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ސަރުކާރަށް ޕްރެޝަރު ބޮޑު ބައެއް މައްސަލަތަކުގައި ވާހަކަދައްކަން ފުލުހުން ދެކޮޅު ހަދާފައި ވެއެވެ. ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅޭގޮތުންވެސް ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ވާހަކަ ދައްކަން އޭރު ފުލުހުން ދެކޮޅު ހެއްޖެވެ. އެ މައްސަލާގައި ފުލުހުން ވާހަކަ ދެއްކީ ހާދިސާއާ ގުޅުންހުރި އެތަށް ވާހަކަތަކެއް ނޫސްވެރިން މީޑިއާތަކަށް ތިލަކުރުމުން މައުލޫމާތު ހާމަކުރަން މަޖުބޫރުވެގެންނެވެެ.