ކުޅިވަރު

ގަތަރު އަތުން ރާއްޖެ ހަތަރު ލަނޑުން ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގަތަރު މިރޭ ކުޅުނު މެޗު 4-0އިން ގަތަރު ކާމިޔާބުކޮށްފި އެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ޖާސިމްބިން ހަމަދު ސްޓޭޑިއަމުގައި ރާއްޖެ ގަޑިން މިރޭ 8:30ގައި ފެށި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު މުހައްމަދު އިމްރާނު ވަނީ ގިނަ ސޭވްތަކެއްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓްގައި ބައުލަމް އެވެ. ލަނޑުޖަހަން ގަތަރަށް ހުސް ފުރުސަތުތަކެއް ލިބުނު މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ފުރަތަމަ ހާފުގައި ގަތަރުގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ރަނގަޅު ހިލޭ ޖެހުމެއް ވެސް ހޯދި އެވެ. އޭރިޔާ ތެރެއަށް އޭނާ ވަންނަނިކޮށް ވައްޓާލުމުން ލިބުނު ޖެހުން އަޝްފާގް ފޮނުވާލުމުންދިފައުކުރީ ގަތަރުގެ ކުޅުންތެރިންނެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އަދި އަހުމަދު އިމާޒް (އާއްކޮ) ނުލައި ކުޅުނު މެޗުގައި ގަތަރުން ދެ ވަނަ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން 69 ވަނަ މިނިޓްގައި މުހައްމަދު ކަސޯލާ އެވެ. އޭނާގެ މި ލަނޑަށް ފަހު ޖެހިގެން އައި މިނިޓްގައި ބައުލަމް ލަނޑު ޖަހައި 3-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. އަދި މުހައްމަދު މޫސާ ފަހު ލަނޑު ޖެހީ އިތުރުވަގުތުގަ އެވެ.

މި ތިން ލަނޑުގައި ވެސް ރާއްޖޭގެ ޑިފެންސް ލައިނުގެ މިސްޓޭކް ވަރަށް ބޮޑަށް ފެނުނެވެ. އަރިން މަތިން ކުރި ހުސްތަކުގައި ގަތަރުގެ ކުޅުންތެރިން ގޯލަށް ބޯޅަ ފޮނުވާލާފައިވަނީ ރާއްޖޭގެ ޑިފެންޑަރުގެ ތެރެއިން މުޅިން ހުސްކޮށް ކުރިއަށް އަރައިގެންނެވެ.

މި މެޗުން މޮޅުވުމުން ގަތަރު ގްރޫޕުގެ ކުރީގައި ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 15 ޕޮއިންޓާއެކުގަ އެވެ. ރާއްޖެ އޮތީ ފަސް ގައުމު ހިމެނޭ ގްރޫޕުގެ ފަހަތުން ދެ ވަނާގަ އެވެ. ރާއްޖެ އަށް ލިބިފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ ބޫޓާން އަތުން މިދިޔަ ބުދަ ދުވަހު 4-3އިން މޮޅުވެގެން ލިބުނު ތިން ޕޮއިންޓެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ބޫޓާން އަތުން މޮޅުވިއިރު މާލޭގައި ގަތަރު އަތުން ބަލިވީ 1-0އިންނެވެ. އޭގެ ފަހުން ގައުމުން ބޭރުގައި ހޮންކޮން އަތުން 2-0އިން އަދި ޗައިނާ އަތުން ވަނީ 3-0އިން ބަލިވެފަ އެވެ.