ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮކްސްފޯޑް ވެކްސިން އިންޑިޔާގައި ވެސް ދޭން ފަށަނީ

ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ތައްޔާރުކޮށްފައިވާ ވެކްސިން އިންސާނުންނަށް ދީގެން ހަދާ ޓްރަޔަލްތަކުގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު އިންޑިޔާގައި މި ވެކްސިންގެ ކަންތައް ކުރިޔަށް ގެންދަނީ ސީރަމް އިންސްޓިޓިއުޓުންނެވެ.

ޓައިމްސް އޮފް އިންޑިޔާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އިންޑިޔާގެ ހައިދަރުއާބާދުގެ ޓެލަންގަނާގައި މިވެކްސިންގެ ހިއުމަން ޓްރައަލްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ވެކްސިން ޖަހަން ޝައުގުވެރިވާ ވޮލަންޓިއަރުން ނަން ނޯޓްކޮށް ޓްރަޔަލްގައި ބައިވެރިކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކިންގް ޖޯޖް ހޮސްޕިޓަލުގައި މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.
ސީރަމް އިންސްޓިޓިއުޓް އިންޑިއާ (ސީއައިއައި) އިން މި ޓްރަޔަލްތައް އިންޑިޔާގެ 17 ސަރަހައްދެއްގައި ކުރިޔަށް ގެންދާނެ އެވެ.
މި ވެކްސިންގެ ފޭސް 3ގެ ޓްރަޔަލްތައް ފަށާއިރު މި ޓްރަޔަލްގައި މަދުވެގެން 100 ވޮލަންޓިއަރުން ބައިވެރިކުރަން ޖެހެ އެވެ. އަދި ހަ މަސް ވަންދެން މި ޓްރަޔަލް ކުރިޔަށް ދާނެ އެވެ

ކިންގް ޖޯޖް ހޮސްޕިޓަލުން މައުލޫމާތު ދިން ޑޮކްޓަރަކު ބުނި ހުކުރު ދުވަހު 10 ވޮލަންޓިއަރަކު ޓްރަޔަލްގައި ބައިވެރިކޮށް އެމީހުންގެ ލޭގެ ސާމްޕަލް ވަނީ ނަގާފަ އެވެ. މި ސާމްޕަލްތަކުގެ އާރްޓީ-ޕީސީއާރް އަދި އެންޓިބޮޑީ ޓެސްޓްހަދާނެވެ.
ވޮލަންޓިއަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައި ވުމާއި މީގެ ކުރިން ކޮރޯނާވައިރަސް އިންފެކްޓް ވެފައި ނުވުން އަދި ލޭގައި އެންޓިބޮޑީޒް ނެތުން ހިމެނެ އެވެ.

މި ވެކްސިންގެ ޓްރަޔަލްގައި ބައިވެރިވެވޭނީ މި ޝަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށް ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ވަނީ ވިދާޅުވެފަ އެވެ. އޮކްސްފޯޑް ވެކްސިން ދީގެން ހަދަމުންދާ ކްލިނިކަލް ޓްރައަލްސް ތަކުން މިހާތަނަށް އަދި މާ ބޮޑެތި ގެއްލުން ލިބޭ ކަންތައްތަކެއް ފާހަގަ ކުރެވިފައެއް ނެތެވެ.

މި ވެކްސިން ދޭ ވޮލަންޓިއަރުންނަށް ފުރަތަމަ ދުވަހު އެއް ޑޯޒް ދިނުމަށްފަހު 29 ދުވަސް ފަހުން ބޫސްޓާ ޑޯޒެއް ދޭން ވަނީ ހަމަޖެހިފަ އެވެ. މި ވެކްސިންގެ ފޭސް 2 ގެ ޓްރަޔަލްތަކެއް ވެސް އިންޑިޔާގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ ފަހަރުގެ ޓްރަޔަލް ކުރިޔަށް ގެންދިޔައީ ވަރަށް މަދު ތަނެއްގަ އެވެ.

އިންޑިޔާގެ އައިސީއެމްއާރް އެންޑް ބާރަތު ބައޮޓެކް އިން ވެސް ވެކްސިނެއް އުފައްދާފައި ވެއެވެ. ކޯވެކްސިން ނަމަކަށް ކިޔާ މި ވެކްސިން އިންސާނުންގެ ގަޔަށް ޖެހުމުގެ ހުއްދަ ސްޓޭޓް ސަރުކާރުން ވަނީ ނުދީފަ އެވެ.