ހަބަރު

މަސައްކަތް ލަސްކަމަށް ބުނެ އަސްލަމް ފާޑުވިދާޅުވީ އޮފިޑަށް

Oct 5, 2020

ރާއްޖޭގެ ގިނަ މަޝްރޫއު ތަކަށް ލޯނުގެ އެހީ ދޭ އެއް ޖަމިއްޔާކަމަށްވާ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމެންޓް (އޮފިޑް)ގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ޕްލޭނިންގް އަދި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް އެ ޖަމިއްޔާއަށް ފާޑުވިދާޅުވެއްޖެ އެވެ.

އޮފިޑަކީ 1977 އިން ފެށިގެން ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު އެހީ ދެމުން އަންނަ ޖަމިއްޔާއެކެވެ.

އެގޮތުން، 13 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 50 މިލިއަން ޑޮލަރުގެ ލޯނު މިދިއަ އަހަރު ދީފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގެ ހުއްޓުމަކަށް އައުމާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މިދިއަ އޭޕްރީލް މަހު އޮފިޑުން ވަނީ 20 މިލިއަން ޑޮލަރު ރާއްޖެއަށް ދީފަ އެވެ.

ލ. މާވަށަށް އުދަ އަރައި ގެއްލުން ލިބުނު ސަރަހައްދުގެ ހެދުމުގެ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ސާފު ކުރަން އެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ރައްޔިތުން މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ވަގުތުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އޮފިޑުގެ އެހީގައި ބައެއް ރަށްރަށުގައި ހިންގަން ނިންމާފައިވާ ބައެއް މަޝްރޫއުތައް އެ ޖަމިއްޔާއިން ބޭނުންވާ ހުއްދަ ނުލިބިގެން މަޑުޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަނެއްހެން ކުރާނެކަމެއް އޮތީކީއެއް ނޫން. އޮފިޑަކީ މާ ބާރަށް މަސައްކަތް ކުރާ ޖަމާއަތެއްވެސް ނޫން. ބައެއް ފަހަރު ވަރަށް ލަސްކޮށް ހުރޭ ކަންކަމަށް ރެސްޕޮންޑް ކުރުމުގައި،" މިކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެ ވާހަކަ ސާފުވާނެކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.