ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީގެ ޕްލޭން ބަދަލުވެ ބިން ހިއްކާގޮތަށް ނިންމައިފި

ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި އެއްވެސް ވަރަކަށް ބިން ހިއްކާގޮތަށް ކުރިން ނެތް ނަމަވެސް ފަހުގެ ޕްލޭންގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ވަނީ ތަކުރާރުކޮށް ފްލޯޓިން ސިޓީގެ ސުވާލުތައް މިނިސްޓަރު އަސްލަމްއާ ކުރައްވާފަ އެވެ. މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމުގެ ތަފްސީލް ހާމަކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އިއްޒަތްތެރި ވަޒީރު، މި ފްލޯޓިން ސިޓީއާއި ގުޅޭ ވަރަށް ފުރިހަމަ ތަފްސީލް ދެއްވަން ވަރަށް ބޮޑަށް އެދެން. ބައެއް މެންބަރުން އެކަމުގެ ޝައުގުވެރިކަން އުފެދިގެން ބައްލަވަން ވަރަށް އެދިވަޑައިގަންނަވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ފްލޯޓިން ސިޓީގެ ވީހާވެސް ގިނަ ތަފްސީލް ދެއްވުމަކީ މަޖިލީހަށް ހިތްހަމަޖެހުން ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މި މަޝްރޫއުގެ ހުރިހާ ތަފްސީލެއްވެސް މިނިސްޓަރު އަސްލަމަށް އެނގިވަޑައިގަންނަވާނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

މެންބަރުންގެ ސުވާލުތަކާއި ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީއަކީ ބިން ހިއްކައިގެން ކުރަން އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ފަހުން ފެނުނު ޕްލޭންތަކެއްގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކާގޮތަށް އޮތް ކަމަށެވެ.

"ފްލޯޓިން ސިޓީގެ މޮކަޕެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާއި ހަވާލުކުރިކަން އަޅުގަނޑު ދެނަހުރިން. ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޕްރޮޖެކްޓެއް ނޫން މީކީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލޯޓިން ސިޓީގެ ހުރިހާ ތަފްސީލެއް އެންމެ ފުރިހަމައަށް އޭނާއަށް ނޭނގިދާނެ ކަމަށެވެ. މައުލޫމާތު ދެއްވަނީ އެނގިހުރި މިންވަރުން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގައި ފްލޯޓިން ސިޓީއާއި ގުޅިގެން ދެއްވި މައުލޫމާތުތަކުގައި ކުށެއްޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގެ މޮކަޕެއް ހުޅުމާލެ ފަޅުގައި ދައްކާލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހުޅުމާލެ ފަޅުން އިއްޔެގެ ވަގުތެއްގައި ފްލޯޓިން ސިޓީގެ ބައިތަކެއް ވަނީ ފެނިފަ އެވެ.

ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީގައި 5،000ގެ އެޅުމަށް ވަނީ ނިންމާފަ އެވެ.

ފްލޯޓިން ސިޓީގެ ރަސްމީ ގެތައް ހަދަން ނިންމާފައިވަނީ މާލެ އިން ފުރައިގެން ފަސް މިނެޓުން ދެވޭހާ ދުރުގައި އޮންނަ ފަޅެއްގަ އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްދާ މަޝްރޫއު ލޯންޗް ކުރީ މާޗް 14، 2021 ގައެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް ޖޫން 23، 2022 ވަނަ ދުވަހު އިތުރު އެއްބަސްވުމެއްގައި ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ދެމެދު އަލުން ސޮއިކޮށްފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.