ދުނިޔެ

މެޑިސިނުން ނޯބެލް ޕްރައިޒް ތިން ބޭފުޅަކަށް

މެޑިސިން ރޮނގުން ނޯބެލް ޕްރައިޒް ތިން ބޭފުޅަކަު މި އަހަރު ހާސިލް ކުރައްވައިފި އެވެ. މި ބޭފުޅުންނަށް ނޯބެލް ޕްރައިޒް ލިބިވަޑައިގަތީ ހެޕަޓައިޓިސް ސީ ވައިރަސް ހޯއްދެވުމުގައި އެ ބޭފުޅުން ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ހެޕަޓައިޓިސް ސީ ވައިރަސް އަކީ ސިރޯސިސް އަދި ލިވާ ކެންސާ ޖައްސާ ވައިރަސް އެކެވެ.

މި ތިން ސައިންސްވެރިންގެ ތެރެއިން ދެ ބޭފުޅުންނަކީ އެމެރިކާ ރައްޔިތުންނެވެ. ދެން ހުންނެވީ އިނގިރޭސި ވިލާތުގެ ބޭފުޅެކެވެ. އިނާމު ލިބިވަޑައިގެންނެވި މި ތިން ބޭފުޅުންނަކީ ހާވީ ޖޭ އޯލްޓާ އާއި މައިކަލް ހޯޓަން އަދި ޗާލްސް އެމް. ރައިސް އެވެ.

ސްވިޑްންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ނޯބެލް އެސެމްބްލީން ނެރުނު ބަޔާނެއްގައި ބުނީ ތިން ސައިންސްވެރިންނަށް އިނާމެއްގެ ގޮތުގައި ލިބިވަޑައިގެންނެވި 10 މިލިއަން ސްވެޑިޝް ކްރައުންސް (ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރު) އެބޭފުޅުންގެ މެދުގައި ބައްސަވާނެ ކަމަށެވެ.

ދަ ނޯބެލް ކޮމެޓީ އިން މިއަދު ބުނި ގޮތުގައި ހެޕަޓައިޓިސް ވައިރަސް ހޯދުމާއި ގުޅިގެން އެ ބަލި ހުރިތޯ ދެނެގަތުމަށް ވަރަށް ރަނގަޅު ފެންވަރުގެ ލޭގެ ޓެސްޓް ހެދުމަށް މިހާރު ވަނީ މަގުފަހިވެފަ އެވެ. މީގެ ސަބަބުން ލޭ އެޅުމުގެތެރޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަ ވެފަ އެވެ. ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރައް ހެޕަޓައިޓިސް ސީ އަކީ މުޅިން ފަސޭހަ ކުރެވޭ ބައްޔަކަށް މިހާރު ވަނީ ވެފަ އެވެ. މިހެންވުމާއެކު ދުނިޔެއިން ހެޕަޓައިޓިސް ސީ ވައިރަސް ނައްތާ ލެވުވުމުގެ އުންމީދު ވަނީ އާލާވެފަ އެވެ.

އާންމު ގޮތެއްގައި މި އިނާމް ދެނީ ޑިސެމްބަރު 10 ދުވަހު ސްވިޑްންގެ ސްޓޮކްހޯމް ގައި ބާއްވާ ރަސްމިއްޔާތެއްގައި ރަސްގެފާނު ކާލްސް ގުސްޓަފް އެވެ. އެ ދުވަހަކީ ނޯބެލް ޕްރައިޒްގެ ބާނީ އަލްފްރެޑް ނޯބެލް އަވަހާރަވި ދުވަހެވެ. އޭނާ އަވަހާރަވީ 1896 ވަނަ އަހަރުގަ އެވެ. އެކަމަކު މިއަހަރުގެ ރަސްމިއްޔާތު ކޮރޯނާ ވައިރަސްގެ ސަބަބުން ބަަދަލުވީ އެވެ.