އެމެރިކާ

ބިލް ކްލިންޓަން އައިސީޔޫގައި އެޑްމިޓްކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ. އާއިލާއިން ބުނާ ގޮތުން ޔޫރީން އިންފެކްޝަނެއް ޖެހިވަޑައިގެން އަޖުމަބެލިއިރު ލޭގައި އިންފެކްޝަން ހުރިކަން ވަނީ އެނގިފަ އެވެ.

ހޮސްޕިޓަލުން ބުނީ ކްލިންޓަނަށް އައިސީޔޫގައި ފަރުވާދެެއްވަނީ ހިތުގެ އާލާސްކަންފުޅަކަށް ކުރިން ފަރުވާ ހޯއްދަވާފައިވާތީ ކަމަށެވެ. އެހެން ނަމަވެސް އޭނާ އޮތީ ނޭވާލައްވާ މެޝިނެއްގައި ނޫން ކަމަށެވެ.

ކްލިންޓަންގެ ހާލަތާ ކޮވިޑާ ގުޅުމެއް ނެތް ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެން ނަމަވެސް ހާލަތު ތަފްސީލު މީޑިއާއަށް އަދި ހާމައެއް ނުކުރެ އެވެ. އަނެއްކޮޅުން އިންފެކްޝަން ޖެހެން މެދުވެރި ސަބަބާ ބެހޭ ގޮތުން ވެސް ވާހަކައެއް ނުދައްކަ އެވެ.

ކްލިންޓަންގެ ތަރުޖަމާން އޭންޖަލް ޔުރޭނާ ޓްވިޓާގައި ބުނެފައިވާ ގޮތުން ކްލިންޓަނަށް މިހާރު ފަރުވާދެއްވަނީ އެންޓިބަޔޮޓިކް އައިވީންނެވެ. ދިޔާ ތަކެތި ގިނަ ކުރުމަށް ޑޮކްޓަރުން ނަސޭހަތްތެރިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.

ބިލް ކްލިންޓްއަކީ އެމެރިކާގައި މަގުބޫލް ރައީސެކެވެ. އޭނާ ވެރިކަން ދެ ދައުރު، 1993-2001 އަށް ފުރިހަމަކުރެއްވި އެވެ. ކްލިންޓަންގެ ވެރިކަމުގައި އެމެރިކާގެ އިގުތިސޯދަށް ދުވަހަކުވެސް ނާންނަ ވަރުގެ ހެޔޮ ބަދަލުތައް އައެވެ.