ދުނިޔެ

އޮމާނުން ސީރިއާއަށް އަލުން އެމްބެސެޑަރެއް ފޮނުވައިފި

އޮމާނުން ސީރިއާއަށް އަލުން އެމްބެސެޑަރަކު ފޮނުވައިފި އެވެ. އޮމާން ވެފައި މިވަނީ ސީރިއާގެ ދާހިލީ ހަނގުރާމަ 2011 ގައި ފެށުމާއި ގުޅިގެން އެމްބެސެޑަރުން އަނބުރާ ގައުމަށް ގެންދިޔުމަށް ފަހު އަލުން އެމްބެސެޑަރަކު ސީރިއާއަށް ފޮނުވާ މެދުއިރުމަތީގެ ފުރަތަމަ ގައުމަށެވެ.

އޮމާނަކީ 2011 ވަނަ އަހަރު ސީރިއާގައި ހަމަނުޖެހުން ފެށުމާއި ގުޅިގެން އެމެރިކާ އާއި ގަލްފުގެ ގައުމުތަކުގެ ފިއްތުން ތަކަށް ބޯ ނުލަނބާ އަރަބި ގައުމުތަކުގެ ތެރެއިން ސީރިއާ އާއި ޑިޕްލޮމެޓިކް ގުޅުން ބާއްވަމުންދާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

އޮމާންގެ ކުރީގެ ފޮރިން މިނިސްޓާ ޔޫސުފް ބިން އަލަވީ ވަނީ ސީރިއާ ގައި ހަމަނުޖެހުންތައް ފެށުނު ފަހުން ދެ ފަހަރެއްގެ މަތިން ސީރިއާއަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ސީރިއާގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުުން މަސައްކަތް ކުރެއްވުމެވެ.

އޮމާންގެ ކުރީގެ ރަސްގެފާނު ސުލްތާން ގާބޫސް ބިން ސައީދު ވަނީ އަވައްޓެރި ގައުމު ތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ނުވަނުމުގެ ސިޔާސަތެއް ގެންގުޅުއްވާފަ އެވެ. ސީރިއާގެ އަހުލީ ހަމަނުޖެހުން ދާހިލީ ހަނގުރާމަ އަކަށް ބަދަލުވުމުން ވެސް އޮމާނުން ބުނީ އެ ގައުމުގެ ރޯލަކަށް ވާނީ އިންސާ އެހީ ސީރިއާއަށް ފޯރުކޮށް ދިނުން ކަމަށެވެ.

އަރަބި ބައެއް ގައުމުތަކުން މިހާރު ބޭނުންވަނީ ސީރިއާ އާއި އަލުން ގުޅުން ބަދަހި ކުރާށެވެ. ސަބަބަކަށް ވެފައި ވަނީ ސީރިއާގެ ސަރުކާރަށް ހަނގުރާމައިގައި މިހާރު ލިބެމުންދާ ކާމިޔާބީ ތަކާއި ގުޅިިގެން ސީރިއާގައި ނުފޫޒު ގަދަ ކުރުމެވެ. އަދި ސީރިއާ ސަރުކާރަށް ތާއީދު ކުރާ ތުރުކީ އާއި އީރާންގެ ނުފޫޒު ސީރިއާގައި ކުޑަ ކުރުމުގެ ބޭނުން ވެސް ހިމެނެ އެވެ.

ޔޫއޭއީ ވަނީ އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަނެއް 2018 ވަނަ އަހަަރު އަލުން ސީރިއާ ގައި ހުޅުވައިފަ އެވެ. މިއީ ބައްޝާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ކާމިޔާބެކެވެ. ޔޫއޭއަކީ ސީރިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކަށް އެހީވާ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ޔޫއޭއީ އަކީ ސައުދީ އާއި ގަތަރަށް ވުރެ ސީރިއާ އާއި ގުޅުން ހީނަރު ގައުމަކަށް ވިއަސް ޔޫއޭއީ ސީރިއާ އާއި އަލުން ގުޅުން ގާއިމް ކޮށްފައިވާއިރު ސައުދީ އާއި ގަތަރު އަދި ސީރިއާ އާއި އަލުން ގުޅުން ގާއިމް ނުކުރެ އެވެ. ކުވެއިތުން ބުނީ އެ ގައުމުން ސީރިއާ ގައި އެމްބަސީ އެއް އަލުން ހުޅުވާނީ އަރަބި ލީގުގައި އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ. އަރބި ލީގުން ވަނީ އެ ޖަމާއަތުގެ މެމްބަރު ކަމުން ސީރިއާ 2011 ވަނަ އަހަރު ސަސްޕެންޑް ކޮށްފަ އެވެ.

ބައްޝާރު އަލް އަސަދު ވަނީ ރަޝިއާ އާއި އީރާންގެ އިތުރުން ލުބުނާންގެ ހިޒްބުﷲ ގެ މަދަދާއެކު ސީރިއާގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަލުން އަތުލައިފަ އެވެ. އީރާނަކީ މުސްލިމް ގައުމަކަށް ވިއަސް ސައުދީ އާއި ޔުއޭއީ އާއި ވަރަށް ދުޝްމަން ގައުމެކެވެ.

އެމެރިކާއިން ވަނީ އަލުން ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ ބޭނުމަކީ ސީރިއާއަށް މާލީ އެހީ ލިބުން ހުއްޓުވުމެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ އެންގުންތަކަށް ބޯނުލަނބައި ސީރިއާ އާއި އެކީ ވިޔަފާރި ކުރާ ފަރާތްތަކާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.