ހަބަރު

ތަޅުމުގައި ޕާޓީތައް ވަކިން ތިބޭ ގޮތަށް ފާސްކޮށްފި

Oct 6, 2020
2

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ގޮނޑީގެ ތަރުތީބު ބަދަލު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފި އެވެ.

ރިޔާސީ ނިޒާމެއް އޮންނަ ތަފާތު 45 ގައުމެއްގައި މަޖިލިސް މެންބަރު ތިއްބަވާ ތަރުތީބު ބެލުމަށް ފަހު، ގިނަ ގައުމުތަކުގައި އެ ތަރުތީބު އޮންނަނީ ޕާޓީތައް ނިސްބަތްވާ ގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިން ހެދި ދިރާސާއަކަށް ރިއާއަތްކޮށް ކޮމިޓީގައި ވަނީ މެންބަރުން މަޝްވަރާ ކުރައްވައިފަ އެވެ.

އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި ހުސް އެމްޑީޕީގެ މެންބަރުން ތިއްބަވާއިރު، ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތަށް ޕާޓީތައް ނިސްބަތްވާ ގޮތަށް ތަރުތީބު ބަދަލު ކުރަން ބައެއް މެންބަރުން ތާއީދު ކުރެއްވި އެވެ.

އަދި ހއ. އިން ފެށިގެން ސ. އަށް ނުވަތަ ސ. އިން ފެށިގެން ހއ. އަށް މަޖިލީހުގެ ގޮނޑީގެ ތަރުތީބު ބަދަލު ކުރަން އަނެއް ބައި މެންބަރުން ހުށަހެޅުއްވި އެވެ.

އެ ހިޔާލުތަފާތުވުމާއެކު ވެސް، ކޮމިޓީގެ ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށެވެ.

ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެެމްބަރުން ވަކިން ތިބޭ ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ، މެންބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ގޮނޑި ތަރުތީބުކޮށްފައި ހުންނަނީ، މާލޭ މެމްބަރުން ކުރީ ބަރިތަކުގައި ތިއްބަވާފައި، ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުރި ދާއިރާތަކުގެ މެމްބަރުން އަތޮޅުތަކުގެ ތަރުތީބުން އޭގެ ފަހަތަށްވާ ގޮތަށެވެ.