ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެންމެ ބޮޑީ އާދަޔާޚިލާފަށް ފަލަ މީހުންނާއި ހަކުރުބަލި ހުންނަ މީހުން އަދި ލޭ މައްޗަށްދާ މީހުންނަށެވެ. މިފަދަ މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުން މި ބަލީގައި މަރުވުމުގެ ފުރުސަތު ތިން ގުނަ އިތުރު ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ޖާނަލް ޑައިބެޓީސް ކެއާގައި ޝާއިއު ކޮށްފައިވާ މި ފަހަރުގެ ހޯދުމުގައި ސައިންސްވެރިން ބަލާފައިފައި ވަނީ މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންނަށް ކޮވިޑް-19 ޖެހުމުން ދިމާވާ ކަންތައްތަކެވެ. މެޓަބޮލިކް ސިންޑްރޯމް ހުރި ކަމަށް ބަލަނީ ތަފާތު ފަސް ބައްޔެއްގެ ތެރެއިން ތިން ބައްޔެއް އެމީހެއްގެ ހަށިގަނޑުގައި ހުރި ނަމަ އެވެ. އެ ފަސް ބައްޔަކީ ލޭ މައްޗަށް ދިއުން، ހަކުރުބަލި، ފަލަބަލި، ޓްރައިގްލިސަރައިޑްސް (ކޮލެސްޓްރޯލްގެ ވައްތަރެއް) މަތިވުން އަދި އެޗްޑީއެލް ކޮލެސްޓްރޯލް ދަށްވުން މި ފަސް ކަންތަކަށެވެ. މިއީ ކަންތައްތަކަކީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ މައްސަލަ ތަކެކެވެ. މީގެ ތެރެއިން ތިން ކަމެއް އެމީހެއްގެ ހަށިގަނޑުގައި ހުރެފައި ކޮވިޑް-19 ޖެހިއްޖެނަމަ ނުރައްކާ އިތުރުވެ އެވެ.
"ފަލަބަލި، ހަކުރުބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް ލެވެލް މަތިވުން މިއީ އެންމެ ނުރައްކާ ބޮޑުވާ ބަލި މީހުންނަކީ، މި ބަލިތަކުގެ ތެރެއިން އެ މީހެއްގެ ހަށީގަނޑުގައި މީގެ ބަލިތައް ގިނަވި ވަރަކަށް ނުރައްކާވެސް އިތުރުވޭ. ބަލީގައި އެންމެ ބޮޑުވަރު ވަނީ މި ބަލިތައް ހުންނަ މީހުންނަށް،" އެމެރިކާގެ ޔުނިވަސިޓީ އަކުން ކުރި ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފައި ވެއެވެ.
މި ދިރާސާ ކުރުމަށް ސައިންސްވެރިން މޮނިޓާކޮށްފައި ވަނީ މި އަހަރުގެ މާޗް 30 އިން އޭޕްރީލް 5 އަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި 287 ބަލި މީހެކެވެ. މިއީ މި ދިރާސާގެ މަސައްކަތްކުރި ނިއު އޯލީންސްގައި ކޮވިޑް-19ގެ މައްސަލަ އެންމެ ބޮޑުވި ދުވަސްވަރެވެ.
ދިރާސާގެ ބައިވެރިންގެ އެވްރެޖް އުމުރަކީ 61 އަހަރެވެ. މީގެ ތެރެއިން 57 ޕަސެންޓަކީ އަންހެނުންނެވެ. މި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ ލޭ މައްޗަށްދާ ބަލި ހުއްޓެވެ. އާދަޔާޚިލާފަށް ފަލަ މީހުންގެ ޕަސެންޓޭޖަކީ 65 އެވެ. ގާތްގަނޑަކަށް 54 ޕަސެންޓް މީހުންގެ ހަކުރުބަލި ހުއްޓެވެ. އަދި އެޗްޑީއެލް ދަށް 39 ޕަސެންޓް މީހުން ހިމެނެ އެވެ.
ކޮވިޑް-19 އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ދެ ގްރޫޕެއްގެ މީހުން މި ދިރާސާގައި ސައިންސްވެރިން މޮނިޓާ ކުރި އެވެ. މެޓަބޮލިކް ސިންޑްރޯމް ހުރި މީހުންނާއި އެ މައްސަލަ ނެތް މީހުންނެވެ.
ސައިންސްވެރިން ބެލި ކަންތައްތަކުގެ ތެރޭގައި ދިރާސާގެ ބައިވެރިންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދޭން ޖެހުނީ ކިތައް މީހުންނަށް ކަމާއި ވެންޓިލޭޓަރަށް ލާން ޖެހުނީ ކިތައް މީހުންކަމަށް އަދި ނޭވާލުމުގެ ނިޒާމަށް ބޮޑެތި މައްސަލަ ދިމާވީ ކިތައް މީހުންނަށް ކަމާއި ބަލީގައި މަރުވީ ކިތައް މީހުންކަން ބަލާފައި ވެއެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން 66 ޕަސެންޓް މީހުންނަކީ މެޓަބޮލިކް ސިންޑްރޯމް ހުރި މީހުންނެވެ. އަނެއް މީހުންނަކީ މި ބަލިތައް ނެތް މީހުންނެވެ. ނަތީޖާ ދެއްކި ގޮތުން މެޓަބޮލިކް ސިންޑްރޯމް ހުރި މީހުންގެ 56 ޕަސެންޓަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނުއިރު އެ ބަލި ނެތް މީހުންގެ ތެރެއިން އައިސީޔޫއަށް ލާން ޖެހުނީ 24 ޕަސެންޓް މީހުންނެވެ. ވެންޓިލޭޓާ ސަޕޯޓް ދޭން ޖެހުނީ މެޓަބޮލިކް ސިންޑްރޯމް ހުރި މީހުންގެ ތެރެއިން 48 ޕަސެންޓަށް ކަމަށް ވީއިރު އެ ބަލިތައް ނެތް މީހުންގެ ތެރެއިން ވެންޓިލޭޓަރު ސަޕޯޓް ދޭން ޖެހުނީ 18 ޕަސެންޓް މީހުންނަށެވެ.
މެޓަބޮލިކް ސިންޑްރޯމް ހުރި މީހުންގެ ތެރެއިން 26 ޕަސެންޓް އެ ބަލީގައި މަރުވިއިރު އެ ނޫން މީހުންގެ ތެރެއިން މަރުވީ 10 ޕަސެންޓް މީޙުންނެވެ.
މި އެންމެންގެ ނަސްލާއި އުމުރު އަދި ޖިންސާއި އެމީހުންނަށް ފަރުވާ ދިން ހޮސްޕިޓަލު ހުރި ހިސާބާއި އެތަނުގެ ޚިދުމަތްތަކަށް ވެސް މި ދިރާސާގައި ބަލާފައި ވެއެވެ. މި ހުރިހާ ކަމަކަށް ބެލުމަށްފަހު ސައިންސްވެރިން ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ޖެހިގެން މަރުވުމުގެ ފުރުސަތު މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންނަށް އެފަދަ ބައްޔެއް ނެތް މީހުންނަށް ވުރެ 3.4 ގުނަ އިތުރެވެ. ޚާއްސަކޮށް ފަލަބައްޔަކީ ކޮވިޑް-19 ގައި އެންމެ ބޮޑުވަރުވެ އެންމެ ފުރާނައަށް ނުރައްކާވާ ސަބަބު ކަމަށް ސައިންސްވެރިންގެ ވަރަށް ގިނަ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.