ނާޒަކު ވަގުތުތަކުގައި ވެސް ގައުމުގެ ހިންގުމުގެ ސްޕީޑަަށް ބަދަލެއް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ހާއްސަކޮށްގެން ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނެއް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައިނީ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ގޮވުމާ ގުޅިގެން މި ދުވަސް ކޮޅަކީ ވަރަށް ނާޒުރު ދުވަސް ކޮޅެއް ކަމަށެވެ.
އެ ހާދިސާއިން ރައީސް އަބްދުﷲ ޔާމީން ސަލާމަތްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ވެރިވާ ކަމަށާއި ހަމައެއާއެކު ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރައީސްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމްއަށް އަނިޔާވެފައިވާ ކަމަށާއި، އެ ކަމަނާ އަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެކި މުއްްސަސާތަކުން ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށާއި، ބަޖެޓު ހުށަހެޅުމުގެ މަސައްކަތްތަކަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ޝައިނީ ވިދާޅުވީ ގައުމުގެ އިގްތިސާދުގެ ދުވެލި ބާރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ރާއްޖޭގައި އެކިއެކި ޕްރޮޖެކްޓައް ހިންގުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި
އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގޮސް ނިންމާނެ ކަމަށެވެ.