ދުނިޔެ

ނަވާޒު ޝަރީފާއި ޒަރުދާރީގެ މައްޗައް ދައުވާކޮށްފި

ޕާކިސްތާނުގެ ކުރީގެ ރައީސާއި އާސިފް އަލީ ޒަރުދާރީ އާއި ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފަށް ދައުވާ ކޮށްފި އެވެ.

ކުރީގެ ރައީސް އާސިފު އަލީ ޒަރްދާރީގެ މައްޗައް ހިޔާނާތުގެ ދެ ދައުވާ އެވެ. މީގެ އިތުރަށް ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފާއި އާޒާދު ކަޝްމީރުގެ ބޮޑު ވަޒީރާއި އިތުރު 40 މީހެއްގެ މައްޗަށް ގައުމަށް ޣައްދާރުވި ކަމުގެ ކުށުގެ ދައުވާ ކުރެ އެވެ.

މި މައްސަލަތައް ފެންމަތިވެފައި މިވަނީ ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި ނަވާޒު ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގް - ނަވާޒް (ޕީއެމްއެލްއެން) އިން ބޮޑު ވަޒީރު އިމްރާން ހާންގެ ސަރުކާރާއި ދެކޮޅަށް ބޮޑު މުޒާހިރާ އެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.

ނަވާޒު ޝަރީފުގެ ޕީއެމްއެލްއެން އަކީ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރު ވައްޓާލުމަށް މިދިއަ މަހު އިފްތިތާހު ކުރި ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓް (ޕީޑީއެމް) ގެ އިސް ބައިވެރިއެކެވެ. ނަމަވެސް އިމްރާން ހާންގެ ސަރުކާރަކީ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ސަރުކާރެކެވެ.

ޕީޑީއެމުން އެ ހަރަކާތުގެ ފުރަތަމަ މުޒާހިރާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ގުޖްރަންވަލާ ސިޓީ ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޒަރުދާރީގެ މަައްޗައް ބޮޑު ހިޔާނާތުގެ ދައުވާ އުފުލުމުން އިދިކޮޅު ޕާޓީގެ އެންމެ އިސް މެމްބަރާއި ދެކޮޅަށް ހުށައެޅިފައިވާ ގާނޫނީ މައްސަލައިގެ ބޮޑުކަން ހާމަވެ އެވެ. މީގެ ކުރިން ވެސް ޒަރްދާރީ ވަނީ ހިޔާނާތުގެ ކުށުގައި ބަންދު ކުރި އެވެ. ނަމަވެސް މިދިޔަ ޑިސެންބަރު މަހު ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަފާލާތުގެ ދަށުން މިނިވަން ކުރީ އެވެ. އެމަނިކުފާނުގެ މައްޗައް ތުހުމަތު ކުރަނީ އެއްވެސް އަސްލެއް ނެތް ބޭންކު އެކައުންޓު ތަކެއް ހިންގެވި ކަމަށް ބުނެ އެވެ. އެކަމަކު މި ތުހުމަތުތަކަށް ޒަރުދާރީ ދެކޮޅު ހައްދަވަ އެވެ.

ނަވާޒް ޝަރީފް ގެ މައްޗައް ދައުވާ އުފުލާފައިވަނީ ލާހޫރު ގެ އާންމު ރައްޔިތެކެވެ. އެ ދައުވާގައި ވަނީ ނަވާޒު ޝަރީފު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އިސް ބޭފުޅުން ޕާކިސްތާންގެ ބާރުގަދަ އަސްކަރިއްޔާ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނާތީ އެކަމާއި ހިތްޕުޅު ހަމަނުޖެހިގެން އަސްކަރިއްޔާއަށް ފާޑު ވިދާޅުވެ ދެއްވާފައިވާ ތަގުރީރު ތަކުގެ މައްސަލަ އެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއަށް ފާޑު ކިޔުމަކީ އެގައުމުގެ ގާނޫނުގައި މަނާ ކަމެކެވެ. އަދި ގައުމަށް ޣައްދާރުވިކަން އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަ މަރުގެ ހުކުމް އިއްވިދާނެ އެވެ.