ސިއްހީ ލާހަތާ ގުޅުވައި ނޮވެމްބަރު 2019 ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ނަވާޒް ޝަރީފް އުޅުއްވަނީ އެ ގައުމުގަ އެވެ. ޕާކިސްތާން ސަރުކާރުން ބުނީ އެމަނިކުފާނުގެ ޕާސްޕޯޓް މުއްދަތު ހަމަވި ނަމަވެސް އާ ނުކޮށްދޭނެ ކަމަށެވެ.
ނަވާޒް ޝަރީފްގެ ޕާސްޕޯޓާއި ގުޅުންހުރި ޑޮކިއުމަންޓްތައް މުއްދަތު ހަމަވާ ގޮތަށް އޮތީ އަންގާރަ ދުވަހުރޭ ކަމަށް އެނގިފައިވެ އެވެ. އެހެން ނަމަވެސް، ޕާކިސްތާން އިންޓީރިއާ މިިނިސްޓަރު، ޝެއިހް ރާޝިދު މުހައްމަދު ވިދާޅުވީ ލިޔުންތައް އާ ކޮށްދޭން ބޭނުން ނުވަނީ އިނގިރޭސިވިލާތުން އެމަނިކުފާނު ގެނައުމަށް މަގުފަހި ކުރުމަށް ކަމަށެވެ.
"ލިޔުންތަކުގެ މުއްދަތު ހަމަވުމަށް ފަހު ޕާކިސްތާން ޕާސްޕޯޓެއްގައި އެމަނިކުފާނަށް ދަތުރެއް ނުކުރެއްވޭނެ." ރާޝިދު ވިދާލުވި އެވެ. "ބުދަ ދުވަހުން ފެށިގެން އެމަނިކުފާނަށް އިޚްތިޔާރު އޮންނާނީ އެންމެ ކަމަކަށް. އެއީ އެނބުރި ގައުމަށް ވަޑައިގަތުން" ރާޝިދު ވިދާޅުވީ ލިޔުންތައް އަލުން ހަދައިދެވެން ނެތީ އޭނާއަށް ދަތުރުކުރުން މަނާކޮށްފައި ވާތީ ކަމަށެވެ.
ނަވާޒް ޝަރީފް އިނގިރޭސިވިލާތުން ގެނައުމަކީ ޕާކިސްތާނަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ބުނެވެ އެވެ. އެއީ އިނގިރޭސިވިލާތާއެކު ކުށްވެރިން އަދި ސިޔާސީ ހިމާޔަތް ހޯދައިގެން އުޅޭ މީހުން ބަދަލު ކުރުމާ ގުޅޭ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕާކިސްތާންގެ ނޯންނާތީ އެވެ.
ގާނޫނީ މީހުން ބުނާ ގޮތުގައި ޕާސްޕޯޓް މުއްދަތު ހަމަވި ނަމަވެސް ނަވާޒް ޝަރީފަށް ޔޫކޭއިން ބޭރުވެ އެހެން ގައުމުތަކަށް ދަތުރު ކުރެއްވޭނެ އެވެ. އިނގިރޭސިވިލާތުން އެފަދަ ލުޔެއް ދީފި ނަމަ އަދި އެއީ މާ ފަސޭހަ ގޮތަކަށް ވާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕާސްޕޯޓް އާ ކުރުމަށްޓަކައި އިނގިރޭސި އިދާރާތަކާ އެކު ނަވާޒް ޝަރީފް ވަނީ މަޝްވަރާކުރައްވާފަ އެވެ.
ނަވާޒް ޝަރީފް 71، ވަނީ ޕާކިސްތާންގެ ބޮޑުވަޒީރުކަން ތިން ފަހަރަކު ކުރައްވާފަ އެވެ. އެއީ 1990 އިން 1992 އަށް، އަދި 1997 އިން 1999އަށާއި 2013 އިން 2017 އަށެވެ.
ނަވާޒް ޝަރީފް ވެރިކަމުން ދުރުކުރީ ސްޕްރީމް ކޯޓުންނެވެ. އެއީ ޕެނަމާ ޕޭޕާސްއާ ގުޅުންހުރި މުއާމަލާތްތަކެއްގެ ސަބަބުންނެވެ.