ލ. ގަން

ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށަނީ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަަށަން ތައްޔާރު ވެއްޖެ އެވެ.

ބޮޑު އާބާދީ އެއް އޮންނަ ގަމުގެ ހޮސްޕިޓަލުގައި މި މަހުގެ 10 ވަނަ ދުވަހުން ފަށައިގެން ސީޓީ ސްކޭން ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. ސްކޭން ކުރާ ސާމާނު އެ ހޮސްޕިޓަލަށް ގެންގޮސް އެ ތަކެތި ޓެސްޓު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދެއެވެ.

ގަމު ހޮސްޕިޓަލުން ބުނީ ސްކޭން ރޫމްގައި މެޝިނުތައް އިންސްޓޯލްކޮށް އެއްވެސް ކަހަލަ މައްސަލަ އެއް ހުރިތޯ ބަލަމުން ގެންދާއިރު ރޭޑިއޭޝަން ލީކެއް ހުރިތޯ ވެސް ބަލާ ކަމަށެވެ.

އެ ހިދުމަތް ފަށާއިރު ހިދުމަތް ދޭނީ މިހާރުވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ކޮވިޑާއެކު ގަމު ހޮސްޕިޓަލަށް ހިދުމަތް ހޯދަންދާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ކުރިން އެ ހޮސްޕިޓަލުގައި 100 މީހުން ދުވާލަކަށް ބެލި އިރު މިހާރު 300 އެއްހާ މީހުން ބަލަ އެވެ.