އަހުމަދު ޝިޔާމް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސިއްރުކުރުމަކީ ބިރުވެރިކަމެއް: ޝިޔާމް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސިއްރު ކުރުމަކީ ބިރުވެރި ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހޯދުމަށް ނޫސްވެރިއަކު ވަނީ ހުށައަޅާފަ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައިނުވާތީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ އޮފީހުން ވަނީ އާންމު އަޑުއެހުމެއް މިއަދު ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަށްވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ރާއްޖެ-އިންޑިއާ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ ނުކުޅެދުންތެރި ކަމެވެ. އަދި ގައުމު އަޅުވެތިވެފައިވާ މިންވަރެވެ. ޝިޔާމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަނުކޮށް ސިއްރު ކުރުމަކީ ބިރުވެރި ކަމެއް ކަމަށެވެ. އަދި އެ ނަންބަރު ހާމަ ކުުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމުން ދޭހަކޮށްދެނީ ދިވެހި ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ ނުކުޅެދުންތެރިކަން. އަދި ގައުމު އަޅުވެތިވެފައިވާ މިންވަރު. މިއީ ބިރުވެރި ކަމެއް. އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ޖެހޭ
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ބައެއް ބޭފުޅުން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ޖެހޭ ކަމަށާ އަދި ސިފައިން ތިބި ހަގީގީ ސަބަބުވެސް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި އދ ގެ ޗާޓަރާއި ހިލާފަސް އެއްބަސްވުންތައް ސިއްރު ނުކުރެވޭނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާގޮތަށް ރާއްޖެއަށް "ހަދިޔާ" ކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ. ރާއްޖެ-އިންޑިއާ ގުޅުން އެހެން ލެވެލްއަކަށް ގޮސްފައިވާ ކަމަށް ބުނެ އާންމުން ގެންދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ހިންގަމުންނެވެ. އެ ކެންޕެއިނަށް އިދިކޮޅު ދެ ޕާޓީން ތާއީދު ކުރެއެވެ.

ރާއްޖެ-އިންޑިއާ އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބެވޭނީ ސިފައިންގެ 24 މީހުނަށެވެ. ދެ ހެލްކޮޕްޓަރަށް 48 ސިފައިންނެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް އޭގެ ދެ ގުނަ އިތުރަށް ސިފައިން ތިބެއެވެ. އެކަމާއި ގުޅިގެން އިންޑިއާ ސަރުކާރާ ރާއްޖެއިން ސުވާލު ވެސް ކޮށްފައި ވެއެވެ. ނަމަވެސް އަބަދުވެސް އިންޑިއާގެ ޖަވާބަކީ އެއީ ޑިއުޓީ ބަދަލުކުރާ ގަޑިކަމުން ސިފައިން ގިނަވަނީ އެވެ.

"އަޅުގަނޑުގެ އަންދާޒާގައި މިހާރުވެސް 200 ސިފައިން ތިބޭނެ. މިއީ އަޅުގަނޑު މި ދަންނަވާ ނުރައްކާ ފެށޭ ހިސާބަކީ. މީގެ އަށް އަހަރު ކުރިން އެންމެ 24 ސިފައިން. މިހާރު ހަތިޔާރާއެކު ތިބި 200 ސިފައިންނަށް މި ބަދަލުވީ. ލިޔެކިޔުމުގަައި ކޮންމެ ގޮތަކަށް އޮތަސް ކަން މި ހިނގަނީ އެ ގައުމުން ބޭނުންވާ ގޮތަށް،" އުމަރު ވިދާޅުވިއެވެ.