ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ވަހީދަށް ކުރާ ތުހުމަތު ދޮގުކޮށްފި

ރައީސް ވަހީދު އިސްވެ ހުންނަވާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑާޝިޕަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅު ކޯލިޝަނުން ދޮގު ކޮށްފި އެވެ.

ސަރުކާރަށް ތާއީދުކުރާ ބައެއް ބޭފުޅުން އަދި ބައެއް މީޑިއާތަކުން ވަނީ ޕީޕީއެމްގެ ލީޑާޝިޕަށް ބަދަލުތަކެއް ގެނައުމަށް ވަހީދު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތަށް ތާއީދު ހޯދުމަށް ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު މެދުވެރިކޮށް ޕާޓީގެ އެކި ލެވެލްގެ ބޭފުޅުންނާއި ގުޅާ މަޝްވަރާ ކުރަމުންދާ ކަމަަށް ވެސް އަޑު ފަތުރަމުން ގެންދެ އެވެ.

އެ ވާހަކަތައް ދޮގުކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވީ ވަހީދާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީގެ ކުރިމަތި ކުރައްސަވަނީ ރައީސް ޔާމީން ކަމަށާ އެ ދެ ޕާޓީގެ ލީޑާޝިޕަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އެންމެ ވަރުގަދަ ލީޑާޝިޕް ކަމަށެވެ.

"ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ. ލީޑަޝިޕް އަދި އެޑްވައިޒަރުންނާއި ކައުންސިލް މެންބަރުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. ދާނީ ކުރިއަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވަހީދާ ގުޅުވާ ފަތުރާ ވާހަކަތައް ވަހީދުގެ ދަރިކަލުން ޖެފްރީ ވެސް ވަނީ ދޮގު ކޮށްފައެވެ. އަދި ވާހަކަ ފަތުރަމުން ދަނީ އެ ބޭފުޅުން ކުރައްވާ މަސައްކަތާއި ދިމާ އިދިކޮޅަށް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ރަައީސް ވަހީދު ހަމަޖައްސަވާފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭގެ ފަހުން ރަައީސް ވަހީދަށް އަމާޒުކޮށް ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ވަރަށް ގިނައިން ބަހުގެ ހަމަލާތައް ދެއްވަ އެވެ. އަދި ތަފާތު ތުހުމަތުތައް ކުރައްވާ އެ ތުހުމަތުތައް ފެންމަތި ކުރައްވަ އެވެ. ވަހީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލަން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ގޮވާލެއްވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ ރިޕޯޓެއް ވަހީދުގެ ވެރިކަމުގައި ފައިސާ ދީގެން ބައްލަވައިގަނެ އެ ރިޕޯޓް ފޮރުވާފައިވާ ކަމަަށް ތުހުމަތުކޮށް އެ މައްސަލަ މަޖިލީހުން ބަލަން ނިންމިއެވެ. އަދި އިދިކޮޅުން ބޭއްވި ސައިކަލް ބުރަކަށް ފަހު އެ ސައިކަލްބުރުގެ ބައިވެރިންނާ ވާހަކަ ދެއްކެވިއިރު މާސްކު ތިރިކޮށްލެއްވުމުން ފުލުހުންގެ އިދާރާއަށް ދެ ދުވަހު ހާޒިރުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

ވަހީދު ވިދާޅުވީ އެއީ ބިރު ދައްކަން ކުރާ ކަންކަން ކަމަށެވެ. ނަަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާ ދެ ޕާޓީގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުން ދައްކަންޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށެވެ.

"ތިޔަ ފެނިވަޑައިގެންނެވީ ކުޑަ މަންޒަރެއް. އަދި ކުރިއަށް އޮތްތާ އެއަށްވުރެ މާ ބޮޑު މަންޒަރު ފެނިގެންދާނެ. އަދި ސިޔާސީ ޕާޓީގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައްވެސް އަޅުގަނޑު ދައްކާނެ،" ފުލުހަށް ހާޒިރު ކުރެއްވުމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރައީސް ވަހީދު ވިދާޅުވިއެވެ.