ހަބަރު

ޝަރީއަތަށް ލެޕްޓޮޕާއި ފޯނު ވެއްދުމުގެ ހުއްދަ ދީފި

ދައުލަތާއި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި އަދި ސްމާޓް ފޯން ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުން ބުނީ މިގޮތަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވުމާއެކު، މިބަލި ފެތުރުން މަދު ކުރުމުގެ ގޮތުން އަތުން އަތަށް ބަދަލު ކުރެވޭ ލިޔެކިޔުންތައް ވީހާވެސް މަދުކުރުމަށްޓަކައި ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިލެކްޓްރޯނިކް ޒަރިއްޔާއިން މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސައި ކުރިމިނަލް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ. އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ދައުވާ ލިބޭ ފަރާތްތަކަށް ދަނީ ފޮނުވަމުންދާ ކަމަށާއި އަދި ކޯޓަށް ހާޒިރުވާ ވަކީލުންނަށް ވެސް މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ކަރުދާސް ކޯޓަށް ގެނައުމުގެ ބަދަލުގައި، އެ ލިޔެކިޔުމުގެ ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

އެގޮތުން، ޝަރީއަތްތަކުގެ ތާވަލް ކަނޑައެޅުމަށް ވަކީލުންނާ މަޝްވަރާ ކުރާއިރު، ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ޝަރީއަތަށް ނުވެއްދޭތީ ތާވަލް ބެލުމަށްޓަކައި އަޑުއެހުންތައް މެދުކަނޑާލަން ޖެހޭތީ ކޯޓުގެ ވަގުތުތަކެއް ގެއްލިގެންދާކަމަށް ބުނެފައިވެ އެވެ. އެހެންވެ، ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ވެއްދުމުގެ ފުރުސަތު ދޭން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ކޯޓުން އިތުރަށް ބުނީ، އެފަދަ ވަސީލަތްތައް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނަސް، އަޑުއެހުންތައް ރެކޯޑް ކުރުމާއި ވީޑިއޯ ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ފޯނާއި ޓެބްލެޓާއި އިލެކްޓްރޯނިކް އެއްވެސް އާލާތެއް ޝަރީއަތުގެ މަޖިލިސްތަކުގައި ބޭނުން ކުރުމުގެ ފުރުސަތު ކޯޓުތަކުން މީގެކުރިއަކުން ނުދެ އެވެ. އަދި އެފަދަ ވަސީލަތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދިިޔަސް، ބައެއް ކޯޓުތަކުން އެކަމަށް ވަގުތުން ފިޔަވަޅު އަޅަ އެވެ.