ދުނިޔެ

ކުވޭތުގެ އާ ވަލީއަހުދަލަށް ވާނީ ކޮންބޭފުޅެއް؟

ކުވޭތުގެ އާ އަމީރު ޝެއިހް ނަވާފުއަށް އާ ވަލީއަހުދަކު އައްޔަން ކުރެއްވުމަށް ގާނޫނީ ގޮތުން އަދި ރަނގަޅު އެއް އަހަރު އެބައޮތެވެ. ނަމަވެސް އާންމު ގޮތެއްގައި އާ އަމީރަކު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އަބަދުވެސް މަދު ހަފުތާ ތަކެއްގެ ތެރޭގައި އާ ވަލީ އަހުދަކު އައްޔަން ކުރައްވަ އެވެ. މުސްލިމް ދުނިޔެ އާއި އަރަބި ގައުމުތަކުން ވެސް އަދި ހުޅަނގުގެ ބާރުތަކުން ވެސް ބަލަން އޮތީ އަމީރު ނަވާފް ދެން ވަލީ އަހުދު ކަމަށް ގެންނަވާނެ ބޭފުޅަކަށެވެ.

ވަލީ އަހުދު ކަމަށް އަމީރު އައްޔަން ކުރައްވާނެ ކަމަށް ބެލެވޭ ތިން ބޭފުޅަކު އެބަތިއްބެވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ އަމީރުގެ ދޮށީ ދަރިކަލުން ޝެއިހް ނާސިރު ސަބާހް އަލް އަހުމަދު އައްސަބާހު އެވެ. އެމަނިކުފާނަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ. އެމަނިކުފާނު ވަނީ ދެ އަހަރު އެ މަގާމް އަދާ ކުރެެއްވުމަށް ފަހު ކެބިނެޓަށް ގެނައި ބަދަލު ތަކެއްގައި މަގާމް ގެއްލިވަޑައިގެންފަ އެވެ. މަގާމު ގެއްލި ވަޑައިގަތީ ޝާހީ އާއިލާގެ ތެރޭގައި ހިނގި ހިޔާނާތުގެ ބޮޑު މައްސަލަ ތަކެއްގެ ސަބަބުންނެވެ.

ދެވަނައަށް ވަލީ އަހުދުގެ މަގާމް ލިބިވަޑައިގެންފާނެ ކަމަށް ބެލެވޭ ބޭފުޅަކީ ކުރީގެ އަމީރަށް ބޮޑު ބޭބެ ވިދާޅުވާ ޝެއިހް ނާސިރު އަލް މުހައްމަދު އަލް ސަބާހެވެ. އެ މަނިކުފާނު ވަނީ ކުރިން ބޮޑު ވަޒީރުކަން ވެސް ކުރައްވާފަ އެވެ. އެ މަނިކުފާނު ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ މައްޗައް ހިޔާނާތުގެ ބޮޑު ތުހުމަތެއް ކުރުމާއި ގުޅިގެންނެވެ.

ތިންވަނަ އަށް ވަލީއަހުދުގެ މަގާމް ލިބިވަޑައިގެންފާނެ ކަމަށް ބެލެވޭ ބޭފުޅަކީ ކުރީގެ އަމީރުގެ ކޮއްކޯފުޅު ޝެއިހް މިޝާލް އަލް އަހުމަދް އަލް ޖާބިރު އައްސަބާހު އެވެ.

އެމަނިކުފާނަކީ ހިޔާނާތުގެ މައްސަލް އެއްގައި މީގެ ކުރިން ތުހުމަތެއް ކުރެވިފަިވާ ބޭފުޅަކަށް ނުވުމާއި މިހާރުގެ އާ އަމީރު އާއި ވަރަށް ރަނގަޅު ގުޅުމެއް ބާއްވަވާ ބޭފުޅަކަށް ވާތީ އެމަނިކުފާނަށް އާ ވަލީއަހުދު ގެ މަގާމް ލިބިވަޑައިގަންނަވާނެ ކަމަށް ބޮޑަށް ބެލެވެ އެވެ. އެމަނިކުފާނަކީ އަވައްޓެރި ގައުމުތަކާއި ވަރަށް ރަނގަޅު ގުޅުމެއް ވެސް އޮންނަ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ހިމެނެ އެވެ.