ދުނިޔެ

ކުވޭތުގައި އާސަރުކާރެއް އެކުލަވާލައިފި

ކުވޭތުގައި ސަރުކާރެއް އެކުލަވާނުލެވި އޮންނަތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް 15 މިނިސްޓަރުން ހިމެނޭ ގޮތަށް އާ ސަރުކާރެއް އެކުލަވާލައިފި އެވެ.

ބޮޑުވަޒީރު ޝެއިޚް ސަބާހް އަލްޚާލިދު އަލްސަބާހް ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް މިދިޔަ މަހު ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވީ އިދިކޮޅު މެމްބަރުންނާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

އެހެން ނަމަވެސް، އަމީރު ޝެއިޚް ނަވާފް އަލްއަހްމަދު އަލްޖާބިރު އަލްސަބާހް ވަނީ މަގާމުގައި ދެމިހުންނަވަން ބޮޑުވަޒީރަށް ދަންނަވާފަ އެވެ. އަދި އާ ސަރުކާރު އެކުލަވާލުމަށް ބޭނުންވާ ނަންތައް ހުށަހެޅުމަށް ދަންނަވާފަ އެވެ.

ކުވޭތު ސަރުކާރުގެ ނޫސް އޭޖެންސީ ކުނާ ބުނާ ގޮތުން ބޮޑުވަޒީރު ހުށަހެޅުއްވި 15 މިނިސްޓަރުންގެ ކެބިނެޓަށް އަމީރު ވަނީ ރުހުން ދެއްވާފަ އެވެ.

މިފަހަރުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ޑިފެންސާއި ފޮރިން އެފެއާޒް އަދި ތެލާ ބެހޭ ވަޒީރާއި އެޑިޔުކޭޝަން އަދި ކޮމިއުކޭޝަނާއި އިންފޮމޭޝަން ޓޭކްނޮލޮޖީއަށް ކަނޑައެޅުއްވީ ކުރީ ސަރުކާރުގައި އެމަގާމުގައި ތިއްބެވި ވަޒީރުންނެވެ.

ކުނާ ނޫސް އޭޖެންސީން ބުނާ ގޮތުން ސަރުކާރުގައި އަލަށް ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ ނަންތައް އިޚްތިޔާރު ކުރުމުގައި އެދާއިރާއަކުން އުނގެނި ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ބޮޑުވަޒީރު އިސްކަން ދެއްވި އެވެ.