ދުނިޔެ

އިންޑިއާއިން ބާރުގަދަ މިސައިލެއް ޓެސްޓްކޮށްފި

ދުޝްމަނުންގެ ސަބްމެރީންތަކަށް ޓޮރޮޕިޑޯ ފޮނުވާލެވޭ ވަރުގެ ގާބިލުކަން ހިމަނައިގެން ބާރުގަދަ މިސައިލެއް އިންޑިއާއިން ޓެސްޓް ކޮށްފި އެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރެ އެކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ބެލެވިފައިވާ ގޮތުގައި މި މިސައިލުން ފޮނުވާލެވޭ ޓްރޮޕިޑޯއިން 400 މޭލު ދުރުގައިވާ ދުޝްމަން ގައުމެއްގެ ސަބްމެރީންތަކަށް ހަމަލާ ދިނުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. އަދި މި ޓޮރިޕިޑޯ އަޑަށްވުރެ ތިން ގުނަ ބާރު ސްޕީޑެއްގައި ދަތުރު ކުރާނެ އެވެ.

އިންޑިއާގެ މި މިސައިލް ޓެސްޓް ކޮށްފައި ވަނީ އެ ގައުމުގެ ސްޓޭޓެއް ކަމުގައިވާ އޮޑިޝާގެ ވީލާ އައިލޭންޑްގަ އެވެ.

އެމެރިކާ އާއި ރަޝިއާ އަދި ޖަޕާން ގައި ލައިޓްވެއިޓް ޓޮރޮޕިޑޯ ފޮނުވާލެވޭ ވަރުގެ މިސައިލް އަދި ރޮކެޓްތައް ތަރައްގީކޮށްފައި އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް ގައުމެއްގައި ވެސް އިންޑިއާއިން އިއުލާން ކުރި 400 މޭލުގެ ރާސްތާއަށް ދަތުރު ކުރެވޭ ޓޮރޮޕިޑޯއެއް އަދި ނެތެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން ވަނީ ސަބްމެރީން ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ބައެއް ޒަމާނީ ހަތިޔާރު އަސްކަރިއްޔާއަށް ގަނެފަ އެވެ. މިގޮތުން އެމެރިކާއިން އުފައްދާފައިވާ ބޮއިންގް ޕީ-8 ގެ ޖާސޫސީ މަތިންދާބޯޓާއި ސީހޯކް އެމްއެޗް ހެލިކޮޕްޓަރު ހޯދާފައި ވެއެވެ.

އިންޑިއާގެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމަކީ އެ ގައުމަށް މިހާރު ވަރަށް މުހިންމު ކަމަކަށް ވަނީ ވެފައެވެ. ސަބަބަކީ ބާރު ގަދަ ޗައިނާ ދަނީ އިންޑިއާ ކަނޑުގައި އެ ގައުމުގެ ބާރުތައް ވަރަށް ބޮޑަށް ގަދަ ކުރަމުންނެވެ. އެމެރިކާގެ ދިފާއީ އިދާރާއިން ހާމަކުރާ ގޮތުގައި ޗައިނާއިން މިހާރު ވަނީ ޒަމާނީ ވަރުގަދަ 60 ސަބްމެރީން އުފައްދާފަ އެވެ، އަދި އެ ތަކެތި ދުރު ހިސާބު ތަކަށް ދަނީ ފޮނުވަމުންނެވެ.

ޗައިނާގެ ޕީޕަލްސް ލިބެރޭޝަން އާމީން އިންޑިއާ ކަނޑުގެ ޕޯޓު ތަކަށް ދަނީ ވަންނަމުންނެވެ. އެގޮތުން ހޯން އޮފް އެފްރިކާ ސަރަހައްދުގެ ޖިބޫތީ ގައި ދަނީ އެ ގައުމުން ބޭރުގެ ފުރަތަމަ އަސްކަރީ މަރުކަޒު ގާއިމް ކުރަމުންނެވެ.

ފާއިތުވި މަސްތަކުގައި ވަނީ އިންޑިއާ އާއި ޗައިނާ އާއި .ދެމެދު އުފެދިފައިވާ މައްސަލްތައް ވަރަށް ހޫނު ވެފައި ވެއެވެ. މިގޮތުން ހިމާލިޔާ ބޯޑާ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ދޭތެރެ ދޭތެރެ އިން ހަމަލަ ބަދަލު ކުރެވި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ