ވިޔަފާރި

މަހާޖައްރާފު ދުއްވަން ދިވެހިން ހަވާލުވެއްޖެ

Oct 7, 2020
1

ބޭރު މީހުންނާއެކު މިހާތަނަށް އޮޕަރޭޓް ކުރަމުން ގެންދިޔަ، އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު ދުއްވަން ދިވެހިން ހަވާލުވެއްޖެ އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުވެގެންދާ އެތައް މިލިއަން ޑޮލަރެއް ސަލާމަތް ކުރެވި، ދިވެހިންގެ އެތަށް ބަޔަކަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.

މި ބޯޓު ރާއްޖެ ގެނައި ފަހުން މިހާތަނަށް މަސައްކަތް ކުރަމުން ދިޔައީ ހުސް ބިދޭސީންނެވެ. ނަމަވެސް މިއަދުން ފެށިގެން މުޅި ބޯޓުގެ ފުލް އޮޕަރޭޝަން ކުރި އަށް ދާނީ ދިވެހިންގެ ބެލުމުގެ ދަށުންނެވެ. މިގޮތުން 17 ދިވެހިން މި ބޯޓުގައި ހަރަކާތްތެރިވާނެ އެވެ. މީގެތެރޭގައި ކެޕްޓަނުން އިން ފެށިގެން އިންޖިނޭރުންނާއި ކައްކާއިން ވެސް ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން، އެމްޓީސީސީ އިން ގެނައި ކޮންނަ ބޯޓް، މަހާޖައްރާފުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

އެމްޓީސީސީއިން ވަނީ މިހާތަނަށް މަހާޖައްރާފުން 13 މަޝްރޫއެއްގެ މަސައްކަތް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ސަރުކާރުގެ މަޝްރޫއުތަކެކެވެ. ނަމަވެސް އެ ކުންފުނިން ދަނީ ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏެއްގެ މަޝްރޫއެއްވެސް ހިންގަމުންނެވެ. އެ ކުންފުނިން މިހާރު ދަނީ ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޓާރާ ގްރޫޕުން ރާއްޖޭގައި އަޅާ ރިސޯޓެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.