ދުނިޔެ

ނަގޯނަކަރަބާގެ އަރައިރުން ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާނެ

އަޒަރުބައިޖާން އާއި އަރްމީނިއާ އާއި ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ އެކަން ސަރަހައްދީ ހަނގުރާމައަކަށް ބަދަލު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އީރާނުން ބުނެފި އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އިންޒާރު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ ވިދާޅުވީ މަސްރަހު ފިނިވެ އެ ސަރަހައްދައް ހަމަޖެހުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ބަލައި ގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވިސްނުންތެރި ކަމާއެކު އަޑުއަހަން ޖެހޭނެ މިކަން ... އަޒަރްބައިޖާން އާއި އަރްމީނިއާ އާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ އަކީ ސަރަހައްދީ ހަނގުރާމަ އަކަށް ބަދަލު ނުވުމަށް އެދެން،" ރައީސް ރޫހާނީ އިއްޔެ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މަސައްކަތުގެ މައިގަނޑު އަސާސް އަދި އުންމީދަކީ އެ ސަރަހައްދަށް ހަމަޖެހުމާއި ސުލްހަވެރި ގޮތެއް ގެނައުން"

މައްސަލަ ޖެހިފައިވާ ސަރަހައްދަކީ ރަސްމީ ގޮތުން އަޒަރްބައިޖާންގެ ސަރަހައްދެކެވެ. އެކަމަކު އެ ސަރަހައްދުގައި ބާރު ހިންގާ ވެރިކަން ކުރަނީ އަރްމީނިއާ ދަރިކޮޅުގެ މީހުނެވެ. މިފަހަރު ފެށިފައިވާ ހަމަނުޖެހުންތަކަކީ އެތައް ޒަމާނެއް ފަހުން އެ ސަރަހައްދު ގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުންތަކަށް ވެފައި ވެއެވެ. ދެ ފަރާތުން ވެސް ދަނީ މިފަހަރުގެ ހަމަނުޖެހުންތައް ފެށުމުގައި އެއް ބައެއް އަނެއް ބައެއްގެ ބޮލުގައި ބަދުނާމާއި އިލްޒާމްތައް އަޅުވަމުންނެވެ.

މި މައްސަލައާ ގުޅުވައި ރޫހާނީގެ ވާހަކަފުޅު އައިސްފައި މި ވަނީ އީރާންގެ ބައެއް އަވަށްތަކަށް އެ ގައުމުގެ އުތުރުގެ އަޒަރްބައިޖާން އާއި އަރްމީނިއާ ގުޅޭ ބޯޑަރުން ބަޑީގެ އުންޑަތައް އުދުހި އައިސް އޮހޭ ކަމަށް މައުލޫމާތު ލިބިފައި ވަނިކޮށެވެ.

"އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ އަޅުގަނޑުމެންގެ ސިޓީ ތަކާއި އަވަށްތައް ހިމާޔަތް ކުރުމަށް،" ރޫޙާނީ ވިދާޅުވި އެވެ.