އިރާންގެ ހާރިޖީ ވަޒީރަކަށް އަލީ ބާޤްރީ ކަނީ އައްޔަންކޮށްފި އެވެ.
ހާރިޖީ ވަޒީރު ކަމަށް ބާޤްރީ އައްޔަންކުރުމަށް ހަމައަށް އޭނާ ހުންނެވީ ހާރިޖީ ވަޒީރުގެ ނައިބުގެ ގޮތުގައެވެ.
އިގްތިސާދީ ދާއިރާ އިން ކިޔަވާ ވިދާޅުވެގެން ހުންނެވި ބާޤްރީ އަކީ 1990 ވަނަ އަހަރުންގެ ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އޭނާގެ އެންމެ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭގޮތުން ހުޅަނގާއެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރުމާއި، ގައިދީން ބަދަލުކުރުމަށް އެމެރިކާއާ އެކު އެންމެ ފަހުން އިރާނުން ތައްޔާރުކުރި އެއްބަސްވުން އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރުން ހިމެނެ އެވެ. ބާޤްރީ ވަނީ އިރާންގެ ބާރުގަދަ ޝޫރާ މަޖިލީހުގެ ޑެޕިއުޓީ ސެކެޓްރީގެ މަގާމުވެސް ފުރުއްވާފަ އެވެ.
އިރާންގެ ހާރިޖީ ވަޒީރު ކަމަށް އާ ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމީރު އަބްދުއްލުހައްޔާނީ އަވަހާރަވުމާ ގުޅިގެންނެވެ.
ހައްޔާނީ އަވަހާރަވީ އޭނާގެ އިތުރުން އިރާންގެ ރައީސް ޑރ. އިބްރާހިމް ރައީސީ ވެސް އިންނެވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހިތާމާވެރި ހާދިސާ ގައެވެ. މިހާދިސާގައި އިރާންގެ ރައީސް، ރައީސީވެސް ވަނީ އަވަހާރަވެފަ އެވެ.
އިރާންގެ ރައީސް ޑރ އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން އެކަން ރަސްމީކޮށް އިއުލާންކުރުމަށްފަހު އިރާނުން މިހާރު ވަނީ އެ ގައުމުގެ ވެރިކަން ނައިބް ރައީސް މުހައްމަދު މޮޚްބެރްއާ ހަވާލުކޮށްފަ އެވެ.