އީރާން

އިރާންގެ ވެރިކަމާ ނައިބް ރައީސް މުހައްމަދު މޮޚްބެރް ހަވާލުވެވަޑައިގެންފި

އިރާންގެ ރައީސް ޑރ އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން އެކަން ރަސްމީކޮށް އިއުލާންކުރުމަށްފަހު ވެރިކަން ނައިބް ރައީސް މުހައްމަދު މޮޚްބެރްއާ ހަވާލުކޮށްފި އެވެ.

މުހައްމަދު މޮޙްބެރް އަކީ އިރާންގެ ވަގުތީ ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ ގައުގެ ހަތްވަނަ ނައިބް ރައީސް ކަމަށް އިންތިހާބު ކުރެވުނު ބޭފުޅާ އެވެ. އޭނާ އަކީ އިރާންގެ ރޫހާނީ ލީޑަރުގެ އެންގެވުންތައް ތަންފީޒު ކުރާ ކޮމިޓީގެ ވެރިޔާ ކަންވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ސިނާ ބޭންކްގެ ޗެއާމަން ކަމާއި ޚުޒެސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ކަންވެސް ކުރިން ކުރައްވާފައިވެ އެވެ.

އިރާންގެ ގާނޫނުއަސާސީގައިވާ ގޮތުން އެ ގައުމުގެ ރައީސް އަވަހާރަވެއްޖެނަމަ 50 ދުވަހުގެ ތެރޭގައި އަލުން އިންތިހާބެއް ބާއްވައިގެން އާ ރައީސަކު ހޮވަންޖެހެ އެވެ.

އިރާންގައި ރައީސް އަކު ހުންނަވާ ގޮތަށް ގާނޫނުއަސާސީގައި ލިޔެވިފައިވީ ނަމަވެސް އެ ގައުމުގައި ހުންނަވާ ރޫހާނީ ލީޑަރަކީ ވަރަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އޭނާއަށް ސަރުކާރު ހިންގުމުގެ ސިޔާސަތު ކަނޑައެޅުމުގެ ފުރިހަމަ ބާރުތަކެއް ލިބިފައިވެ އެވެ.

އިރާންގެ ރޫހާނީ ލީޑަރަކަށް މިވަގުތު ހުންނެވީ އާޔަތުﷲ އަލީ ޚާމަނާއީ އެވެ. އޭނާ ވަނީ އިރާންގެ ރައީސް އަވާހަރަވި ނަމަވެސް ސަރުކާރަށް ހުއްޓުމަށް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މި ހިތާމަވެރި ވަގުތުގައި ރައްޔިތުން ކަންބޮޑުނުވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

އިރާންގެ ރައީސް ޑރ. އިބްރާހިމް ރައިސީ އަވަހާރަވީ އަވަށްޓެރި އަޒަރުބައިޖާން އާއި އީރާންއާ ގުުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ހެލިކޮޕްޓަރުގައި ވަޑައިގަންނަވަނިކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވެ އެ އުޅަނދު ވެއްޓުމާ ގުޅިގެންނެވެ.