ރެޕިޑް އެންޓިޖެން ޓެސްޓް ހެދުމުގައި އަމަލު ކުރަންޖެހޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފި އެވެ.
ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފެނީ ހަށިގަނޑުގައި ބަލީގެ ވައިރަސްހުރި ހާލަތުގަ އެވެ. އެ ޓެސްޓްގެ ނަތީޖާގެ އިތުބާރު ބޮޑުވަނީ ނުވަތަ ރަނގަޅު ނަތީޖާ ދައްކަނީ ވައިރަސްގެ ސަބަބުން ހަށިގަޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ހެދުމުންނެވެ.
އެޗްޕީއޭއިން ބުނީ ރެޕިޑް އެންޓިޖެން ޓެސްޓް ހެދުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އެކުލަވާލާފައި ވަނީ ޑަބްލިއުއެޗްއޯގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން މި ޓެސްޓު ކުރަން ވާނީ ކޮވިޑް ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޮވިޑްގެ އަލާމާތްތައް ފެންނަ ބަލި މީހުން ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމަށެވެ. އެފަދަ ހާލަތުގައި ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އެއީ ރަނގަޅު ނަތީޖާ ކަމަށް ބަލައި ކޮވިޑް-19 އަށް ފަރުވާ ކުރުމާއި ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ނަމަވެސް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެށުނުތާ ފަސް ދުވަސް ފަހުން ނަމަ، އަދި ނަތީޖާ ނެގެޓިވްވި ނަމަ ޕީސީއާރު ޓެސްޓުހަދައި ނަތީޖާ ކަށަވަރު ކުރަން ޖެހޭނެ އެވެ.
އާ އުސޫލުގައި ރެޕިޑް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހުންނާއި ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ހާލަތުގައި ބަލި ދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި ޓެސްޓެއް ނުކުރެވެ އެވެ. އަދި ޓެސްޓު ކުރާ ތަނުގައި އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓްރޯލު ފިޔަވަޅުތައް ނެތް ނަމަ ވެސް ޓެސްޓް ނުކުރެވެ އެވެ.
ހުން އެތެރެވާ ބަނދަރު ތަކުގައި ބޯޑާ ސްކްރީނިންގެ ބޭނުމަށް އަދި ލޭ ހަދިޔާ ކުރުމުގެ ކުރިން ބައްޔަށް ސްކްރީން ކުރުމުގެ ބޭނުމުގައި ވެސް ރެޕިޑް އެންޓިޖެން ޓެސްޓެއް ނުކުރެވޭނެ އެވެ.