ފިޓްނަސް ދަށްވެއްޖެނަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މެޗުތައް ކުޅުމަކީ ފަސޭހަކަމެއްނޫން ކަމަށް ގައުމީ ކޯޗު ނިއުޒީލޭންޑް ރިކީ ހާބަޓް ބުނެފި އެވެ.
އޭނާ މިހެން ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 4-0އިން ގަތަރު އަތުން ބަލިވި މެޗަށް ފަހު އެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއުޒީލޭންޑަށް ކޯޗުކޮށްދިން ހާބަޓް ބުނީ އޭނާ މިހާރު މަސައްކަތްކުރަމުންދަނީ ފިޓްނަސްލެވެލް މަތިކުރަން ކަމަށެވެ.
"އެނގޭތަ. 90 މިނިޓް އެއްފެންވަރެއްގައި ކުޅެވޭ ފިޓްނަސް ނެތް ކަމަށްވަނީ ވިއްޔާ އިންޓަނޭޝަނަލް މެޗުތަކުގައި ކުޅުމަކީ ފަސޭހަކަމެއްނޫން. އަހަރެން މިހާރު މަސައްކަތް ކުރަމުންދަނީ އެކަމަށް. ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޓީމުން ތަފާތު ފެނިގެންދާނެ،" މިދިޔަ މަހު ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ރޭ ބަލިވިއިރު މިދިޔަ ބުދަ ދުވަހު ބޫޓާން އަތުން ބަލިވިއިރު ވެސް މެޗުގެ ފަހު 15 މިނިޓްގައި ފެނުނީ ކުޅުންތެރިންގެ ބުންވަރުގެ މައްސަލަ އެވެ. ބޫޓާންކޮޅަށް ހަތަރު ލަނޑުޖަހާފައިވަނިކޮށް އެ ގައުމުން ރާއްޖެ ކޮޅަށް ތިން ލަނޑު ޖެހީ އެންމެ އަށް މިނިޓް ތެރޭގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ފަސް މެޗު ކުޅުނުއިރު އޮތީ ގްރޫޕުގެ ފަހަތުން ދެ ވަނާގަ އެވެ.