ސައިފް އަލީ ޚާން

ތައިމޫރު އެކްޓަރަކަށް ވާން ބޭނުން: ސައިފް

ލޮކްޑައުން ތެރޭގައި އިންޑިޔާ މީހުން ހާއްސަކޮށް ފިލްމުތަކަށް ލޯބިކުރާ މީހުން އެންމެ ހަނދާންވީ ތައިމޫރް އަލީ ހާން އެވެ. ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ތައިމޫރަކީ އިންޓަނެޓު ސެންސޭޝަން އެކެވެ. މި ކުޑަކުއްޖާ އާ ހެދި މީހުން މޮޔަވެފައި ތިބޭ ވަރުން އެ ކުއްޖައަށް ވެސް އުނދަގޫވެ އެވެ. ގެއިން ބޭރަށް ނުކުމެލާ ފަހަރަކު ނަމަ ފޮޓޮގްރާފަރުންތައް އޭނާގެ ފޮޓޯ ނަގާ ވަރުން ވެސް މި ކުއްޖާއަށް ވަރަށް އުނދަގޫތަކާ ކުރިމަތިވެ އެވެ.

މިހާރު ތައިމޫރުގެ މަންމަ ކަރީނާ ވަނީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި ތައިމޫރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފަށާފަ އެވެ. އޭނާގެ ފަހަތުން ޕަޕަރާޒީން ނުދުވާނެ ކަމުގެ އުންމީދުގައި ކަމަށް ވެދާނެ އެވެ. އަދި ލޮކްޑައުން ތެރޭގައި ތައިމޫރު ނުފެންނަ މީހުންނަށް އޭނާގެ ފޮޓޯތައް ދައްކާލައިގެން ހިތްހަމަޖައްސައިދޭން ކަމަށް ވެސް ވެދާނެ އެވެ.

މިދިޔަ ބުދަ ދުވަހު އޮންލައިން ޕޯޓަލް އަކަށް ސައިފް ދީފައިވާ އިންޓަވިއުއެއްގައި ވެސް ތައިމޫރުގެ ވާހަކަ ވަރަށް ދައްކާފައި ވެއެވެ. އަދި ލޮކްޑައުންގައި ތައިމޫރާއެކު ވަގުތު ހޭދަކުރި ގޮތުގެ ވާހަކަތައް ވެސް ސައިފް ވަނީ ހިއްސާ ކޮށްފަ އެވެ.

"ތައިމޫރަށް ކޮރޯނާވައިރަސް ވެސް ވީ މަޖާ ކަމަކަށް. ކޮރޯނާވައިރަސް އެހެން ކިޔަމުން އޭނާ މުޅި ގޭގައި ހިނގާ. އަދި މާސްކް އަޅައިގެން އުޅުމަކީ ވެސް އޭނާއަށް މާ މަޖާ ކަމަކަށް ވަނީ. ލޮކްޑައުން ތެރޭގައި އަންހެނުން ކަރީނާ އާއި ދަރިފުޅާއެކު ގޭގައި ހުރެވުނީތީ ވަރަށް އުފާކުރަން. އެމީހުން ނެތްނަމަ ވަރަށް އެކަނިވެރި ވީސް އޭ މިހާރު ހިތަށް އަރާ. އެއީ މައިދައިތަ ގެއަށް ވަރަށް ފަހުން ވެސް ކަރީނާ އާއި ތައިމޫރު ދިއުމުން އަހަރެން ގޭގައި ހުރެ އެކަނިވެރިކަން އިހްސާސްވީ ވަރުން. އެ ދުވަހު އަހަރެން ހިތަށް އެރި ނަސީބެކޭ ލޮކްޑައުންގައި އެ މީހުން އަހަންނާ އެކު ތިބިކަން،" ސައިފް ބުންޏެވެ.

އޭނާ އާއި ކަރީނާ އަށް ވުރެ ވެސް ތައިމޫރުގެ މަޝްހޫރުކަން އިތުރު ކަމަށް ސައިފް އެއްބަސްވި އެވެ. ތައިމޫރު ބޮޑުވެގެން ވަރަށް ރަނގަޅު ވަޒީފާއެއް އަދާކުރާނެ ކަމަށް ސައިފް އުންމީދު ކުރެ އެވެ.

"އަހަރެން ބޭނުން އޭނާ އެކްޓަރަކަށް ވާން. އޭނާ ބޮޑުވެގެން ފިލްމު ކުޅެން ފަށަން. އަދި އޭނާގެ ފުރަތަމަ ފިލްމު ވަރަށް ކާމިޔާބުވާތަން ދެކެން ބޭނުން،" ސައިފް ބުންޏެވެ.