ބޮލީވުޑް

ސައިފްގެ "ތާންޑަވް" ދެކެ ހިންދޫން ރުޅިގަދަވެއްޖެ

ދަ އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމް ކުރަން ފެށި ސައިފް އަލީ ޚާންގެ އާ ވެބް ސީރީޒް "ތާންޑަވް" ރިލީޒް ކުރުމާއެކު ފިލްމަށް ވަރަށް ގިނަ ބައެއްގެ ނަފްރަތު އަމާޒުވާން ފަށައިފި އެވެ. މި ފިލްމުގައި ހިންދޫންގެ ދީނާ ގުޅޭ ވަރަށް އިހާނެތި ވާހަކަތަކެއް ހުރި ކަމަށް ބުނެ ފިލްމު ބޮއިކޮޓް ކުރަން ވެސް ބަޔަކު ދަނީ ގޮވަމުންނެވެ.

"ތާންޑަވް" އަށް މީހުން ރުޅިގަނޑު ބާލަން ފެށުމުން އެ ސީރީޒްގެ ކްރިއޭޓާ - ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ވަނީ އެންމެންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި މިއީ އޭނާ ގަސްތުގައި އެއްވެސް ދީނަކަށް ފުރައްސާރަ ކުރަން ކުރި ކަމެއް ނޫން ކަމަށް އަލީ ބުނެފައި ވެއެވެ. ނަމަވެސް ޑައިރެކްޓަރު މިހެން ބުނިއިރު އޭނާ އާއި ފިލްމުގައި ބައިވެރިވާ ހުރިހާ އެކްޓަރުންނާ ދެކޮޅަށް ފުލުހުންނަށް މައްސަލަތަކެއް ވަނީ ހުށަހަޅާފަ އެވެ.

"ތާންޑަވް" އަކީ ޕޮލިޓިކަލް ޑްރާމާ އެކެވެ. ބޮޑުވަޒީރެއްގެ މަރަށް ފަހު އެ މަގާމަށް ދަހިވެތިވެފައިވާ އެތައް ބަޔަކު އެ މަގާމު ހޯދަން ކުރާ ކަންތައް މި ސީރީޒްގައި ދައްކަ އެވެ.

ނުވަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި އިންޑިޔާގެ ދަނޑުވެރިންގެ ހަޅުތާލާއި ސްޓޫޑެންޓް ލީޑަރެއްގެ މަސައްކަތް ދައްކަ އެވެ. މި އެޕިސޯޑުގައި އިންޑިޔާ މީހުން އަޅުކަންކުރާ ބައެއް ބުދުތަކުގެ ވާހަކަތަކެއް ހިމެނެ އެވެ. އަދި މި ވާހަކަތައް ހުރީ ހިންދޫން ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމަށް ވެއެވެ.

މި ސީރީޒް ދެއްކުން މަނާ ކުރަން އެދި ވެރިކަންކުރާ ބީޖޭޕީގެ އެމްޕީ މަނޯޖް ކޯޓަކް މިހާރު ވަނީ އިންޑިޔާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އަށް ސިޓީ ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ސީރީޒްގައި ހިންދޫ މީހުން އަޅުކަން ކުރާ އެއްޗިއްސަށް މަލާމާތް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ތަފާތު އޮގަނައިޒޭޝަންތަކުންނާއި ވަކިވަކި ފަރުދުން ވެސް މި ސީރީޒް އާ ދެކޮޅަށް ޝަކުވާތައް ކޮށްފައިވެއެވެ.

މި ސީރީޒް ބަލާފައި ހިންދޫން ރުޅިއައިލެއް ގަދަކަމުން ސީރީޒްގެ ލީޑް އެކްޓަރު ސައިފް އަލީ ޚާންގެ ގޭދޮށަށް ބަޔަކު އެއްވެދާނެކަމުގެ ބިރަށްޓަކައި މިހާރުއްސުރެ ފުލުހުން ވަނީ ސައިފް އާއި އަންހެނުން ކަރީނާ ކަޕޫރު ދިރިއުޅޭ ގޭގެ ބޭރުގައި ފޯރިމަރަން ފަށާފަ އެވެ.