ބޮލީވުޑުގައި އަލަށް ފިޔަޖަހަމުންދާ ޒުވާން ބަތަލާ ސާރާ އަލީ ހާންގެ ހުރިހާ ވެސް އެއްޗަކީ އޭނާގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގެވެ. ސާރާ ބުނާ ގޮތުގައި ދެރަވާން ޖެހޭ ކަންކަން ދިމާވެ އެންމެ ބޮޑަށް ނަފުސު މާޔޫސްވާ ދުވަސް ދުވަހު ވެސް އޭނާގެ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައިދޭ މީހަކީ މަންމަ އެވެ.
"ބައެއް ދުވަސްދުވަހު އަހަރެންގެ ވިސްނުން ހުންނަނީ އެހާ ޕޮޒިޓީވް ކޮށެއް ނޫން. އެއީ ހަމަ ވަރަށް ނޯމަލް ކަމެއް. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެފަދަ ދުވަސްތައް ތަޖުރިބާ ކުރާނެ. އަހަރެންގެ މަންމަގެ ރަނގަޅު ކަމުން އަހަރެންނަށް ކުރިމަތިވާ ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދޭ. އެކަހަލަ މަންމައެއް ހުރިއްޔާ ޕޮޒިޓިވްކޮށް ނޫން ގޮތަކަށް ހުރެވޭނެތަ؟" އިންޑިއާގެ ނިއުސް އެޖެންސީ އަކަށް ދީފައިވާ އިންޓަވިއު އެއްގައި ސާރާ ބުންޏެވެ.
ދާދި ފަހުން ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރި "ކޫލީ ނަންބަރު 1" ގެ ބަތަލާ ސާރާ ބުނީ އޭނާގެ މައްސަލަތައް މަންމަ ހައްލުކޮށް ދިނަސް މަންމައަކީ ވަރަށް ހިތްދަތި މާޒީއެއް އޮތް މީހެއް ކަމަށެވެ. ދެރަވާ ކަހަލަ ވަރަށް ގިނަ ކަންތައްތައް މަންމައާ ކުރިމަތިވި ކަމަށެވެ.
"މަންމަ އުޅެން ޖެހުނު ހިތްދަތި ދިރިއުޅުމާ ބަލާއިރު އަހަރެންގެ ދިރިއުޅުން އެތައް ގުނައަކަށް ރަނގަޅު. އެ ހުރިހާ ކަމަކާ އެކު ވެސް އިސް އުފުލައިގެން އެހެން މީހުންނާ ހަތަރުކަޅި ހަމަކޮށްގެން މަންމަ ދިރިއުޅެފައިވަނީ. އެގޮތަށް އަހަރެންނަށް އުޅެވިއްޖިއްޔާ އެހެން މީހުންގެ ތައުރީފު އަހަންނަށް ހައްގު އެއްޗަކަށް ވާނީ،" ސާރާ ބުންޏެވެ.
ސާރާއަކީ އަމްރިތާ ސިންގް އާއި އެކްޓަރު ސައިފް އަލީ ޚާންގެ ދެ ދަރިން ކުރެ ދޮށީ ދަރިފުޅެވެ. ހަގު ދަރިފުޅު އިބްރާޙިމް ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ އަމްރިތާ އާއި ސައިފް ވަނީ ވަރިވެފަ އެވެ.
ސައިފް އަށް ވުރެ އަމްރިތާ ވަރަށް ބޮޑުތަން ދޮށި ނަމަވެސް އެ ކައިވެނި ކާމިޔާބު ކުރެވޭތޯ އަމްރިތާ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އިޓަލީ މީހަކާ ސައިފް ލޯބީގެ ގޮތުން ގުޅި އެމީހުންގެ މެދުގައި މައްސަލަތައް ޖެހޭލެއް އިތުރުވެ ވަރިވީ އެވެ.
ފިލްމީ ބަތަލާ ކަރީނާ ކަޕޫރާ ސައިފް ކައިވެނި ކުރީ އިޓަލީ މީހާ އާ ރުޅިވިތާ ދުވަސްކޮޅެއް ފަހުންނެވެ. ސާރާ މިހާރު ކުޅެމުންދަނީ އަކްޝޭ ކުމާރާއި ދަނޫޝް އަދި ނިމްރަތު ކޯރް ވެސް މުހިއްމު ރޯލުތަކެއް ކުޅޭ "އަތުރަންގީ ރޭ" އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އާނަންދް އެލް.ރާއީ އެވެ.