ފިނިޕޭޖް

ސާރާ ދެކެ ސައިފް ރުޅި އަތުވެއްޖެ

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ފަޅާ އަރައިގެން އުޅޭ އޭނާ ޑްރަގް ނެގި މައްސަލަތަކެއް މިހާރު އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯއިން ބަލަމުން ދާއިރު އެ ތަހުގީގުގައި ސުވާލު ކުރަން ބޮލީވުޑް ބަތަލާ އަދި ސައިފް އަލީ ޚާނާއި އޭނާގެ ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ވެސް އެ އެޖެންސީއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

މިކަމާ ސައިފް ވަނީ ސާރާ އާއި އޭނާގެ މަންމަ އަމްރިތާ ދެކެ ވަރަށް ރުޅިއައިސްފަ އެވެ.

ސާރާ އެންސީބީއަށް ހާޒިރުވާން އޮތް ދުވަހު ވެސް ސާރާއަށް ހިތްވަރުދޭން އޭނާއާ އެކު ދިއުމުގެ ބަދަލުގައި ސައިފް ވަނީ އޭނާގެ އަންހެނުން ކަރީނާ ކަޕޫރުގެ ފިލްމެއްގެ ޝޫޓިންގަށް ކައިރީ އެހެން ރަށަކަށް ދިޔައިރު އޭނާ އާއެކު ގޮއްސަ އެވެ. އެ ދުވަހު ކަރީނާ އާއި ސައިފް އަދި އެމީހުންގެ ދަރިފުޅު ތައިމޫރު އެއާޕޯޓަށް ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވެފައި ވެއެވެ.

ސައިފް ސާރާ ދެކެ އެހާ ބޮޑަށް ރުޅިއައިސްގެން އުޅެނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި "ކެދާރްނާތު" ކުޅެން ސާރާ އާއި އޭނާގެ މަންމަ ނިންމި ނިންމުމާ ސައިފް އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެ ދުވަސްވަރު އެކަމާ މެދު ސައިފް ވަރަށް ރުޅި އައިސްގެން އުޅެފައި ވެއެވެ. މިހެން މިކަން އޮއްވާ އެ ފިލްމު ކުޅުނު ދުވަސްވަރު ސާރާ އާއި ސުޝާންތުގެ މެދުގައި ލޯބީގެ ކަންތައް ގަނޑެއް ވެސް ހިނގި ކަމަށް ވެއެވެ.

ސާރާ އެންމެ ފަހުން ސުޝާންތު އާ ރުޅިވާން ނިންމީ އާއިލާގެ ޕްރެޝަރާ ހެދި އެވެ. އަދި އޭރުވެސް ސުޝާންތަކީ ޑްރަގް ބޭނުންކުރާ މީހެއްކަން ސާރާ އަށް އޮތީ އެނގި ފައެވެ.

ސާރާ ބޮލީވުޑަށް ތައާރަފްވީ ސުޝާންތު އާއެކު ކުޅުނު "ކެދާރްނާތު" އިން 2017 ގައެވެ.