ބޮލީވުޑް

ސާރާ ކައިވެނި ކުރާނީ މަންމައާއެކު ދިރިއުޅެވޭ ގޮތަށް!

ސާރާ އަލީ ޚާން އާއި އެހެން ސްޓާ ކިޑުންނާ ވަރަށް ތަފާތެވެ. އެހެން މީހުން ވަރަށް އަބުއި ވެގެން އުޅޭއިރު ސާރާ އުޅެނީ މާ މަޖާ ވެގެންނެވެ. ހުރިހާ މީހުންނާ ވެސް ގާތް ރަނގަޅު ގުޅުމެއް ބާއްވައި އެންމެންނާ ވެސް ހީނ ސަމާސާކޮށް ހަދަ އެވެ. ނެޕޮޓިޒަމްއޭ ކިޔައިގެން ދެކެވޭ ބަހުސް އަކީ އެއްވެސް އަސާސެއް ނެތް އެއްޗެއްކަން ސާރާ އަށް ބަލާލުމުން ގަބޫލު ކުރެވެ އެވެ.

ރަންވީރު ސިންގް، ސުޝާންތު ސިންގް ރާޖްޕޫތު، ކާރްތިކް އާރްޔަން އަދި އަކްޝޭ ކުމާރު ފަދަ އެކްޓަރުންނާއެކު ސާރާ ވަނީ ފިލްމު ކުޅެފަ އެވެ. އަދި ގިނަ ފިލްމުތަކެއް ކުރިޔަށް ހުރިއިރު ސާރާ އަބަދު ވެސް އޭނާ ކުޅޭ ކެރެކްޓާތަކަށް ފުރިހަމައަށް އިންސާފު ކުރެވޭތޯ ބަލަ އެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމު "އަތުރަންގީ ރޭ" ރިލީޒް ކުރަން މަދު ހަފުތާއަކަށް ވެފައިވާއިރު މި ފލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން ސާރާ ވަނީ އިންޑިއާގެ ވަރަށް ގިނަ ނޫސް މަޖައްލާ ތަކަށް އިންޓަވިއުތައް ދީފަ އެވެ.

އެގޮތުން އީ ޓައިމްސް އަށް އޭނާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ ކައިވެނި ކުރަން ބޭނުމީ ކައިވެންޏަށް ފަހު އޭނާގެ ގެޔަށް މަންމައާއެކު ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހަކާ އެވެ.

"އަހަރެން ދުވަހަކުވެސް މަންމަ ދޫކޮށެއް ނުލާނަން. އަދި ސިންގަލް މަންމައެއް ނަމަވެސް މަންމަ އަހަރެން ތަރުބިއްޔަތުކުރީ ވަރަށް ރަނގަޅަށް،" ސާރާ ބުންޏެވެ.

"އަތުރަންގީ ރޭ" ގައި ސާރާ ކުޅެނީ ލޯބިވެރިޔާއަށްޓަކައި ގެއިން ފިލައިގެން ދާ އަންހެންކުއްޖެއްގެ ރޯލެވެ. ނަމަވެސް ހަގީގީ ދިރިއުޅުމުގައި އެފަދަ ކަމެއް ކުރަން ނުކެރޭނެ ކަމަށް ސާރާ ބުންޏެވެ.

"މަންމައާ ނުލައި އަހަންނަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ. އިންޓަވިއު އަކަށް ދާން ޖެހުނަސް އަހަރެންގެ ހެދުމާއި ތަނޑިތަކާއި ގުޅުވޭނީ ވެސް މަންމަގެ އެހީއާއެކު. މަންމަ ނުބުނާހާ ހިނދަކު އަހަރެންނަކަށް ނުނިންމޭނެ އަޅާނެ ތަނޑިއެއް ވެސް. މަންމައާ ދުރަށް ދިއުމަކީ އަހަންނަކަށް ދުވަހަކުވެސް ވާނެ ކަމެއް ނޫން. ކޮންމެ ތަނަކަށް މަންމައަށް ފިލައިގެން ދިޔަޔަސް އަނބުރާ އަންނަން ޖެހޭނީ މަންމަ ކައިރިއަށް ގެއަކަށްނު،" ސާރާ ބުންޏެވެ.

ލަފައެއް ބޭނުންވެއްޖެނަމަ އަހަނީ މަންމަ ކައިރީ ތޯ ނުވަތަ ބައްޕަ ކައިރީތޯ ސުވާލުކުރުމުން ސާރާ ބުނީ އަބަދުވެސް އަހަނީ މަންމަ ކައިރީ ކަމަށެވެ.