މަންމަ، އަމްރިތާ ސިންގް އާއި ބައްޕަ ސައިފް އަލީ ހާންގެ ކައިވެނި ރޫޅާލިއިރު ސާރާ އަލީ ހާނަށް އެންމެ ނުވަ އަހަރެވެ. ނަމަވެސް އޭރުގެ ހަނދާންތައް ސާރާގެ ހިތުގައި މިހާރުވެސް ވަރަށް ރަނގަޅަށް ހަރުލާފައި އެބަހުއްޓެވެ.
ދާދިފަހުން ސާރާ ދިން އިންޓަވިއުއެއްގައި މައިންބަފައިންގެ ވަރިއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. ސާރާ ބުނި ގޮތުގައި މައިންބަފައިން ކައިވެނި ކޮށްގެން އުޅުނު ދުވަސްތަކުގައި މަންމަ އުފާވެފައި ހުއްޓާ އޭނާ ދުވަހަކު ވެސް ނުދެކެ އެވެ. ނަމަވެސް ވަރިއާއެކު ކުއްލިއަކަށް މަންމަގެ މޫނަށް ހިތުންވުން ވެރިވިތަން ފެނުނު ކަމަށް ސާރާ ބުންޏެވެ.
"އަހަންނަކަށް ހިއެއް ނުވޭ ވަރީގެ ކުރީގެ 10 ވަރަކަށް އަހަރު މަންމަގެ މޫނަށް އެންމެ ފަހަރަކު ވެސް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވީހެނެއް. ނަމަވެސް ވަރި އާއެކު މަންމަގެ މޫނުން ހިނިތުންވުން ފެނުނު،" ސާރާ ބުންޏެވެ.
ސާރާ ބުނި ގޮތުގައި އޭނާގެ އުމުރުގެ އެހެން ކުދިންނަށް ވުރެ އަވަހަށް އޭނާގެ ވިސްނުމާއި ފިކުރު ފައްކާވެ ހަރު މީހަކަށް ވެއްޖެ އެވެ. މަންމަ އާއި ބައްޕަ އެއް ގެއެއްގައި އެކުގައި އުޅެމުން ދިޔައިރު ވެސް އެމީހުންގެ ދިރިއުޅުން އުފާވެރި ނޫން ކަމަށް އުމުރުން އެންމެ ނުވަ އަހަރުގައި ވެސް އޭނާއަށް އިހްސާސްވީ އެހެންވެ ކަމަށް ސާރާ ދެކެ އެވެ.
"ދެ މީހުން ދެ ގެއެއްގައި ދިރިއުޅެން ފެށުމާއެކު ދެ މީހުން ވެސް ފެނުނީ މާ ހަމަޖެހި އުފާވެފައި ތިއްބާ. ހަގީގަތުގައި ވެސް މަންމައަށް އެގޮތަށް އުފާވާނެ ދުވަސްތަކެއް ލިބުން ހައްގު. އެހެންވެ އެ މީހުންގެ ވަރީގެ ސަބަބުން އަހަރެންގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތީ. އެ މީހުން އެމީހުންގެ އަމިއްލަ ގޭގޭގައި ވަކިން އުފަލުގައި އުޅެންޏާ އަހަރެން ވަކި ކީއްވެ އުފާ ނުވާންވީ،" ސާރާ ބުންޏެވެ.
އަމްރިތާ ވަރިކުރުމަށް ފަހު އިޓަލީގެ މޮޑެލްއަކާ ރައްޓެހިވެގެން ވެސް ސައިފް ގިނަ ދުވަސް ތަކަކު އުޅުނެވެ. އަދި ފަހުން ކަރީނާ ކަޕޫރާ ރައްޓެހިވެ ކައިވެނި ކުރީ އެވެ. ނަމަވެސް ސައިފް ކައިރިން ވަރިވުމަށް ފަހު އަމްރިތާ ކައިވެންޏެއް ނުކުރެ އެވެ. ސާރާ އާއި އޭނާގެ ކޮއްކޮ އިބްރާހިމް ތަރުބިއްޔަތު ކުރުމުގައި އަމްރިތާގެ ހުރިހާ ވަގުތެއް އެ ކުދިންނަށް ވަގުފު ކުރީ އެވެ.