ވިޔަފާރި

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނައިޓް މާކެޓުގެ ފޯމު ދޫކުރަން ފަށައިފި

Jan 11, 2015

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނައިޓް މާކެޓު ބޭއްވުމަށް، އެ މާކެޓުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ދޫކުރަން ފަށައިފި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމުގެ ގޮތުން ފޯމު ދޫކުރަން ފެށި ނަމަވެސް މާކެޓު ބާއްވާނެ ތާރީހެއް އަދި އިއުލާނު ނުކުރާ ކަމަށެވެ.

"ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް މޭޒު ދޫކުރާނީ ފަހުން. މޭޒު ދޫކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރާނަން،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ނައިޓް މާކެޓުގެ މޭޒުތައް ވިއްކާނީ އެއް އަގެއްގައި ކަމަށެވެ.

"ކޮންމެ ހިސާބެއްގައި މޭޒުތައް ހުރިނަމަވެސް ހުންނާނީ އެއް އަގެއްގައި. ހުރިހާ މޭޒެއް ވެސް ވިއްކާނީ 3900ރ. އަށް،" ޓީވީއެމް މަގޭރާއްޖެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާސިފު ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މި އަހަރު ނައިޓް މާކެޓު ބާއްވަން ސަރުކާރުން ހަވާލު ކުރިނަމަވެސް މިދިޔަ ދެ އަހަރު ނައިޓް މާކެޓު ބޭއްވީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގޯމީޑިއާއިންނެވެ. އެ ކުންފުނިން އަހަރަކު ދެ ފަހަރު ނައިޓް މާކެޓު ބޭއްވި އެވެ.

އާސިފު ވިދާޅުވީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނައިޓް މާކެޓު ބާއްވާނީ 15 ދުވަހަށް ކަމަށެވެ.

"އަޅުގަނޑުމެން މާކެޓު ބާއްވާނީ އަހަރަކު އެއް ފަހަރު. އަޅުގަނޑުމެންގެ މަގުސަދަކީ ނައިޓް މާކެޓަކީ އަގު ހެޔޮކޮށް މުދާ ލިބޭނެ މާކެޓަކަށް ހެދުން،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ނައިޓް މާކެޓުގައި ކުނީގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނެ ދެ ކަމަކީ ކަރަންޓާއި ކުނީގެ މައްސަލައަށް،" އާސިފު ވިދާޅުވި އެވެ.