ހަބަރު

މައިނޯރިޓީގެ އަޑުއިއްވޭ ވަރަށްވުރެ މަޖިލިސް ހަރުކަށި: އިބޫ

މައިނޯރިޓީ ޕާޓީއަކަށް ތަހައްމަލުކުރެވޭ ވަރަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލިސް "ހަރުކަށި" ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު، އެ ޕާޓީގެ ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމާއެކު، އެމްޑީޕީގެ މެންބަރުން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށާއި އދ. ވޯކިން ގްރޫޕުގެ ނިންމުންތައް ތަންފީޒު ކުރުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އަޑު އުފުލާފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ އެ ގޮވާލުންތައް ފަހުން ވަނީ ހުއްޓާލާފަ އެވެ.

އިބޫ މިއަދު ވިދާޅުވީ، މަޖިލިސް ފެށުމާއެކު އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރީ، ރައީސް ނަޝީދުގެ މައްސަލައަކީ މަޖިލީހަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރާތީ، އެކަން މަޖިލީހުގެ މޭޒަށް ގެންދަން ކަމަށެވެ. ނަމަވެސް އެ ޕާޓީއަކީ މައިނޯރިޓީއަށް ވެފައި، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުގެ "ހަރުކަށި" ކަމުން އެކަން ނުވި ކަމަށެވެ.

މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮވެ، މަޖިލިސްތެރޭގައި އެމްޑީޕީގެ އަޑު އުފުލުން ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވސް އިބޫ ވިދާޅުވި އެވެ.

" ދަތިކަމަކަށް ވެފައި މިވަނީ މަޖިލީހުގައި މައިނޯރިޓީ އަޑު އިއްވަން. އެބޭފުޅުން [މެޖޯރިޓީ] ބޭނުންވާ ގޮތަކަށް އެތަން އެ ހިންގަނީ. މެޖޯރިޓީ އޮތީމަ، ބޭނުންވާ ގޮތްގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށް އެކަހަލަ ކަންކަން ކުރައްވާތަން މި ފެންނަނީ. އެބޭފުޅުންގެ ބައި ގިނަ ވީމަ ދެން އެހެން ބައެއްގެ އަޑު ނީއްވޭނޭ ބުނާ ކަހަލަ މަންޒަރެއް މި ފެންނަނީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މަޖިލީހުގައި މައިނޯރިޓީ އަޑު ކަނޑުވާލަން މަސައްކަތް ކުރައްވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. މަސީހު އެކަން ކުރައްވަނީ މައިނޯރިޓީ އާއި މެޖޯރިޓީ ޕާޓީއަށް މަޖިލީހުން ލިބިދޭ ހައްގުތަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ވެސް އިބޫ ވަނީ ތުހުމަތު ކުރެއްވި އެވެ.

"ވަރަށް ރަނގަޅަށް ފާހަގަ ވާނެ ސުވާލެއް މަޖިލީހަށް ހުށަހެޅުއްވީމަ އެ ފުރުސަތު ހަނިކުރާ ވަރު. ސަރުކާރަށް ނިސްބަތްވާ މެންބަރުންނެއް ނޫން ކޮންމެހެން ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރައްވަން ޖެހެނީ އެއް. ޑިމޮކްރަސީީއެއްގައިި މެޖޯރިޓީއާ އެއްވަރަށް މައިނޯރިޓީގެ އަޑު އަހަން ޖެހޭނެ. އެކަމަކު މަޖިލީހުގެ ފްލޯގައި އެކަން އެދަނީ ޑިމޮކްރަސީއާ ވެސް ހިލާފަށް،" އިބޫ ވިދާޅުވި އެވެ. "މަޖިލީހުގައި އެ ތަފާތު އެވަރަށް އޮންނަނީ މަޖިލީހުގެ ރައީސް އެގޮތަށް މަޖިލިސް ބައްޓަން ކުރާތީ. އެކަމަކު އެމަނިކުފާނު އެގޮތަށް އެކަން ކުރެއްވަންޖެހޭ މަގުސަދެއް އަޅުގަނޑަކަށް ނުވިސްނޭ،"

އިބޫ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްސަލައާ ގުޅޭ އަޑުތައް މަޖިލީހުގައި އިއްވުމަކީ ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް އެކަމެއް ނުހުއްޓާނެ އެވެ. ދެންވެސް މަޖިލިސް ފެށުމާއެކު އެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ރައީސް ނަޝީދު މިނިވަންކުރަން މަޖިލީހުގެ ތެރެއިން ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މިއަހަރުގެ ތިންވަނަ ދައުރުގެ ފަސް ޖަލްސާއަށްފަހު މަޖިލިސް މިހާރު ވަނީ މެދު ކަނޑާލާފަ އެވެ. މަޖިލީހުގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.