ލައިފްސްޓައިލް

އެއްފައި ނެތް މީހެއްގެ ބުރަ މަސައްކަތަށް ތައުރީފު

ކޮންސްޓަރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުން ދިޔަ އެއްފައި ބުރިކޮށްލާފައިވާ މީހަކު މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން ދެއެވެ. ދާދި ފަހުން ވައިރަލް ވެފައިވާ މި ވިޑިއޯ ޝެއާ ކޮށްފައި ވަނީ އިންޑިއަން ފޮރެސްޓް ސާވިސްގައި މަސައްކަތްކުރާ ސުސަންތާ ނަންދާ އެވެ.

ހޯމަ ދުވަހުއްސުރެ އިންޓަނެޓުގައި ދައުރުވަމުންދާ 15 ސިކުންތުގެ ވީޑިއޯ ކްލިޕް އެތައް ހާސް ބަޔަކު ބަލައި ވަރަށް ގިނަ ބަޔަކު ލައިކް ދިފައި ވެއެވެ. އަދި އެ މީހާއަށް ތައުރީފުކޮށް ކޮމެންޓު ކޮށްފައިވާ މީހުން ވެސް އެހާ ގިނަ އެވެ.

މި ވީޑިއޯ އިން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓުގައި މިމީހާ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ތަނެވެ. އޭނާގެ އެއްފައި ނެތުމުން ދަނޑިގަނޑެއް ޖަހައިގެން އުޅެމުން ވެސް އެހެން މީހުންނެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ބުރަކޮށް މި މީހާ މަސައްކަތް ކުރަމުންދާ ތަން ފެނެ އެވެ. ބިންމަތީގައި ހުރި ވެލިތަކެއް އެއްޗަކުން ކަހައި ނަގައި ގާޑިޔާގަޑަކަށް އަރުވަމުން ދިޔައިރު އޭނާއަކީ އެއްފައި ނެތް މީހެއް ކަން ޚުދް އޭނާއަށް ވެސް އިހްސާސް ނުވާ ކަހަލަ އެވެ.

ތިމާއަކީ އެއްފައިނެތް މީހެކޭ، ފައި ނެތީމަ އެއްވެސް މަސައްކަތެއް ނުކުރެވޭނޭ ބުނެ އަތް އުރާލައިގެން އިންނަން މި މީހާ ބޭނުން ނުވާކަން މި ވީޑިއޯ އިން ހާމަ ވެއެވެ. އަދި މީހެއް ކިތަންމެ ބޮޑު ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ހަށީގަނޑު ހާލަތަށް ވުރެ އަޒުމާއި ހިތްވަރު ވަރުގަދަ ވެއްޖެނަމަ މި މީހާ މިކުރާ ގޮތަށް ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވޭނެކަން އޭނާ އެ ވަނީ އަމަލުން ދައްކާފަ އެވެ.
ވަރުބަލި ފިލުވާލަން ވެސް އޭނާ އެންމެ ވަގުތުކޮޅަކަށް ވެސް މަޑުކޮށް ނުލަ އެވެ.

މި ވީޑީއޯ އަށް ކޮމެންޓުކުރި ގިނަ ބަޔަކު އެމީހާގެ ހިތްވަރަށް ތައުރީފުކުރި އެވެ. އަދި ބައެއް މީހުންނަށް ދިރިއުޅުމަކީ ކިހާ އުނދަގޫ އެއްޗެއްކަން މި މީހާ އުޅޭ ހާލަތަށް ބަލައިލުމުން ޔަގީން ކުރެވޭ ކަމަށް މީހުން ކުރި ކޮމެންޓުތަކުގައި ވެއެވެ.

"ހިތްވަރާއި އަޒުމު ހުރިއްޔާ ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން އެ މީހާ އެ ވަނީ ސާބިތުކޮށްދީފައި،" އަޓަލް ޕަނިގްރަފީ ކިޔާ މީހެއްގެ ކޮމެންޓުގައި ބުނެފައި ވެއެވެ.