ރެއާ ޗަކްރަބަތީ

ރިއާ ކިބައިން އެންމެން މައާފަށް އެދެން ޖެހޭ: ހުމާ

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ބެލުމުގެ ތެރެއިން ފެނުނު ބައެއް ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރު ކޮށްފައި ހުންނަތާ 28 ދުވަހަށް ފަހު އިންޑިޔާގެ ބޮމްބޭގެ ހައިކޯޓުން މިދިޔަ ބުދަ ދުވަހު ރިއާ ވަނީ މިނިވަން ކޮށްފަ އެވެ.

ރިއާ ދޫކޮށްލި ފަނޑިޔާރު ވިދާޅުވެފައިވަނީ ރިއާގެ މައްޗަށް ސުޝާންތު މަރާލި ކަމުގެ ތުހުމަތު ކުރި ކަމުގައި ވިޔަސް އޭނާ އެފަދަ ކަމެއް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ސުޝާންތަށް ޑްރަގް ފޯރުކޮށް ދެނީ ރިއާ ކަމަށް ދެކެވޭ ވާހަކަތަކުގެ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރިއާ އާއި ޑްރަގް ވިޔަފާރިކުރާ މީހުންނާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް މިހާތަނަށް ފުލުހުންނަކަށް ހެކި ދެއްކިފައެއް ނެތެވެ.

ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދި ޑޮކްޓަރުންގެ ޓީމުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ބަޔަކު ގަސްތުގައި އޭނާ މަރާލީ ނޫންކަން ޔަގީން ކަމަށާއި ސުޝާންތު މަރުވީ އަމިއްލައަށް ކަމާ މެދު ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމަށެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ރިއާ އާ އެއްކޮޅަށް ވާހަކަ ދައްކަމުން އައިސްފައި ވެއެވެ. ބުދަ ދުވަހު ރިއާ ދޫކޮށްލުމާ ގުޅިގެން ބަތަލާ ހުމާ ގުރޭޝީ ވެސް ވަނީ ރިއާ އަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އަދި ރިއާ އަށް ފާޑުކިޔައި މަލާމާތްކޮށް އޭނާގެ އަބުރު ކަތިލި މީހުން އޭނާގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ޓުވިޓާގައި ހުމާ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

"ރިއާ ކިބައިން އެންމެން މައާފަށް އެދެން ޖެހޭ. އަދި އޭނާއާ ދިމާލަށް ސުޝާންތުގެ ގާތިލޭ ކިޔައިގެން ގޮވި މީހުންގެ މައްސަލަތައް ތަހުގީގު ކުރެވެން ޖެހޭ. އެމީހުން އެކަން ކޮށްފައިވަނީ ވަރަށް ސިއްރު ރޭވުމެއްގެ ދަށުން. އަންހެން ކުއްޖަކާއި އޭނާގެ އާއިލާގެ އަބުރު ކަތިލައި އެމީހުންގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ ވަކި އެޖެންޑާއެއްގެ ދަށުން ބަޔަކު ހަމަ ގަސްތުގައި. އެ މީހުން މިއަދު ލަދުގަންނަން ޖެހޭނެ އެކަން އެގޮތަށް ކުރެވުނީތީ،" ހުމާގެ މެސެޖުގައި ބުނެފައި ވެއެވެ.

ޖަލުގައި 28 ދުވަހު ބެހެއްޓުމަށްފަހު ރިއާ ދޫކޮށްލީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އަދިވެސް ހުރީ ޖަލުގަ އެވެ. އޮކްޓޯބަރު 20 އާ ހަމަޔަށް އޭނާ ޖަލުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރިއާ ހައްޔަރުކުރީ އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގުގައި ރިއާ ޑްރަގް ހޯދައި އެ ބޭނުންކޮށް އަދި ސުޝާންތު އަށް ވެސް ޑްރަގް ދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާ ޑްރަގް ބޭނުންކުރާ ކަން ހާމަވީ ހިސާބުން ދެން ގިނަ ބަޔަކު ބުނަމުން ދިޔައީ ސުޝާންތަށް ޑްރަގް ދީ އޭނާ އަބަދު މަސްތުގެ ހާލަތުގައި ބެހެއްޓީ ރިއާ ކަމަށެވެ.

ނަމަވެސް މި ވާހަކަ ތަކުގައި ވެސް އެއްވެސް ހަގީގަތެއް ނެތްކަން ޔަގީން ކުރެވުނީ 2017 ގައި "ކެދާރްނާތު"ގެ ޝޫޓީން ކުރިޔަށް ދިޔައިރު ވެސް ސުޝާންތު ޑްރަގް ބޭނުންކުރި ކަމަށް އެ ފިލްމުގެ ބަތަލާ ސާރާ އަލީ ޚާން ދިން ބަޔާނުންނެވެ. އޭރު އަދި ސުޝާންތާއި ރިއާ ބައްދަލެއް ވެސް ނުވެ އެވެ. ވީމާ ސުޝާންތު ޑްރަގުގެ އަވައިގައި ޖެއްސީ ރިއާ ކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތެވެ.