ލައިފްސްޓައިލް

"ސްޕެލިން ބީ"ގެ އެއްވަނަ ކެންސަރު ބަލީގެ ކުއްޖަކަށް

އިންޑިއާގެ މުމްބައިގައި ދިރިއުޅޭ 10 އަހަރުގެ ޝްރަދާ އަކީ ކެންސަރު ބަލި ހުރި އަދި ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ކުއްޖެކެވެ. އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބޭއްވި "ސްޕެލިން ބީ" މުބާރާތުގައި "ކުއީން ބީ" އަކަށް ޝްރަދާ ހޮވައި އޭނާއަށް އެކަމުގެ މެޑަލް ވަނީ ދީފަ އެވެ.

މިކަން ހިނގީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. ނިއު ޔޯކް ޓައިމްސްގެ އެގްޒެކެޓިވް އެޑިޓަރު އެއް ރެޔަކު ނިދަން އޮށޯންނަން އުޅެނިކޮށް އޭނާއަށް ފޯނެއް އައެވެ. މި ފޯނު ކޯލު އަޑުއަހާފައި އޭނާގެ މޫޑު މުޅިން ބަދަލު ވެގެން ދިޔަ އެވެ. އެ ރޭގެ 11.45 ހާއިރު އޭނާ ނިދޭތޯ މަސައްކަތް ކުރަމުން ދިޔައީ ވަރަށް ބުރަ އެހާމެ މާޔޫސްކަމާއި ސްޓްރެސް އިހްސާސްކުރެވުނު ދުވަހެއް ނިންމާލާފަ އެވެ. ފޯނު އައުމުން "އަނެއްކާ ކޮން ކަމެއް ލައިގަތީހޭ" އޭނާއަށް ބުނެވުނެވެ.

އެގްޒެކެޓިވް އެޑިޓަރަށް ގުޅީ "ސްޕެލިން ބީ" މުބާރާތް އިންތިޒާމްކުރުމާއި ހިންގުމުގައި އިސްކޮށް އުޅުނު ހެޑް އޮފް ޕަޒްލްސް އެވެ. އޭނާ އެދުނީ "ސްޕެލިން ބީ" ލައިވްގެ ޖަވާބުތައް އެޑިޓް ކުރުމުގެ ހުއްދަ އަކަށެވެ.

އެޑިޓަރު ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ނިދިނިދި އޮއްވާ ގުޅާފައި ދައްކަން ފެށި ވާހަކައިންނެވެ. ނަމަވެސް ފޯނު ކުރި މީހާ ކައިރީ އޭނާ ދައްކަމުންދާ ވާހަކައިގެ ތަފްސީލު ކޮށްދޭން އެޑިޓަރު އެދުނެވެ.

ނިއު ޔޯކް ޓައިމްސް ކަހަލަ މަޝްހޫރު އަދި ގަދަރުވެރި ނޫހަކުން ބާއްވާ މުބާރާތެއްގެ ޖަވާބުތައް އެޑިޓް ކުރުމަކީ މިހާތަނަށް ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ނަމަވެސް އެ މުބާރަތް އިންތިޒާމުކުރާ ފަރާތުގެ ވާހަކަ އެޑިޓަރު އެހި އެވެ.

އޭނާ އެޑިޓަރު ކައިރީ ބުނީ މުބާރާތުން "ޖީނިއަސް" ގެ ލަގަބު މި ކުއްޖާ އަށް ނުލިބެނީ އެންމެ ބަހެއްގެ މާނަ ނުބައި ވެގެންނެވެ. ވީމާ ޖަވާބު ކަރުދާހުން އެ ކުއްޖާ ދިން ޖަވާބަކީ ރަނގަޅު ޖަވާބު ކަމަށް ހަދަން ބޭނުން ވެގެން އެކަމުގެ ހުއްދަ ހޯދަން އެމީހާ މަސައްކަތް ކުރަނީ އެވެ.

ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދިޔަ ނަމަވެސް މި ކުއްޖާ މި މުބާރާތް ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތްކުރާތާ އެތައް މަހެއް ވެއްޖެ އެވެ. އެހެންވީމާ ކުއްޖާގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އޭނާއަށް މުބާރާތް ކާމިޔާބު ނުވެ ބޮޑު މާޔޫސްކަމެއް ލިބެން މުބާރާތް އިންތިޒާމްކުރާ މީހާ ބޭނުމެއް ނޫނެވެ.

ކުއްޖާގެ މި ހާލަތު މުބާރާތް އިންތިޒާމްކުރާ ފަރާތަށް ބުނެދިނި އެ ކުއްޖާގެ ބައްޕަ އެވެ. މި މުބާރާތަކީ އެ ކުއްޖާ އަށް ބައިވެރި ވެވޭ އެންމެ ފަހު މުބާރާތަށް ވެދާނެ ކަމަށާއި މުބާރާތުން އެއް ވަނަ ލިބިއްޖެނަމަ ކުއްޖާ އަށް ބައްޔާ ހަނގުރާމަކުރުމުގެ ހިތްވަރު އިތުރަށް ލިބި އެންމެ ދުވަހަކަށް ވެސް އިތުރަށް ދިރިހުރުމުގެ އުންމީދެއް ލިބިދާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކުއްޖާގެ ނުބައި ކަމަށް ދެއްކި ސްޕެލިން އަކީ "ޖީ އޭ އޯ އެލް" އެވެ. އެއީ އަސްލު ރަނގަޅު ބަހެކެވެ. ނަމަވެސް ނިއު ޔޯކް ޓައިމްސްގެ މުބާރާތުގެ ޖަވާބު ކަރުދާހުގައި އިނީ އެ ސްޕެލިން އެގޮތަށް ނޫންވީމަ އެ ނުބައި ވަނީ އެވެ.

ހަގީގަތުގައި އެ ސްޕެލިން ރަނގަޅެވެ. އެއީ ވަރަށް ކުރީ ޒަމާނެއްގައި އެ ބަސް ބޭނުން ކުރި ގޮތެކެވެ. އެހެންވީމަ ޖަވާބު ބަދަލުކުރުން އެއީ މުޅިއަކުން ގޯސް ކަމަކަށް ވެސް ނުވެ އެވެ. ނަމަވެސް ޖަވާބު ޝީޓުން އެގޮތަށް ބަދަލު ނުކޮށްފިނަމަ އެ ކުއްޖާގެ ޖަވާބު ގޯސް ކަމަށް ނިންމޭނެ އެވެ. ކޮންމެއަކަސް ކުއްޖާގެ ހާލަތަށް ބަލައި ޖަވާބު ކަރުދާން ބަދަލުކުރަން އެޑިޓަރުގެ ހުއްދަ ލިބުނެވެ. އަދި މި މުބާރާތުން "ޖީނިއަސް"ގެ ލަގަބު މި ކުއްޖާ އަށް ދިނީ އެވެ.