ދަނޑުވެރިކަން

ދަނޑުވެރިކަމަށް ހަ ރަަށެއް ދޫކުރަނީ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ހަ ރަށެއް ކުއްޔަށް ދޭން ހަމަޖައްސައި އިއުލާން ކޮށްފި އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހަ ރަށެއް ބީލަމުގައި 21 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާނީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ބ. މާއްޑޫ އާއި ގދ. އޮއިނގިއްލާ އެވެ. -- މީގެ ތެރެއިން ތޮޅެންދޫއަކީ ކުރިން ނ. އަތޮޅުގައި ކުޑަ އާބާދީއެއް އޮތް ރަށެކެވެ. އެރަށު މީހުން ބަދަލު ކުރީ ކެނދިކުޅުދޫއަށެވެ.

  • ހއ. މަޑުލު
  • ށ. ކަކާއެރިޔަދޫ
  • ށ. ނެޔޮ
  • ނ. ތޮޅެންދޫ
  • ބ. މާއްޑޫ
  • ގދ. އޮއިނިގިއްލާ

މިނިސްޓްރީން ބުނީ އެ ރަށްތައް ކުއްޔަށް ދޫކުރަނީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރު ކުރުމާއި އެތެރެ ކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރު ކުރާށެވެ. އަދި ޕޯލްޓްރީ އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި އުފައްދައި އާމްދަނީ ހޯދޭނެ ފުރުސަތުތައް އިތުރު ކުރާށެވެ.

މި ރަށްތަކުގެ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނަނީ އެ ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަ ވެގެން 30 ޕަސެންޓަކީ މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެ ސަރަހައްދަށް ވާންޖެހެނެ ކަމަށެވެ.

މި ރަށްތަކުގެ ބީލަން ފޮތް ވިއްކަނީ މި މަހު 14 އިން ފެށިގެން އަންނަ މަހު ފަހަކަށެވެ.