ވާހަކަ

ކަރުނައިގެ އަގު

83.3%
10%
6.7%

( 17 ފެބްރުއަރީ 2025 އާ ގުޅޭ )

"ކަނު އަނދިރީގަ ކީއްތަ ތިކުރަނީ؟. ސިއްސައިގެންނޭ ދިޔައީ." ވާކިފް ބުނެލި އެވެ. ރަހާގެ މޫނުން މާބޮޑު އަސަރެއް ނުފެނުނެވެ.

"ފޯނު ހިފައިގެން އޮއްވާ ނިދުނީ. ދެ ދުވަސްވީ ވާކިފް ތި ރިސޯޓަކަށް ގޮސްގެން އުޅޭތާ. މިހާރު ބިޒީކަން ކުޑަވީތަ؟." ރަހާ ބުންޏެވެ.

"އަހަރެން ކިތަންމެ ބިޒީކޮށް އުޅެފައި ވެސް އެނބުރި އަންނާނީ ހަމަ ގެއަށް ދޯ." ވާކިފް ބުންޏެވެ.

"މިވީ ދުވަސްތަކުގައި އަހަރެންނަށް ގުޅާލާނޭ ވަގުތު ވެސް ނުވީތަ؟. ގުޅާނުލެވުނަސް މެސެޖެއް ވެސް ކޮށްލެވުނީސް ދޯ." ރަހާއަށް ބުނެވުނެވެ.

"ރަހާ ގުޅިންތަ؟." ވާކިފް މިހެންބުނެ ހިނގައިގަތީ ނިދާކޮޓަރިއާ ދިމާއަށެވެ.

ސޯފާއިން ތެދުވެ ރަހާ ވެސް އައީ ކޮޓަރިއަށެވެ. ވާކިފް ކުރި ސުވާލަށް ޖަވާބެއް ރަހާ ނުދިނީ ގަސްދުގަ އެވެ. އޭނާ މި ދެ ދުވަހު ވާކިފަށް ނުގުޅީ އެވެ. ވާކިފް އޮފީހުގެ ކަންކަމުގައި ގެއިން ބޭރުގައި އުޅޭއިރު ރަހާ ގުޅިޔަސް އަބަދު ހުންނަނީ ބިޒީވެފަ އެވެ. ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބޭނެ އެވެ. ކިތަންމެ އިރަކު ވާކިފް ބޭރުގައި އުޅުނަސް ރަހާ މަތިން ހަނދާންވާހެން ޚުދު ރަހާއަށް ވެސް މިހާރު ހިޔެއްނުވެ އެވެ. ފިރިމީހާ ނުފެނި ގިނައިރު ވެގެން ހަނދާންވާތީ އިސްވެ ގުޅަން ޖެހިފައި އޮންނަނީ އަބަދުވެސް ރަހާއަށެވެ. މިފަހަރު ވާކިފަށް ގުޅާން ރަހާ ބޭނުންނުވީ އެ ބަދަލު ވާކިފަށް ފާހަގަވޭތޯ އެވެ.

ހެދުން ބަދަލު ކުރަމުން ދިޔަ ވާކިފަށް އަލަމާރި ލޯގަނޑުން އެ ކޮޓަރިއަށް ރަހާ ވަންތަން ފެނުނެވެ. ރަހާގެ ނެގިމަޑުވެފައި ސޫރައަށް ވާކިފް ބަލާލި އެވެ. އޭނާގެ ނިތަށް ރޫގިނަވެލީ ނިދާ ހެދުން ލާން ރަހާ ލައިގެން ހުރި ޓީޝާޓު ބޭލުމުންނެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ވާކިފަށް ޗަސްޖަހާލެވުނެވެ.

"އަހަރެން ބުނިންތަ ރަހާ ފަލައޭ. އަމިއްލަ ސޫރަ ދުށީންތަ ރަހާ... ދުވަހަކަށްވުރެ ދުވަހެއް ހިކެމުން ގޮސް މީހާގެ ރީތިކަން ގެއްލޭވަރަށް ސިފަ ހުތުރުވެއްޖެ. ތިވަރަށް ނުހިކުނަސް ވެދާނެ. ރަނގަޅު ކާއެއްޗެހި ކާށޭ އަބަދު މިކިޔަނީ. ކައިތޯ ބަލަން އަހަރެން ކައިރީގައި ނުހުއްޓަސް ރަހާއަކީ ކުޑަކުއްޖެއްނޫން ދޯ، އަމިއްލަ މީހާއަށް ނުބަލާ އުޅޭކަށް. ގައިމު ހަށިގަނޑަށް ފައިދާ ކުރާނޭ އެއްޗެއް ހޯދާފައި ނެތީއެއްނޫން... އަމިއްލަ ސިފަ ފެނި ރަހާއަށް އުނދަގުލެއްނުވޭތަ؟." އުނުގައި ތުވާލި އޮޅާލަމުން ރަހާއާ ދިމާއަށް އެނބުރި ހުރެ ވާކިފް ބުންޏެވެ.

ރަހާ ޖަވާބެއް ދޭނޭކަމަށް ވާކިފް ހީކުރި އެވެ. ނަމަވެސް އޭނާ ދެއްކި ވާހަކައަށް ރަހާ ޚިޔާރު ކުރީ ހިމޭންކަމެވެ. އެކަން ވާކިފަށް އާކަމަކަށް ވިއެވެ. ހިސާބަކަށް ސުވާލު އުފެދިފައި ހުރެ އޭނާ ގޮސްވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން އޭނާ ނުކުތްއިރު ކޮޓަރީގެ ނިދާ ބޮކި ދިއްލައިގެން ރަހާ އޮތީ މުޅި މީހާ ނިވާވާ ވަރަށް ރަޖާ އަޅައިގެން އެނދުގަ އެވެ. އެ ފަނޑު އަލިކަމުގައި ވާކިފް ނިދަން ތައްޔާރުވެލައިގެން އައިސް އެނދަށް އެރި އެވެ. އޭނާއަށް ފުރަގަސްދީގެން އޮތް ރަހާއަށް ވާކިފް ބަލާލި އެވެ. ރަހާއާ ވާހަކަދެއްކުނު ގޮތާމެދު ވާކިފްއަށް އެއްޗެއް ވިސްނުނީ ކަންނޭނގެ އެވެ. އޭނާ މަޑުމަޑުން ރަހާއާ ގާތްވެލި އެވެ. އަނބިމީހާގެ އުނަގަނޑުގައި ހިފާލައި ގާތަށް ދަމާލި އެވެ.

"ހައު މަޗް ވެއިޓް ޑިޑް ޔޫ ލޫޒް." މަޑުމަޑުން ވާކިފް އަހާލި އެވެ.

"ކާހިތްނުވަނީ... އެހެންވެ ވަރަށް މަދުން ކެވެނީ." ލޯ މަރާލައިގެން އޮވެ ރަހާ ވެސް ބުނެލީ މަޑުންނެވެ.

ދެމަފިރިންގެ ދެމެދަށް ވެރިވި ހިމޭންކަމުގައި ރަހާއަށް ވާކިފްގެ ބީހުންތައް އިޙްސާސް ކުރެވެންފެށި އެވެ. ރަހާގެ ކޮނޑާހަމައަށް ކޮށާލާފައި އޮންނަ ބުޅި އިސްތަށިގަނޑު އެއްފަރާތް ކޮށްލާ އޭނާގެ ކަނދުރާގައި ވާކިފް ބޮސްދިނެވެ. އޭރު ރަހާގެ އުނަގަނޑު މަތިން އަޅުވާލާފައި އޮތް ވާކިފްގެ އަތުން ރަހާގެ ނިދާ ހެދުން މަޑުމަޑުން މައްޗަށް އަރުވަންފެށި އެވެ. ފިރިމީހާގެ ހޫނު ނޭވާއާއި ހަރަކާތްތަކުން ރަހާއަށް ވާކިފްގެ ބޭނުން ނަގައިގަންނަން އެނގުނެވެ. އެހެންނަމަވެސް އޭނާ ހިފަހައްޓާލީ ގައިމަތީ އޮތް ވާކިފްގެ އަތުގަ އެވެ.

"މިރެއަކު ނޫން... އަހަރެން ވަރަށް ޓަޔަޑް. އައި ޑޯންޓް ފީލް ލައިކް ޑުއިން އިޓް." ރަހާ ބުންޏެވެ. ވާކިފްއަށް ހުއްޓުން އެރި އެވެ. އިރުކޮޅަކު ރަހާއަށް ބަލަން އޮތުމަށްފަހު އޭނާ ވަގުތުން ދުރަށް ޖެހުނީ އެވެ. ރަހާގެ އެ މަނާވެގަތުމަށް ވާކިފް ހިތްހަމަނުޖެހުނުކަން އެ މޫނުމަތީން ފާޅުވި އެވެ.

"އަހަރެންގެ މަތިން މިސްއެއް ވެސް ނުވޭ ދޯ. ކަމެއް ނުކުރާތާ ކިހާ ދުވަހެއްވެއްޖެ." ހިތްހަމަނުޖެހުމުގެ ހަރުކަށިކަމުގައި ވާކިފް ބުނެލި އެވެ.

"މި ވިއްސާރާގައި އަހަރެން ކުޑަކޮށް ހުންވައްތަރުވެގެން އުޅުނީ. ވާކިފްއަށް ޖެހޭކަށް ބޭނުމެއްނޫން." އިހު އޮތްގޮތަށް ވާކިފަށް ފުރަގަސްދީގެން އޮވެ ރަހާ ބުންޏެވެ. ވާކިފް ވަކި އެއްޗެއް ނުބުންޏެވެ. އެހެންވެ ރަހާ ވެސް އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނުވި އެވެ.

ވަގުތު ހުއްޓުމަކަށް ގެނައުމަކީ ވާނޭކަމެއްނޫނެވެ. ފާއިތުވަމުންދިޔަ ގަޑިއިރުތަކާއެކު ވާކިފް ނިދާ ހަރުވެއްޖެ އެވެ. އެހެންނަމަވެސް ރަހާގެ ލޮލަކަށް ނިންޖެއްނަ އެވެ. އޭނާ މަޑުމަޑުން ވާކިފާ ދިމާއަށް އެނބުރުނެވެ. އެއް އަތް ބޯދަށަށް ލައްވާލައިގެން އުއްޑުން ނިދާފައި އޮތް ވާކިފަށް ފަރުވާތެރިކަމާއެކު ރަހާ ބަލަން ފެށި އެވެ. ދެން މަޑުމަޑުން އައިސް ވާކިފްގެ އަތްމަތީ ބޯއަޅާލައި އޭނާގެ މެޔާ ކައިރިވެލައި ބައްދާލައިފި އެވެ.

"އަހަރެންނަށް ވަގުތެއްނެތް. އަހަރަކަށްވުރެ ވެސް ކުޑަ ދުވަސްކޮޅެއްހެން ހީވަނީ... ވާކިފް އަހަރެންނަށް ކަންކަން ސިއްރު ކުރިޔަސް ތިގޮތަށް އަހަރެންގެ ފިރިމީހާގެ ގޮތުގައި ހުންނައްޗޭ. އަހަރެންނަށް ދެރައެއް ނުދެއްޗޭ. އަހަރެންނޫން މީހަކުދެކެ ލޯބި ނުވައްޗޭ. އަހަރެންގެ ވަގުތުޖެހެންދެން ބަދަލުނުވެ ހުރެދީފިނަމަ އަހަރެން ވާކިފްގެ ހުރިހާ އުޒުރެއް ޤަބޫލުކުރާނަން... ވަރަށް ލޯބިވޭ." ރަހާ ވާހަކަދެއްކީ ކިރިޔާ އަޑު ނުކުންނަހާ މަޑުންނެވެ. އެވަގުތު ވާކިފް ހަރަކާތްކޮށްލައިފި އެވެ. ނިދީގައި އޮވެވެސް އޭނާ ރަހާ ގާތްކޮށްލީ ހިނދު އެ ދެ ތުންފަތުން ނުކުތީ ރަހާގެ ނަމެވެ. ރަހާގެ ދެ ލޯ ފުރިގެން އައީ އަމިއްލަ އިޚްތިޔާރުން ބޭރުގަ އެވެ.

"އަހަރެންގެ ހިތުގައިވާ ލޯބި ފިލައިދާހާ އަނިޔާވެރިއަކަށް ވާކިފް ނުވައްޗޭ. އަހަރެން ބޭނުމެއްނޫން އެފަދަ ދުވަހެއް ދުވަހަކު ވެސް ދުށުމަކަށް. އެކަމަކު... އެކަމަކު ވާކިފްގެ ތި ދުރުކަން އަހަރެންގެ ހިތަށް ތަދުކުރޭ. މިފަހަރު ވާކިފަށް ވިސްނިގެން އަންނަންވާއިރު އަހަރެން މިހެން އިންނާނޭ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތް... ވާކިފް އަހަރެން ހޯދަން ބަލާއިރު އަހަރެންނެއް އޭރުން ނުފެންނާނެ." ރަހާގެ ހިތްބުނަމުން ދިޔަ އެވެ.

ރަހާގެ ރުއިމުގެ އަޑަށް ވާކިފަށް ހޭލެވިދާނޭތީ އޭނާ އެނދުން ތެދުވީ އެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ އޭނާ މަޑުކޮށްލީ ބެލްކަނި ކައިރީ އެވެ. އެ ދިމާ ތަޅުންގަނޑުމަތީ އިށީނދެ ފާރުގައި ރަހާ ލެނގިލީ ދެ ކަކޫ ގަޔާ ކައިރިކޮށްލައިގެންނެވެ. ފައިގައި ދެ އަތް އަޅުވާލަމުން ބެލްކަނީގެ ބިއްލޫރި ދޮރާ ދިމާއަށް އަރިވެލައިގެން އިނދެ އޭނާ ނަޒަރު ހުއްޓާލީ އަނދިރިކަން ފަތުރަމުންދާ ކަޅުސާލެއް ފަދަ އުޑު މައްޗަށެވެ. ފަނޑުފަނޑުކޮށް ތަރިތަކުގެ ވިދުން ދުރުން ފެންނަމުންދިޔައީ އިމާރާތްތަކުގެ ދިއްލުންތަކުގެ އަލިގަދަ ކަމުންނެވެ. އެހެން އިންއިރު އޭނާގެ ޚިޔާލުތައް ދަތުރު ކުރީ އަނެއްކާ ވެސް މާޒީއަށެވެ.

ވާކިފްއާ ރަހާގެ ގުޅުން ފެށުނުތާ ސާދަ އަހަރުވީ އެވެ. އޭރު ވާކިފްގެ އުމުރުން އެންމެ 19 އަހަރެވެ. ސުކޫލު ނިންމިތާ އަދި ގިނަދުވަސްތަކެއް ނުވެ އެވެ. ރަހާގެ ކިޔެވުން އޭރު އަދި ނުނިމެވެ. ދެ ޒުވާނުން ބައްދަލުވީ ސީ.އެޗް.އެސް.ސީގެ ގޯތިތެރެއިންނެވެ. ވާކިފްގެ ބެލުންތައް އިތުރުވަމުން ދިޔަ ނަމަވެސް ރަހާއާ ވާހަކަދެއްކީ އޭނާގެ ކިޔެވުން ނިންމާފައި ސުކޫލުން ނުކުންނަން ޖެހުނީމަ އެވެ. ވާކިފްގެ ހަރަކާތްތައް ފާހަގަވެފައިވާ ރަހާގެ ހިތުގައި ވެސް އޭރު ޖާގައެއް ދިޔައީ ހުސްވަމުންނެވެ. އެ ޖާގަ ވާކިފަށް ޓަކައި އަބަދަށް ހަދިޔާކުރީ ވާކިފްގެ ހުށަހެޅުމަށް އިޖާބަދެމުންނެވެ. ދެ ޒުވާނުންނަށް އޭރު ދިރިއުޅުމުގައި ކުރިމަތިވާނޭ އަޑިގުޑަންތަކެއް ވިސްނައިގަންނާކަށް ނޭނގެ އެވެ. ދެމެދުގައި އޮތް ލޯބި ހުރިހާ ކަމަކަށް ފުދޭނޭ އެމީހުން ހީކުރީ އެވެ. އަދި އެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާނޭކަމުގެ ޔަޤީންކަން އެމީހުންނަށް އޭރު އޮތެވެ. ދެ އަހަރު ރައްޓެހިވެގެން އުޅުމަށްފަހު ރަހާގެ އުމުރުން 19 އަހަރުގައި ވާކިފްއާ ކައިވެނި ކުރީ އެވެ. ދެ މީހުންގެ އަތުގައި ހަމަ އެކައްޗެއް ވެސް ނެތެވެ. ބޯހިޔާވަހިކަމެއްނެތެވެ. ޚަރަދުބަރަދު ބަލަހައްޓާނޭ ފެންވަރެއް ނެތެވެ. ވާކިފްއަށް 21 އަހަރެވެ. އެހެންވިޔަސް މަސައްކަތުގެ މައިދާނަށް ދެ ޒުވާނުން ނުކުތީ އަމިއްލަ ދިރިއުޅުމަށް ފަހި މުސްތަޤްބަލެއްގެ ހުވަފެން ދެކެމުންނެވެ. މާލޭގެ ގެއެއްގެ އެންމެ ކޮޓަރިގަނޑެއްގައި ކުއްޔަށް ދެ މީހުންގެ ދިރިއުޅުން ފަށައިގަތެވެ. ދެ ފަރާތުގެ ޢާއިލާގައި ވެސް މާލީ ގޮތުން އެމީހުންނަށް އެހީވާނޭ ފަރާތެއް ނެތެވެ. މަދަދުގެ އަތެއް ދިއްކޮށްލާނޭ ހަމައެކަކު ވެސް ނުވީ އެވެ. އަތޮޅުތެރެއަށް ނިސްބަތްވީ ނަމަވެސް ދެ ޒުވާނުންކުރެ އެކެއްގެ ވެސް ރަށުގައި ވަންނާނޭ ތަނެއް ހުރީއެއް ނޫނެވެ. އުފަންވެ ކިޔެވުމުގެ ހުރިހާ ދައުރެއް ނިންމީ މާލޭގައި ކަމަށްވާއިރު ދެ ޒުވާނުން ވެސް މާލެ ދޫކޮށްލުމުގެ ވިސްނުމެއްނެތެވެ. އަނެއްކޮޅުން ފުރުޞަތުތައް އަދިވެސް އޮތްތަނަކީ މާލެކަން އެ ދެ ޒުވާނުންނަށް ޤަބޫލުކުރެވޭތީ އެވެ.

އަމިއްލަ ވިޔަފާރިއެއް ފެށުމަށް ރެޔާއި ދުވާލު ދެމަފިރިން މަސައްކަތް ކުރި އެވެ. ވާކިފްއާއެކު ރަހާ ހުރީ ނުގުޑާ ފަދަ އަޒުމެއްގަ އެވެ. އަމިއްލައަށް ދުށް ހުވަފެންތަކާއި ހާޞިލްކުރާން ބޭނުންވީ ލަނޑުދަނޑިތައް ރަހާ ފަހަތަށް ޖައްސާލައި ޤުރުބާންކުރީ ވާކިފްގެ ހުވަފެނުގައި ކުލަ ޖައްސައިދިނުމަށެވެ. މާޔޫސްވެ ނާއުންމީދުވާ ވަގުތު ވާކިފްގެ އެންމެ ބޮޑު ހިތްވަރަކީ ރަހާ އެވެ. އޭނާ ދެއަތް އުރާލައިގެން ހުރުމުގެ ބަދަލުގައި ވާކިފްއާއެކު މަސައްކަތުގެ ދުނިޔެއަށް ނުކުމެ އާމްދަނީ ހޯދުމުގައި އަވަދިނެތި އުޅުނެވެ.

"އަހަރެންގެ އަމިއްލަ ނަފްސަށް ބަލާލުމެއްނެތި އަހަރެން އުޅުނީ. އަހަރެން ހުރިހާކަމެއް ފަސްކުރަމުން އައީ ވާކިފަށް ޓަކައި... އޭނާ ދުށް ހުވަފެންތައް އޭނާއަށް ހޯދައިދޭން. މިއަދު އެކަންވެއްޖެ... އެކަމަކު އަހަރެންނަށް މި ދިރިއުޅުމުން ކަމެއް ހާޞިލްކުރާނޭ ފުރުޞަތެއް ތަޤްދީރު ނުދިން. މިއަދު އަހަރެންނަށް މިޖެހުނީ ދިރިހުރުމަށް ޓަކައި ހަނގުރާމަކުރާން... އެހެންވިޔަސް މިކަމުގައި ކުށްވެރި ކުރާނީ ކާކު؟. މިހާތަނަށް ދިރިއުޅުމުގެ ހުރިހާ ނިންމުންތަކެއް ނިންމަމުން އައީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި. ވާކިފްގެ މަޖުބޫރުކަމެއްނެތި." ޚިޔާލުތަކުގައި އިނދެފައި އަމިއްލަ ނަފްސަށް ރަހާ ވާހަކަދެއްކި އެވެ.

* * * * *

ހެނދުނުގެ ވަގުތެވެ. ބެލްކަނީގައި އިނދެފައި ރަހާ ގޭތެރެއަށް ވަދެގެން އައީ ބަދިގެއަށެވެ. ސިންކު ދޮށަށް ކައިރިވެލާފައި އަތުގައި އޮތް ޖޯޑުގައި ނުބޮވި ބާކީވެފައި ހުރި ސައިފޮދު ސިންކަށް އޮއްސާލި އެވެ. ޖޯޑު ދޮންނަން ހުއްޓާ ފަހަތުން ވާކިފްގެ އަޑު އިވުނެވެ.

"ހާދަ ހެނދުނަކާ ހޭލީ. އަހަރެންނަށް ހޭލެވުނީ ރަހާ އެނދުގައި ނެތިގެން." އާ ފުރެމުން ވާކިފް ބަދިގެއަށް ވަދެގެން އައެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ނިދަންލާ ހަރުވާޅާއެކު ހުރުމުން ވާކިފް އެ އައީ އެނދުން ހިއްލާލި ގޮތަށްކަން ރަހާއަށް އެނގުނެވެ.

"އަހަރެން މިހާރު ފަތި ހޭލާތީ އެގޮތަށް އާދަވެއްޖެ. ނިންޖެއް ވެސް ނާދޭ... ވާކިފް ހެނދުނު ސައިނުބޯތީ އަހަރެން އެއްޗެއް ނުހަދަން." ވާކިފަށް އަވަސް ނަޒަރެއް ދީފައި ރަހާގެ ސަމާލުކަން ހުއްޓާލީ ދޮންނަމުންދިޔަ ޖޯޑަށެވެ.

"އަދިވެސް ބަލީތަ؟." ރަހާގެ ފަރާތުން ދުރުކަމެއް ފެންނާތީ ވާކިފް ލަފާކުރި އެވެ. އޭނާ އައިސް ރަހާގެ ފަހަތުން ބައްދާލި އެވެ.

"ހުންވައްތަރުވެލާފައި ހުންނަނީ. އަނެއްހެން ރަނގަޅު... ހަތެއް ޖަހަނީ. އޮފީހަށް ނުދާ ދުވަހަކީތަ؟." ރަހާ ބޯ އަރިކޮށްލާ ވާކިފަށް ލުއި ހިނިތުންވުމެއް ދިނެވެ.

"އާން. މިއަދު އެއްކޮށް ރަހާއާއެކީ އުޅޭނީ. އާޒިމްއަށް ވެސް މެސެޖުކޮށްލައިފިން މިއަދު ގޭގަ މަޑުކޮށްލާނެ ވާހަކަ." ވާކިފް ބުންޏެވެ. އޭނާ ރަހާއާ ދުރަށް ޖެހިލުމަށްފަހު ރަހާގެ ކަނާއަތް ފަރާތުން ތިރީކަބަޑުސެޓު ކައިރީ ލެނގިލީ އަނބިމީހާގެ މޫނު ފެންނާނޭހެންނެވެ.

"އެހެންވީރު އަހަރެން ކޮންމެވެސް އެއްޗެއް މި ރެޑީކޮށްލަނީ. އެގް ސޭންޑްވިޗް އޯކޭތަ؟. ވާކިފް ދޭ ފާޚާނާއަށް ވަދެލަން. ކާއެއްޗެހި ހެދެންވާއިރަށް ކޮފީ ތަށި ގެންގޮސްދޭނަން." ރަހާ މިހެންބުނެ އެނބުރިލީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ.

"ސައިބޮއެގެން މިއަދު ފާޚާނާއަށް ވަންނާނީ. ސޯފާގައި މީނީ." ރަހާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރި ވާކިފް ބުންޏެވެ.

ސިޓިންރޫމަށް އައިސް ސޯފާގައި އިށީންނަން އުޅުނު ވާކިފްގެ ހަރަކާތްތައް މަޑުޖެހުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަދޮރު ކައިރީ ފާރުގައި ޖައްސާފައި ހުރި ކެބިނެޓްގެ މަތީ ބަހައްޓާފައިވާ ގަހެވެ. ހުދުކުލައިގެ މާތަކެއް އަޅާފައި އެ ގަހަކީ އެ ގޭތެރެއިން ކުރީން ފެނުނު މަންޒަރެއް ނޫނެވެ. އަނެއްކޮޅުން ރަހާއަކީ ގަސް ގެންގުޅޭން ލޯބިކުރާ އަންހެނެއްނޫންކަން ވާކިފްއަށް އެނގެ އެވެ.

"ރަހާ." ވާކިފްއަށް ގޮވާލެވުނީ ނިކަން ބާރަށެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910