ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

86 ޕޮޒިޓިވް، 72 ދިވެހިން ހިމެނޭ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ކޮވިޑް ނަންބަރު ވަރަށް ބޮޑަށް ދަށްވުމަށްފަހު ނަންބަރު ތަންކޮޅެއް މަތިވި ދުވަހެކެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 57 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް 29 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 72 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 14 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,742 އަރާފަ އެވެ. މިއަދު ޓެސްޓް ކުރީ 1،356 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 42 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،589 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،112 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 67 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތެރޭގެ 18 ރަށެއްގައި 146 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 11 ފަތުރުވެރިންނާއި 15 މުވައްޒިފުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.