ބޮލީވުޑް

ސަނާ ބުރުގާ އަޅައި ފިލްމީ ދުނިޔެއާ ދުރަށް

ސަލްމާން ޚާންގެ "ޖެއި ހޯ" ގެ ބަތަލާ ސަނާ ޚާން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއާ ދުރަށް ހިނގައްޖެ އެވެ. މޮޑެލް އަދި އެކްޓަރު ސަނާ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމީ މަސައްކަތާއި މޮޑެލް ކުރުން އަދި އެނޫން ވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ކުރަމުދިޔަ މަސައްކަތްތައް މުޅިން ހުއްޓާލާފައި އިންސާނިއްޔަތަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ކަލާޒް ޗެނަލުން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހަ ވަނަ ސީޒަނުގައި ވެސް ބައިވެރިވެފައިވާ ސަނާ ފިލްމު އިންޑަސްޓްރީގައި އޭނާ މަސައްކަތް ކުރާތާ ވަރަށް ގިނަ އަހަރު ވެއްޖެ އެވެ. އަދި އެ އިންޑަސްޓްރީން އޭނާއަށް މަޝްހޫރުކަމާއި ގަދަރުގެ އިތުރުން ވަރަށް ބޮޑު މުއްސަނދިކަމެއް ވެސް ލިބިއްޖެ ކަމަށާއި އެކަމަށްޓަކައި ފޭނުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ނަމަވެސް މިއީ އަހަރެން ދުނިޔެއަށް ފޮނުއްވި މަގްސަދު ނޫން ކަމާއި މުދަލާއި މަޝްހޫރުކަން ފަހާ ދުވުމަކީ ދުނިޔެއަށް ފޮނުއްވި ސަބަބު ނޫންކަން އަހަންނަށް މިހާރު ވިސްނިއްޖެ. ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދިނުމަކީ އިންސާނުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްކަން އަހަންނަށް ވިސްނުނީ ވަރަށް ގިނަ ދުވަހަކު އެކަމާ ވިސްނައިގެން. މީހުންނެއް ނުވިސްނާތަ ކޮންމެ ވަގުތެއްގައި ވެސް އެމީހަކު މަރުވެދާނެ ކަމަކަށް؟ މަރުވުމަށްފަހު އެ މީހަކާ ދޭތެރޭ ކަން ވާނެ ގޮތަކަށް؟ މި ދެ ސުވާލުގެ ޖަވާބު އަހަރެން ހޯދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ޚާއްސަކޮށް ދެ ވަނަ ސުވާލުގެ ޖަވާބު،" ސަނާގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

"އަހަރެން މި ޖަވާބު ހޯދީ އަހަރެންގެ ދީނުން (އިސްލާމް ދީނުން). އަހަރެންނަށް ޔަގީން ކުރެވުނީ މި ދުނިޔެއަކީ އާޚިރަތުގެ ރަނގަޅަކަށްޓަކައި ލައްވާފައިވާ ތަނެއްކަން. އަދި ހެއްދެވި ފަރާތް އެންގި ގޮތަށް އެކަލާންގެ އަޅުން އުޅުނީމަ ކަން އެންމެ ރަނގަޅު ވާނީ. ފައިސާ އާއި މަޝްހޫރުކަން ހޯދުމަކީ ނޫންކަން އެމީހާގެ އަމާޒަކަށް ވާން ވާނީ. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ފާފަތަކުގައި އުޅުންކަން އެންމެ ރަނގަޅީ މިއަދު ވިސްނިއްޖެ،" ބުރުގާ އަޅައިގެން ނަގާފައިވާ ފޮޓޮއަކާ އެކު ސަނާ ޝެއާ ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

ފިލްމީ ނުވަތަ މޮޑެލް ކުރުން ނުވަތަ އެ ނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާއެއްގެ އެއްވެސް ކަމެއްގައި މީގެ ފަހުން އޭނާ އާ ނުގުޅަން ވެސް ސަނާ އެދިފައި ވެއެވެ.

ސަނާ އެކްޓިންގެ ދުނިޔެއަށް ވަނީ 2005 ގައި ރިލީޒްކުރި ހިންދީ ފިލްމު "ޔޭ ހޭ ހައި ސޮސައިޓީ" އިންނެވެ. އޭގެ ފަހުން ވަރަށް ގިނަ ހިންދީ، މެލަޔާލަމް، ތެލުގޫ، ތަމަޅަ އަދި ކަންނާޑާ ބަހުން އުފައްދާފައިވާ ފިލްމުތައް ކުޅެފައި ވެއެވެ. ޓީޥީ ޝޯ "ފިއާ ފެކްޓާ" އާއި "ބިގް ބޮސް" ގައި ވެސް ބައިވެރިވި އެވެ.

ސަނާގެ ކުރިން ބަތަލާ ޒާއިރާ ވަސީމް ވެސް ވަނީ އިސްލާމް ދީނަށް އުޅެން ވެގެން އެކްޓިން އާ ދުރަށް ދިޔަކަން އިއުލާން ކޮށްފަ އެވެ. ޒާއިރާ މިކަން އިއުލާން ކުރުމުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކޮށް ފާޑުފާޑުގެ އެއްޗެތި ކިޔާފައި ވެސް ވެއެވެ.